ޗައިނާ

ސިލްކް ރޫޓާބެހޭ މައުލޫމާތު ދިނުމުގެ މަހާސިންތާއެއް ފަށައިފި

ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ޗައިނާ އިން ގާއިމުކުރާ "ސިލްކް ރޫޓް" އާ ބެހޭ ގޮތުން ސަރުކާރުގެ އެކި ވުޒާރާތަކަށް މައުލޫމާތު ދިނުމުގެ މަހާސިންތާއެއް ޗައިނާ ސަރުކާރުން މިއަދު ރާއްޖޭގައި ފަށައިފި އެވެ.

ބަންޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ބާއްވާ މި މަހާސިންތާއަކީ ޗައިނާ އެމްބަސީ އާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ފަރާތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންއެކެވެ. އެގޮތުން ޗައިނާ ބެލްޓް އެންޑް ރޯޑްއާ ބެހޭ ގޮތުންނާއި އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ޗައިނާ އިން ވަމުން އަންނަ އެހީތަކާ ބެހޭ މުހިންމު މައުލޫމާތު ދިނުމަށް މި މަހާސިންތާގައި ވަނީ އެޖެންޑާ ކޮށްފަ އެވެ.

ޗައިނާ ބެލްޓް އެންޑް ރޯޑްއާ ގުޅޭ ފުރަތަމަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީއާ ހަވާލުވެ ހުންނެވި، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ޗައިނާ ބެލްޓް އެންޑް ރޯޑްގެ ސަބަބުން އޭޝިއާގެ ދެ ފަރާތުންނާއި އެފްރިކާ އަދި އޯޝިއޭނިއާ، ބިމާއި ކަނޑުގެ މަގުން ގުޅުވައިދޭނެ ކަމަށެވެ. އޭގެ ސަބަބުން މި ރީޖަން އާއި އެހެން ރީޖަންތަކަށް ބޮޑު ވިޔަފާރީގެ މާކެޓެއް ހުޅުވިގެންދާނެ ކަމަށާއި އަދި ޕާޓްނަރު ގައުމުތަކާއިއެކު އިންފްރާސްޓަކްޗާ އަދި އިންވެސްޓްމަންޓުތަކާއި އިޖްތިމާއީ އަދި އިގްތިސޯދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ރާއްޖެއަށް ވަރަށް ހާއްސަ މަޝްރޫއެއް. ޗައިނާގެ ރައީސް އިސްނަންގަވައިގެން 21 ސެންޗަރީގެ މެރިޓައިމް ސިލްކް ރޯޑް އިނީޝިއޭޓިވް ނެންގެވީތީ ފަހުރުވެރިވަން. އަދި އެކަމުގައި ރާއްޖެއިން ދެވުނު ތަރުހީބެއް ދީ ފުރިހަމަޔަށް ބައިވެރިވާނަން،" އިރުތިޝާމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޗައިނާއާ ރާއްޖޭގެ ގުޅުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވަރުގަދަވެފައިވާ ކަމަށާއި އަދި މުސްތަގުބަލުގައި ބައިނަލްލަގުވާމި މައްސަލަތަކުގައި ޗައިނާއާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.