އެކްސިޑެންޓް

ކުޅުދުއްފުށީގައި އެކްސިޑެންޓެއްވެ، މީހަކު ސީރިއަސް ހާލަތަށް

ހދ. ކުޅުދުއްފުށީގައި މިރޭ އެކްސިޑެންޓެއް ހިނގައިފި ދުވަސްވީ ފިރިހެނަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ވަހީދު މިރޭ ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާއަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ޒަހަމްގެ ތަފްސީލްތައް އޭނަ އަށް އަދި ސާފުވެވަޑައިގެންފައި ނުވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ އެ ރަށު ގުލްދަސްތާގޭ، ހުސައިން ޔޫސުފަށެވެ. އެއީ 74 އަހަރުގެ މީހެކެވެ.

އޭނާ އެކްސިޑެންޓްވެފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. އެ ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ ކަމަށް ބުނެ އެވެ. އެކްސިޑެންޓްވި ހުސެއިންގެ ފަޔަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.