އިންވެސްޓްމެންޓް ފޯރަމް

ދިއްލީގައި އިވެންސްޓްމެންޓް ފޯރަމް ރަސްމީކޮށް ފަށައިފި

  • އިންވެސްޓަރުންގެ ބައްދަލުވުންތައް ކުރިޔަށް
  • އިންޑިއާ ނޫސްވެރިންގެ ސަމާލުކަން ހޯދި
  • ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތައް ހިމެނޭ

ރާއްޖޭގެ ތިންވަނަ އިންވެސްޓްމެންޓް ފޯރަމް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށައި މިއަދު ރަސްމީކޮށް ހުޅުވާލައިފި އެވެ. ފޯރަމް އިފްތިތާހުކޮށް ދެއްވީ ރާއްޖޭގެ ނައިބު ރައީސް، އަދި ކުރިން ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދެވެ.

ނިއުދިއްލީގައި ހުންނަ ދުނިޔެއަށް މަޝްހޫރު ތާޖު ހޮޓެލްގައ މިއަދު ފެށި ފޯރަމް ބާއްވާފައި ވަނީ އިންޑިޔާގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިންޑިޔާ ޗެމްބަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް (ފިކީ) ގެ ބައިވެރިވުމާއެކުގަ އެވެ. އެ ޖަމިއްޔާގެ މެންބަރު ކުންފުނިތަކުގެ ތެރޭގައި އިންޑިޔާގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

މިއަދު ތާޖު ހޮޓެލްގެ "ދުރްބާރު ބޯލްރޫމް" ގައި ފޯރަމް އިފުތިތާހު ކުރުމާއެކު އިންޑިޔާގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ބައްދަލުކޮށް ވިޔަފާރީގެ އެކި މަޝްވަރާތައް ވަނީ ފަށާފަ އެވެ. އަދި ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންޑިޔާގެ ބޮޑެތި ވިޔަފާރިވެރިންނަށްދީ ޕްރެޒެންޓޭޝަންތައް ހުށަހަޅައި ދެމުން އަންނަ އިރު ފޯރަމްގެ ހަވާސާގައި ވެސް އިންވެސްޓަރުން ގެންދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. މި ފޯރަމް ކުރިޔަށް ދާއިރު އިންޑިއާގެ ނޫސްވެރިންގެ ސަމާލުކަން ވެސް ހޯދާފައި ވެއެވެ.

ފޯރަމް ޝަރަފުވެރި ކޮށްދެއްވައި ޖިހާދު ވިދާޅުވީ 24 ގަޑިއިރު ރާއްޖެ އޮންނާނީ ހުރަހެއް ނެތި އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ކަމަށާއި ރާއްޖެއަކީ 1977 ވަނަ އަހަރު ދުނިޔޭގައި އޮތް އެންމެ ފަގީރު އެއް ގައުމު ކަމަށެވެ. އޭރު ޖީޑީޕީން ބޮލަަށް ޖެހެނީ 275 ޑޮލަރުޖެހޭއިރު މިހާރު ޖީޑީޕީގެ ގޮތު ރާއްޖޭގައި ބޮލަަށް 7،000 ޑޮލަރު ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ ކާމިޔާބީ ހާސިލް ކުރެވުނީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއި ދިވެހިންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މި ކާމިޔާބީތަކާއެކު، މިއަދު ރާއްޖެ ދަތުރު ކުރަމުން ދަނީ މުޅިންއާ މިސްރާބަަކަށް ވިޔަފާރިއާއި ތަރައްގީގެ ހިސާބަކަށް. ރައީސް އަބްދުﷲ ޔާމީން އިގްތިސާދީ އެޖެންޑާއާއެކު، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލު ތަކެއް މިހާރު ވެސް ގެނެސްދެވިއްޖެ،" ޖިހާދު ވިދާޅުވި އެވެ.

ފޯރަމް ފެށި އިރު އިންޑިޔާ އާއި ރާއްޖޭގެ 400 ވިޔަފާރި ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި އިންޑިޔާގެ ބޮޑެތި އަދި މަޝްހޫރު ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ގޮތުން ރާއްޖޭގެ 200 އަށްވުރެ ގިނަ ވިޔަފާރި މި ފޯރަމްގައި ހިމެނެ އެވެ.

އިންވެސްޓްމަންޓް ފޯރަމްއަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އަންގައި ދިނުމަށް ސަރުކާރުން ބާއްވާ ފޯރަމެކެވެ. އިންވެސްޓްމަންޓް ފޯރަމް މީގެ ކުރިން ސިންގަޕޫރާއި ޗައިނާގައި ވެސް ބާއްވާފައިވާއިރު ދިއްލީއަށް ފަހު ދެން މި ފޯރަމް ގެންދާނީ ގަތަރުގެ ވެރިރަށް ދޯހާއަށް ކަމަށް ސަރުކާރުން ވަނީ މިއަދު އިއުލާންކޮށްފައެވެ. އިންވެސްޓްމެންޓް ފޯރަމަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމެކެވެ. -- ނިއުދިއްލީ އިން : މުހައްމަދު އަފްރާހު