ދުނިޔެ

މިސްރުގެ ސްކޫލެއްގައި ކުއްޖަކަށް އަނިޔާކުރުމުން މަރުވެއްޖެ

Mar 10, 2015

މިސްރުގެ ސްކޫލެއްގައި ފިރިހެން ކުއްޖަކަށް އޭނާގެ ޓީޗަރު ކުރި އަނިޔާތަކުގެ ސަބަބުން މަރުވެއްޖެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 12 އަހަރުގެ ކުއްޖާ އާދީއްތަ ދުވަހު މަރުވީ ހޮނިހިރު ދުވަހު ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އެ ބަޔާނުގައި ބުނީ ވަރަށް ސީރިއަސްކަމާ އެކު މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި މި މައްސަލާގައި ހިމެނޭ ޓީޗަރު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މިސްރުގެ ނޫސްތަކުން ބުނާ ގޮތުގައި އިސްލާމް ޝަރީފް ނަމަކަށް ކިޔާ ކުއްޖާ އަށް އަނިޔާކޮށްފައި ވަނީ ގޭގައި ހަދަން ދިން ފިލާވަޅު ނުހަދައި ސްކޫލަށް އައުުމުންނެވެ.

މިސްރުގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ވެރިޔާ ހިޝާމް އަބްދުލް ހަމީދު ވިދާޅުވީ އެ ކުއްޖާގެ ބޮލަށް އަނިޔާ ލިބިފައިވާ ކަމަށާއި މަރުވެފައި ވަނީ ސިކުނޑި އަށް ލޭ ފޭދިގެން ކަމަށެވެ.

އަނިޔާކުރީ މަރާލަން ނޫން ކަމަށާއި އެއީ ދަރިވަރުން އިސްލާހު ކުރުމަށް އާންމުކޮށް ދޭ އަދަބުތަކުގެ ބައެއް ކަމަށް ޓީޗަރު ބުނާ ކަމުގައި، މިސްރު ސަރުކާރުގެ ނޫސް އަލް އަހްރާމްގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުުގެ ޑިސެމްބަރު މަހު މިސްރުގެ ނެޝަނަލް ކައުންސިލް ފޯ ޗައިލްޑްހުޑް އެންޑް މަދަހުޑް އިން ބުނެފައިވާ ގޮތުގައި އެ އަހަރުގެ ޖެނުއަރީ މަހާއި އޮކްޓޫބަރު މަހާ ދެމެދު ކުޑަކުދިންނަށް ކުރި އަނިޔާ ވަނީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 55 ޕަސެންޓް އިތުރުވެފަ އެވެ. މީގެ ތެރެއިން 50 ޕަސެންޓަކީ ސްކޫލްތަކުގައި ދޭ އަނިޔާ ކަމަށް ވެސް ބުނެފައިވެ އެވެ. --ބީބީސީ