ލައިފްސްޓައިލް

ޒުވާން އުމުރުގައި އިސްތަށިގަނޑު ނުރަވަނީ މި ސަބަބުތަކާ ހެދި

Nov 22, 2016

އިސްތަށިގަނޑު ނުރަވުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭ ފަރާތަކީ "ޖީން" އެއް ނޫނެވެ. ސިއްހީ ތަޖުރިބާކާރުން ބުނަނީ މިހެންނެވެ. އިސްތަށިގަނޑު ނުރަވާން ފެށުމުގައި ބައެއް ފަހަރަށް ޖީންގެ އެއްވެސް ރޯލެއް ވެސް ނޯވެ އެވެ.

އާންމުކޮށް ގިނަ މީހުންގެ ބޮލުގައި އޮންނަ އިސްތަށިގަނޑުގެ ކުލަ އަށް "ރިހި އަޅިކުލައެއް" އަރަން ފަށަނީ އުމުރުން 30 އަހަރުން މައްޗަށް ދާ ފަހުންނެވެ. އެކަމަކު އުމުރުން 20 އަހަރުގައި ވެސް އިސްތަށިގަނޑު ނުރަވުމުގެ މައްސަލަ ދިމާވުމަކީ ބައެއް ފަހަރަށް އާންމު ކަމެކެވެ. ވަކިން ހާއްސަކޮށް 20 އަހަރުގެ އެ ޒުވާނާގެ މަންމަ އާއި ބައްޕަ އަކީ ވެސް ޒުވާން އުމުރުގައި އިސްތަށިގަނޑު ނުރަވެފައިވާ ދެ މީހުން ކަމުގައި ވަނީ ނަމަ، ފުރާވަރުން ނެއްޓޭއިރަށް އިސްތަށިގަނޑު ނުރަވުމުގެ ފުރުސަތު އޮވެދާނެ އެވެ.

އެކަމަކު ޒުވާން އުމުރުގައި ނުރަވުމުގެ މައްސަލަ އާއިލާ ތެރޭގައި ނެތް ނަމަ އިސްތަށިގަނޑު ތިޔަ ނުރަވަނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި އެވެ. ނުވަތަ އުޅެން ޖެހިފައިވާ މާހައުލެއްގެ ސަބަބުންނެވެ.

ސްޓްރެސް ލެވެލް މާ މަތިވުން

މިއީ ބައެއް ތަޖުރިބާކާރުންގެ މެދުގައި ހިޔާލު ތަފާތުވެފައި އޮތް ކަމެކެވެ. ނަމަވެސް ނުރަ އިސްތައްޓާއި ސްޓްރެސްއާ ދެމެދު އޮތް ގުޅުމަކީ ކިހާ ވަރުގަދަ ގުޅުމެއްކަން ބައެއް ދިރާސާތަކުން ސާބިތުކޮށްފައިވެ އެވެ. އެގޮތުން ނިއު ޔޯކް ޔުނިވާސިޓީ އިން ނޭޗާ މެގަޒިން ޖާނަލްގައި 2013 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ސްޓްރެސް ލެވެލް މަތިވުމަކީ އިސްތަށިން ސްޓެމް ސެލް ދަށްކޮށްދޭ ކަމެއް ކަމަށެވެ. ސްޓެމް ސެލްސް އަކީ އެހެން ސެލްސްތަކަށް ދިރުމާއި ބާރު ދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ސެލްސްތަކެކެވެ.

އެހެންވީމަ ޒުވާން އުމުރުގައި ސްޓްރެސް ލެވެލް މަތިވުމަކީ، އިސްތަށިގަނޑުގެ ކޮލިޓީ އާއި ކުލަ ބަދަލުވުމަށް މެދުވެރިވެދާނެ ސަބަބެއްކަން ސައިންސް މެދުވެރިކޮށް ސާބިތުކުރެވިދާނެ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ގައުމުތަކުގައި ރައީސް ކަމަށް ވަޑައިގަންނަވާ ބޭބޭފުޅުން ވެސް އެހާ އަވަހަށް ނުރަވަނީ ސްޓްރެސް ލެވެލް މަތިވުމުގެ ސަބަބުންނާއި ކުއްލިއަކަށް އާންމު ދިރިއުޅުމަށް އެ އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

ސިއްހީ މައްސަލައަކާ ހެދި ވެސް ނުރަވެދާނެ

އެކަމަކު މިއީ އެހާ އާންމު ކަމެއް ނޫނެވެ. ނަމަވެސް ތައިރޮއިޑާއި ޕިޓިއުޓަރީ ގްލޭންޑްގެ ސިއްހީ މައްސަލަތަކާ އެކު ދިރިއުޅެން މަޖުބޫރުވެފައިވާ ނަމަ، ވިހި ފަންސަވީހުގައި ނުރަވުމުގެ ފުރުސަތު އޮވެ އެވެ.

މީގެ އިތުރުން އިސްތަށިގަނޑަށާއި ހަންގަނޑަށް ސީދާ ގެއްލުން ދިނުމުގެ ގާބިލުކަން ލިބިފައިވާ ބަލިތަކުގެ ސަބަބުން ވެސް ކުއްލިއަކަށް އިސްތަށިގަނޑު ނުރަވާން ފަށައިފާނެ އެވެ. އެފަދަ ބަލިތަކަށް ކިޔަނީ އޮޓޯއިމިއުން ޑިޒީސް އެވެ. މިސާލަކަށް ވިޓިލިގޯ ނުވަތަ ހުދުބަލި އެވެ. މި ބަލީގައި ހަށިގަނޑަށް ހަމަލާ ދީ ގެއްލުން ދެނީ ސީދާ ހަށިގަނޑުގެ އަމިއްލަ ސެލްސްތަކެވެ. އެފަދަ ހާލަތުގައި ނުރަވުމުގެ ފުރުސަތު ބޮޑެވެ.

ބޭނުންވާ މިންވަރަށް ވިޓަމިން ނެތީމަ ކަމަށް ވެސް ވެދާނެ

ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންސް އޭގެ އެކަށީގެންވާ މިންވަރުން ދަށަށް ދިއުމަކީ ސިއްހީ ގޮތުން ތަފާތު މައްސަލަތަކެއް ނުކުމެދާނެ ކަމެކެވެ. އެގޮތުން ބަލާއިރު ވިޓަމިން ބީ12 ހަށިގަނޑުން ދަށްވުމަކީ އިސްތަށިގަނޑު ޒުވާން އުމުރުގައި ހަލާކުވެ ނުރަވުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މީގެ އިތުރުން ވެޖިޓޭރިއަންއަކަށްވުމާއި ބާތު ކޮންޓްރޯލް ޕިލްސް ނެގުން ފަދަ ދިރިއުޅުމުގެ އާދަތަކަކީ ވެސް ސިއްހީ ގޮތުން އިސްތަށިގަނޑަށް ގެއްލުން ފޯރަފާނެ ކަންކަމެވެ.

މާ ގަދަ އަށް ދުންފަތުގެ އިސްތިއުމާލުކުރަނީ

ޑޮކްޓަރުންނާއި ތަޖުރިބާކާރުން ބުނާ ގޮތުން ނަމަ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ދެވޭ އެންމެ ބޮޑު ގެއްލުމެވެ. ވަކިން ހާއްސަކޮށް ސިނގިރޭޓް ބޯ ނަމަ އުމުރުން 30 އަހަރުވުމުގެ ކުރިން އިސްތަށިގަނޑު ނުރަވުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާތަކުން ވެސް އެނގިފައި އެބަހުއްޓެވެ.

ގަވާއިދުން، ގަދަ އަށް ސިނގިރޭޓް ބޯ މީހުންގެ ހަންގަނޑަށް ލިބިފައިވާ ގެއްލުންތައް ހަމަ ލޮލަށް ވެސް ނިކަން ފަސޭހައިން ފާޅުވާން ހުރެ އެވެ. ޑޮކްޓަރުން ބުނަނީ އެމީހުންގެ ހަންގަނޑުގައި ރޫޖެހި ދެރަވެގެންދާ ގޮތަށް ބޮލުގެ "ތަލަ" އަށް ވެސް އެ ވަރަށް ގެއްލުން ލިބި އިސްތަށިތަކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށެވެ.

އެކަމަކު މި ސަބަބާއި މަތީގައި ބަޔާންކުރި މި ހުރިހާ ސަބަބުތަކަށް ވުރެން ވެސް ބޮޑަށް އިސްތަށިގަނޑު ނުރަކޮށްލުމުގެ ހަގީގީ ބާރު ލިބިފައި ވަނީ އެމީހެއްގެ ހަށިގަނޑުގެ ޖީންސްތަކަށެވެ. އެކަމަކު އާއިލާ ތެރޭގައި ޒުވާން އުމުރުގައި ނުރަވުމުގެ މައްސަލައެއް ނެތި، ޒުވާންއުމުރުގައި އިސްތަށިގަނޑު ނުރަވާ ނަމަ ސިއްހީ ތަޖުރިބާކާރެއްގެ ލަފައާއި އިރުޝާދު ހޯދުން މުހިންމެވެ.