ވިޔަފާރި

"އިންވެސްޓްމަންޓް ފޯރަމުން ރާއްޖެއާމެދު އޮތް އިތުބާރު އެނގިއްޖެ"

Nov 22, 2016
  • އިތުރު ފޯރަމްތައް ބާއްވަން ޖެހޭ
  • ފޯރަމްތަކުން ޓޫރިޒަމްވެސް އިޝްތިހާރުވޭ
  • މި ފޯރަމް ވަރަށް ކާމިޔާބު

ނިއު ދިއްލީގައި ބޭއްވި، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުން އެނގުނީ ރާއްޖެއާމެދު އިންވެސްޓްރުންގެ ވިސްނުން ވަރަށް ޕޮޒިޓިވްކަން ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތިންވަނަ އިންވެސްޓްމަންޓް ފޯރަމްގައި ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު ސައީދު ވިދާޅުވީ ދިއްލީ ފޯރަމުން އެނގުނީ ރާއްޖެއާމެދު އިންވެސްޓްރުން ޕޮޒިޓިވް ވަރު ކަމަށާއި، މި ފަދަ ފޯރަމްތައް އިތުރަށް ބާއްވަން ޖެހޭކަން ކަމަށެވެ.

"ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަކަށް ވަރަށް އިތުބާރު އެބައޮތް އެކަން އެނގުނީ. ރާއްޖޭގައި މިހާރު އެބައޮތޭ ތިމަންނަމެންނަށް ރަނގަޅު ޔަގީންކަމެއް އެބައޮތޭ. އެގޮތުން ކުރާ މަސައްކަތްތަކުގެ ނަތީޖާ އެބަ ފެނޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ފޯރަމުން އެނގިގެން ދިޔަ އަނެއް ކަމަކީ އިންޑިޔާ ފަދަ ގައުމުތަކުގައި މިފަދަ ފޯރަމްތައް ބޭއްވުމުގެ މުހިންމުކަން ކަމަށެވެ.

"މި ފަދަ ފޯރަމްތައް ބޭއްވުމުގެ ސަބަބުން ބޭރަށް ރާއްޖެ ވަރަށް ބޮޑަށް އެނގިގެން އެބަދޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭން އަމިއްލަ އިސްނެގުމަކަށް މިފަދަ ފޯރަމްތައް ރޭވުމަކީ ރާއްޖޭގެ ޓޫރިޒަމް ވެސް އިޝްތިހާރު ވެގެންދާނެ ކަމެއް ކަމަށެވެ.

"ރާއްޖޭގައި މުޅިން އަލަށް 50 ރިސޯޓު އެބަ ހުޅުވާނެ. އެހެންވެ އިންޑިޔާއާ ނުލައި އިތުރު މާކެޓުތަކެއް ނުހުންނެ ބަލާކަން. އެހެންވެ އިންޑިޔާގައިވެސް ރާއްޖެ އެބަޖެހޭ އިޝްތިހާރު ކުރުމަށް. މިފަދަ ފޯރަމްތަކުގެ އެންމެ ހާއްސަ ބޭނުމަކީވެސް މިއީ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭން އިސް ނަގައިގެން ބޭއްވި ތިންވަނަ އިންވެސްޓްމަންޓް ފޯރަމްގައި 400 ވަރަށް ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ. އަދި މިއަދު ބޭއްވި ވިޔަފާރީގެ އެކި ބައްދަލުވުންތަކުގައި އިންޑިޔާގެ ބައެއް ވިޔަފާރިވެރިން ވަނީ ދިވެހި ވިޔަފާރިތަކާއެކު މަޝްވަރާ ކޮށްފަ އެވެ.