ދުނިޔެ

އެޕަލްގެ ގަޑިން 10:09: މި ވަގުތުގެ ސިއްރަކީ ކޮބާ؟

އެޕަލްގެ އުފެއްދުންތަކަށް މަރުދޭ ފަރާތްތަކުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދަނީ އެމީހުންގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "އެޕަލް ވޮޗް" އަށް ކަން ޔަގީނެވެ. މި އަތުކުރި ގަޑިއަކީ "ސްމާޓް ވޮޗް" ގެ ދުނިޔެ ބަދަލުކޮށްލާނެ އާލާތެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މީގެ އިޝްތިހާރުތައް ވަނީ މިހާރު ވެސް އެއް ބައެއްގެ ސަމާލުކަން އަތުލައިފަ އެވެ.

އިޝްތިހާރުތަކުން ފެންނައިރު އެޕަލްގެ މި ހިތްގައިމު އުފެއްދުމުގެ "ވަގުތަކީ 10:09" އެވެ. އެޕަލް ވޮޗްގެ ހުރިހާ ފޮޓޯތަކެއްގައި ވެސް އޭގެ ވަގުތަކީ "10:09" އެވެ.

އެހެންވީމަ މި ވަގުތާ ގުޅިފައިވާ ހާއްސަކަމަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

އޭގެ ކުރިން އެޕަލްގެ އައިފޯނާއި އައިޕެޑްގެ "ވަގުތު" ވެސް ފާހަގަކޮށްލާނަމެވެ. އައިފޯނުތަކުގެ ޕްރޮމޯޝަނަލް ފޮޓޯތަކުގައި އެޕަލް އިން އާންމުކޮށް ދައްކާލާފައި ހުންނަ ވަގުތަކީ "9:42" އެވެ. އޭގެ ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

މި "9:42" ގެ ވަގުތަކީ އެޕަލްގެ ކުރީގެ ބާނީ ސްޓީވް ޖޮބްސް ރަސްމީކޮށް އައިފޯނު ދުނިޔެ އަށް ދައްކާލެއްވި ވަގުތެވެ. އައިފޯނުގެ ކަލަންޑަރު އެޕްގެ ދުވަހަކަށް، ޕްރޮމޯޝަނަލް ފޮޓޯތަކުގައި އާންމުކޮށް "ނުވައެއް އަދި އަންގާރައެއް" ދައްކާލާފައިވަނީ ވެސް އައިފޯނު ތައާރަފްކުރި ދުވަހާ ގުޅުވާލައިގެންނެވެ.

ފަހުގެ ޕްރޮމޯޝަންތަކުގައި އެޕަލްގެ އައިފޯނުގެ މި ހާއްސަ ވަގުތުގެ އެއް މިނެޓް ލަސްކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެއީ އެޕަލް އިން އެމީހުންގެ އައިޕެޑް ތައާރަފްކުރި ގަޑިއަށެވެ.

ކޮންމެއަކަސް އެޕަލްގެ އާ އުފެއްދުން ކަމުގައިވާ އެމީހުންގެ ސްމާޗް ވޮޗްގެ ވަގުތު "10:09" ގެ ގޮތުގައި އިޝްތިހާރުކޮށްފައި ވަނީ މިފަދަ އެއްވެސް ސިއްރެއް އޭގައި އޮވެގެން ކަމަކަށް ނުބެލެވެ އެވެ. ބާޒާރަށް ނެރޭ ގަޑިތަކުގައި، "ވަގުތު" މިގޮތަށް އިޝްތިހާރުކުރުމަކީ އޭގެ ތާރީޚާ ގުޅިފައިވާ ކަމެކެވެ.

ގަޑި އުފައްދާ މީހުން ތަބާވާ މި އުސޫލު ތައާރަފްކުރި ބަޔަކީ މަޝްހޫރު ހެމިލްޓަން ވޮޗް ކޮމްޕެނީ އެވެ. އެއީ 1926ގަ އެވެ. އެމީހުންގެ އިޝްތިހާރުތަކުގައި ބޭނުންކުރީ "10:10:30" ގެ ވަގުތެވެ. އެ ހިސާބުން ފެށިގެން އެންމެން ވެސް ފޮލޯކުރަމުން އައީ މި ޓްރެންޑެވެ.

މަޝްހޫރު ރޮލެކްސް ގަޑިތަކުގެ އިޝްތިހާރުތަކުގައި ދައްކާލާފައި ހުންނަ ވަގުތަކީ "10:10:31" އެވެ. ޓައިމެކްސްގެ ގަޑިތަކަށް ހާއްސަ ވަގުތަކީ "10:09:36" އެކެވެ.

ފާހަގަކޮށްލަން ޖެހެނީ މި ހުރިހާ ކުންފުނިތަކެއްގެ ގަޑިތައް ވެސް ދިހަޔެކުން ކަޓައިގެން ގޮސްފައި ނުވާ ކަމެވެ. ނަމަވެސް އެންމެ ކުރިން މިކަން އޮތީ މިހެންނެއް ވެސް ނޫނެވެ.

އެންމެކުރިން މިގޮތަށް ބޭނުންކުރި ފެޝަނަކީ "8:20" ގެ ވަގުތެވެ. ނަމަވެސް މި ޓްރެންޑް ދޫކޮށްލަން ގަޑި ކުންފުނިތަކުން ނިންމީ ގަޑީގެ ދެ ކަށި އެ ވަގުތަށް ސެޓްކުރުމުން "ހިތާމަވެރި މޫނެއް" ގެ ސިފަ އަށް ގަޑީގެ މޫނުމަތި ބަދަލުކޮށްލާތީ ކަމަށް ބުނެވެ އެވެ.

މި ސަބަބާ ހެދި "10:10" ގެ ވަގުތު ފަހުން މަޝްހޫރުވެފައި ވަނީ "އުފާވެރި މޫނެއްގެ ސިފަ" ގަޑީގެ މޫނުމަތިގަނޑަށް ގެނެސްދޭތީ ކަމަށް ބުނެވެ އެވެ.

މީގެ އިތުރުން ގަޑި ކުންފުނިތަކުގެ މި ވަގުތާ ގުޅުވައިގެން އެހެން ވާހަކަތަކެއް ވެސް ދެކެވެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުން ގަޑިތަކުން "ހުއްޓުވާލާފައިވާ މި ވަގުތަކީ" އެމެރިކާގެ ކުރީގެ ރައީސް އެބްރަހަމް ލިންކަން އަވަހާރަކޮށްލި ވަގުތެވެ. އަދި މިއީ ދެ ވަނަ ބޮޑު ހަނގުރާމާފައި ނަގާސާކީ އާއި ހީރޯޝީމާ އަށް ނިއުކްލިއާ ބޮން އެޅި ވަގުތު ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

އެހެންވީމަ އެޕަލް އިން ދައްކާލާފައިވާ "ވަގުތު" ގެ ސިއްރެއް ވެސް ނޭނގެ އެވެ.

ކޮންމެއަކަސް އެޕަލްގެ މި ހިތްގައިމު ގަޑި އަށް އޯޑަރު ކުރުމުގެ ދޮރު އެމީހުން ވަނީ މިހާރު ހުޅުވާލައިފަ އެވެ. ރަސްމީކޮށް މި ގަޑި ބާޒާރަށް ނެރޭނީ އަންނަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

މި ގަޑީގެ އެންމެ އާދައިގެ އަގުތައް ފެށެނީ 349 ޑޮލަރުންނެވެ. އެއަށް ފަހު 549 ޑޮލަރާއި 10،000 ޑޮލަރާ ދެމެދުގެ އަގުތަކުގައި ވެސް ގަޑިތައް އެބަހުއްޓެވެ. އެންމެ އަގުބޮޑީ ރަނުން ޖަރީކޮށްފައިވާ ގަޑިތަކެވެ.

މި އުފެއްދުމަކީ އެޕަލް އިން އައިޕެޑް ތައާރަފްކުރި ފަހުން މުޅިން އަލަށް ބާޒާރަށް ނެރޭ ފުރަތަމަ ޕްރޮޑަކްޓެވެ. މިފަހުން ގެނެސްދިނީ އައިފޯނާއި އައިޕެޑްގެ އާ ވާޝަންތަކެވެ.

އެޕަލް ވޮޗުގެ ހުރިހާ ފީޗާސްތަކެއްގެ ހިތްގައިމުކަން ބެލުމަށް އެޕަލްގެ ފޯނެއް އަތުގައި އޮތުން ކޮންމެހެން ވެސް މުހިންމެވެ.