ވިޔަފާރި

އިގްތިސާދީ ބަދަލުގައި ހިއްސާވުމަށް އިންވެސްޓަރުންނަށް ގޮވާލައިފި

  • ފޯރަމް ރަސްމީކޮށް ހުޅުވާނީ މާދަމާ
  • 400 ވިޔަފާރިއެއް މި އަހަރު ބައިވެރިވޭ
  • ރާއްޖޭގައި އިންވެސްޓްކުރަން ގޮވާލި

ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު ބަދަލުކޮށްލުމަށް، ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތް ތަކުގައި ހިއްސާވެ، ބައިވެރިވުމަށް އިންވެސްޓަރުންނަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ގޮވާލައްވައިފި އެވެ.

ނިއުދިއްލީގެ "ތާޖު ހޮޓެލް" ގައި މިރޭ ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ގާލާ ނައިޓުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ގިނަ ދާއިރާތަކެއް އެބަހުރި ކަމަށެވެ. އަދި މާދަމާ އިންވެސްޓްމަންޓް ފޯރަމް ފެށުމުން އެ ދާއިރާތައް އެނގިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"ރާއްޖޭގައި ހުރި ވިޔަފާރީގެ އާ ފުރުސަތުތައް އެބަހުރި. ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ތަސައްވަރާއެކު ރާއްޖެ ތަރައްގީ ކުރެވޭނެ. އަޅުގަނޑުމެން މި ތިބީ ވިޔަފާރިވެރިން ގުޅުވާލުމަށް އެހީވެދޭން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކޮށްގެން ދެރައެއް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިޔަފާރިވެރިންނަށް ދެރައެއް ދީފައެއް ނޯންނާނެ. ރާއްޖެ އޮތީ އިންވެސްޓްމަންޓަށް ހުޅުވިފަ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ތަފާތު ދާއިރާ ތަކެއް އެބަހުރި ކަމަށެވެ.

"ޓޫރިޒަމްގައި އެބަހުރި ޓައިމް ޝެއާ އާއި ވެކޭޝަން އޯނާޝިޕް ފަދަ ދާއިރާތައް އިންވެސްޓް ކުރެވޭނެ. އިންޓަގްރޭޑް ދާއިރާ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިޔާއަކީ ރާއްޖެއަށް ފުރުސަތު ތަކެއް ހުރި ގައުމެއް ކަމަށާއި، އެ ގައުމު ކައިރިވުމަކީ އޮތް ފައިދާއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ މީގެ ކުރިން އިޝްތިހާރުކުރަނީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އެކަނި ކަމަށާއި، ނަމަވެސް ސަރުކާރުން އެކަން ބަދަލުކޮށްފައިވާ ކަމަށެވެ.

"ކުރިން ނުދަން ދުނިޔޭގެ ބޮޑެތި ސިޓީތަކަށް، ރާއްޖޭގައި އިތުރު ފުރުސަތު ތަކެއް ހުރިކަމެއް. ރާއްޖެއަށް ވިޔަފާރިވެރިން އައިސް އިންވެސްޓުކޮށް، ދެ ފަރާތަށް ފައިދާވާނެ ފަދަ ވިޔަފާރި ތަކެއް ކުރާނެ ފުރުސަތުތައް ހުރިކަން މިހާރު އެނގޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމްގައި މިރޭ ބޭއްވި ގާލާ ނައިޓުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ. މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ. މި ހަފުލާގައި ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެެރިޔާ ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި އިންވެސްޓްމަންޓް ފޯރަމް ސްޕޮންސާކުރި އެކި ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުންވެސް އޮތެވެ.

ނިއުދިއްލީގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމް ހުޅުވުން އޮންނާނެ އެވެ. އިންޑިޔާ ގަޑިން 9.30 ގައި ފޯރަމް ހުޅުއްވައި ދެއްވާނީ ނައިބް ރައީސް އެވެ.

ނިއުދިއްލީން: މުހައްމަދު އަފްރާހު