ވިޔަފާރި

އެޗްއާރުސީން މާލެ އަތޮޅުގެ ހަތަރު ފަޅެއް ހިއްކައިގެން ރިސޯޓު ހަދަނީ

Nov 22, 2016
4
  • އިންވެސްޓް ކުރަން އެންމެ ފަހި ގައުމަކީ ރާއްޖެ
  • 50 ރިސޯޓެއްގެ މަސައްކަތް ކޮށްފައިވޭ
  • މުޅިން މަޝްރޫއުތަކުގެ އަގު 500 މިިލިއަން ޑޮލަރު

ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އިން މާލެ އަތޮޅު ހަތަރު ފަޅު ހިއްކައިގެން ރިސޯޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނިއުދިއްލީގައި މިއަދު ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ކޮންފަރެންސުގައި އެޗްއާރުސީގެ ޗެއާމަން އަދި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ދެއްވި ޕްރެޒެންޓޭޝަންގައި ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ބެހޭ ގޮތުން ވިދާޅުވީ އެ ކުންފުނިން ބޭރުގެ ޕާޓްނަރަކާ ގުޅިގެން މާލެ އަތޮޅުގައި ހަތަރު ފަޅެއް ހިއްކައިގެން ރިސޯޓު ހަދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ރާއްޖެއަކީ ދުނިޔޭގައި ވެސް އޮތް އިންވެސްޓް ކުރަން އެންމެ ފަހި އެއް ގައުމު. މީގެ ހެއްކެއް އަޅުގަނޑު މިހާތަނަށް ވާނެ ބޭރުގެ ޕާޓްނަރުންނާ ގުޅިގެން ކާމިޔާބު އެތައް މަޝްރޫއެއް ހިންގާފައި،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީރިއަސްކޮށް އިންވެސްޓް ކުރުުމުގެ ވިސްނުން ގެންގުޅޭ ބަޔަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ކަމަށެވެ.

"މިހާރުގެ ސަރުކާރުން އިންވެސްޓްމަންޓް މާހައުލަށް ގިނަ ކަންތައްތަކެއް ގެނެސްދީފައިވޭ. ރިސޯޓު ތަރައްގީ ކުރާނަމަ ތިން އަހަރުގެ ޑިއުޓީ ފްރީ ޕީރިއަޑެއް ލިބޭ. މިގޮތަށް އެތައް ކަމެއް ހިމެނޭ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްއާރުސީއަކީ ރާއްޖޭގައި އޮތް ހަމައެކަނި ރިސޯޓު ކޮންސްޓްރަކްޝަނަށް ހާއްސަ ކުންފުނި ކަމަށާއި، އެ ކުންފުނިން މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކާމިޔާބު އެތައް މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޖަނާހު އިތުރަށް ވިދާޅުވީ އެ ކުންފުނިން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ދުބާއީ، އަންނަތާރާ ބަނާނާ އައިލެންޑް މަޝްރޫ އާއި ރާއްޖޭގެ ގިލިލަންކަން ފުށި ރިސޯޓް ފަދަ މަޝްހޫރު ގިނަ ރިސޯޓުތަކެއް ހިމެނޭ ކަމަށެވެ.

"އަންނަންތާރާ ބަނާނާ އައިލެންޑް މަޝްރޫއަކީ 350 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.