ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގައި އިންޑިޔާގެ ބައިވެރިވުން ބޮޑު!

ރާއްޖޭގެ ކަންކަންމުގައި އަބަދުވެސް އިންޑިއާގެ ބައިވެރިވުން ބޮޑެވެ. މިފަހަރު މުޅިން އާ ސޮފުހާ އެކެވެ. ނިއުދިއްލީގައި މިރޭ ފަށާ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އިންޑިޔާގެ ބައިވެރިވުންވެސް މިއޮތީ ބޮޑުކޮށެވެ. އެ ގައުމުން އިންވެސްޓްމަންޓް ފޯރަމްގައި ކޮމާސް މިނިސްޓަރު ނިރްމަލާ ސިތަރަމަން ބައިވެރިވެ ވަޑައިގަންވާއިރު މަތީފެންވަރުގެ ވިޔަފާރިވެރިންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

"އިންޑިޔާ އާއި އަޅުގަނޑުމެންނަކީ ވަރަށް އުހުއްވަތްތެރި ދެ ގައުމު އަބަދު ވެސް ވަރަށް ގާތުން މަސައްކަތް ކުރޭ. ރައީސް އަބްދުﷲ ޔާމީން އާއި ޕްރައިމް މިނިސްޓަރު މޯދީގެ ސަރުކާރާ ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް ބަދަހިވެފައި،" ނިއުދިއްލީގެ އަޝޯކް ހޮޓެލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމަށް ތައްޔާރުވަމުން ދިޔައިރު، މިނިސްޓަރު ސައީދު ވަނީ އިންޑިޔާ އަށް ވަޑައިގެން ކޮމާސް މިނިސްޓަރާ ބައްދަލު ކުރައްވާފަ އެވެ.

ސައީދު ވިދާޅުވީ ދިރާއްޖެ އާއި އިންޑިޔާގެ ރައްޔިތުންނަކީ ވެސް ޒަމާނުއްސުރެން ފެށިގެން ގާތް ރަހުމަތްތެރި ގުޅުމުން ގުޅިފައިވާ ދެ ގައުމު ކަމަށާއި ދެގައުމުގެ ގުޅުން ދަނީވެސް އިތުރަށް ބަދަހިވަމުން ކަމަށެެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ އިންޑިޔާގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިންޑިޔާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިންޑިޔާ ޗެމްބަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް (ފިކީ) ގެ ބައިވެރިވުމާއެކުގަ އެވެ. އެ ޖަމިއްޔާގެ މެންބަރު ކުންފުނިތަކުގެ ތެރޭގައި އިންޑިޔާގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ ނިއުދިއްލީގެ ތާޖު ހޮޓެލްގަ އެވެ. މިގޮތުން މިރޭ އޮންނާނީ "ގާލާ ޑިނާ" އެވެ. ގާލާ ޑިނާގައި ރާއްޖެ އާއި އިންޑިޔާގެ އެންމެ ބޮޑެތި ކުންފުނިތައް ބައިވެރިވާނެ އެވެ. އަދި ރަސްމީކޮށް އިންވެސްޓްމަންޓް ފޯރަމް ހުޅުވުން އޮންނާނީ މާދަމާ ހެނދުނު އިންޑިޔާ ގަޑިން 9.30 ގަ އެވެ.

-- ނިއުދިއްލީން: މުހައްމަދު އަފްރާހު