އަބްދުﷲ ޖިހާދު

"24 ގަޑިއިރު ރާއްޖެ އޮންނާނީ އިންވެސްޓަރުންނަށް ހުޅުވިފައި"

Nov 22, 2016

ސައުވީސް ގަޑިއިރު ރާއްޖެ އޮންނާނީ ހުރަހެއް ނެތި އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނިއު ދިއްލީގައި މިއަދު ފެށި، އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައި ދެއްވަމުން ދެއްކެވި ވާޙަކަފުޅުގަ އެވެ.

  • އިގްތިސޯދު ދަނީ ރަނގަޅު ވަމުން
  • ޖީޑީޕީ ބޮލަކަށް ޖެހޭ އަދަދު މަތިވާނެ
  • ކުރީގެ ޖީޑީޕީއަކީ 275 ޑޮލަރު

ރާއްޖޭގެ ކުރީގެ ފިނޭންސް މިނިސްޓަރު ކަމާއި ގަވަރުނަރުކަން ވެސް ކުރެއްވި އަދި މިހާރު ރާއްޖޭގެ ނައިބް ރައީސް ޖިހާދު ވިދާޅުވީ ރާއްޖެއަކީ 1977 ވަނަ އަހަރު ދުނިޔޭގައި އޮތް އެންމެ ފަގީރު އެއް ގައުމު ކަމަށާއި، އޭރު ޖީޑީޕީން ބޮލަަށް ޖެހެނީ 275 ޑޮލަރު ކަމަށެވެ. ނަމަވެސް މިހާރު ޖީޑީޕީގެ ގޮތު ރާއްޖޭގައި ބޮލަަށް 7،000 ޑޮލަރު ޖެހޭ ކަމަށެވެ.

އެ ކާމިޔާބީ ހާސިލް ކުރެވުނީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއި ދިވެހިންގެ ބުރަ މަސައްކަތުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ މި ކާމިޔާބީތަކާއެކު، މިއަދު ރާއްޖެ ދަތުރު ކުރަމުން ދަނީ މުޅިންއާ މިސްރާބަަކަށް ވިޔަފާރިއާއި ތަރައްގީގެ ހިސާބަކަށް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އިގްތިސާދީ އެޖެންޑާއާއެކު، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލު ތަކެއް މިހާރު ވެސް ގެނެސްދެވިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމަށްވަޑައި ގަތުމަށްފަހު، ގެނެސްދެއްވާފައިވާ އިގްތިސޯދީ ބަދަލުތަކުގެ ތެރެއިން އިންފްލޭޝަން މިންގަނޑެއްގެ ތެރޭގައި ބޮޑުނުވެ، ހިފެހެއްޓި އަދި ބަޖެޓުގެ ދަރަނި ވެސް ކުޑަ ކުރެވިފައިވާ ކަމަށްވެސް ނައިބު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމް މިއަދު ހުޅުވާފައިވާއިރު ފޯރަމްގައި 400 އެއްހާ ކުންފުނި ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތައް ހިމެނެ އެވެ.

ނިއުދިއްލީން: މުހައްމަދު އަފްރާހު