އިންޑަސްޓްރިއަލް ވިލެޖް

ސިނާއީ އަވަށް ޖެނުއަރީގައި ނިމޭނެ: މިނިސްޓަރު

ސިނާއީ މަސައްކަތަށް މާލޭގެ ހުޅަނގު ފަރާތުން ހިއްކާފައިވާ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މަހަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ލަސްވެގެންދިޔައީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖް ކުރިން ހުޅުވަން ނިންމާފައިވަނީ މިއަހަރުގެ މިނިވަން ދުވަހު އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ނިންމުމަށް ނެރުގެ މަސައްކަތްވެސް މިހާރު ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ. އެ ވިލެޖުން ކުނި މެނޭޖް ކުރުމަށް ދޭން ހަމަޖެހިފައިވާ ބިން މިމަހުގެ 29 ވަނަ ދުވަހު އެންވާރަމެންޓް މިނިސްޓްރީ އާއި ހަވާލުކުރާނެ ކަމަށެވެ.

"އިންޑަސްޓްރިއަލް ވިލެޖުގައި ހަދަން ހަމަޖެހިފައިވާ ވޭސްޓްޔާޑް މިމަހުގެ 29ގައި އެންވާރަމެންޓް މިނިސްޓްރީ އާއި ހަވާލުކުރާނަން. އިންޑަސްޓްރިއަލް ވިލެޖުގެ އެންމެ ބޮޑު ބައެއް މިދަނީ އިންޑްސްޓްރިއަލް ވިލެޖް ގާއިމްކުރުމަށް. އަދި އެ ވިލެޖުގައި ހަދަން ހަަމަޖެހިފައިވާ ވޯކްޝޮޕްތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަސައްކަތް ނިމޭއިރު ނެރުގެ ފައިކަށީގެ މަސައްކަތްވެސް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި ގާއިމްކުރަން ހަމަޖެހިފައިވާ ވޭސްޓް ޔާޑުގެ މަސައްކަތް ނިމުމުން މާލެއިން ކުނި ބޭރުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އިންޑަސްޓްރިއަލް ވިލެޖު އަންނަ ޖެނުައަރީމަހު ހުޅުވާއިރު އެ ވިލެޖުގައި މާލޭގައި ގާއިމްކުރަން ހަމަޖެހިފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްގެ ޕާކިން ބިލްޑިން އެއް އެޅުމަށްވަނީ ހަމަޖެހިފަ އެވެ. މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޕާކިން ސިސްޓަމްތައް ގާއިމްކޮށް ނިމޭނެ ކަމަށެވެ. އަދި ފުރަތަމަ ޕާކިން ސިސްޓަމް އަންނަ ޖެނުއަރީމަހު ބަހައްޓާނެ ކަމަށެވެ.

އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ ކާރު ޕާކިން ސިސްޓަމްގެ ކޮންމެ ސިސްޓަމެއްގައި 10 ކާރު ޕާކު ކުރެވޭނެ އެވެ. އަދި ސައިކަލު ޕާކިން ސިސްޓަމެއްގައި 100 ސައިކަލު ޕާކު ކުރެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ކާރު ޕާކު ކުރާ ފުރަތަމަ ނިޒާމް ގާއިމް ކުރާނީ ވެލާނާގޭ ސަރަހައްދުގައި ކަމަށެވެ. މި ނިޒާމްގެ ދަށުން 10 ސައިކަލު ޕާކިން ސިސްޓަމާއި 10 ކާރު ޕާކިން ސިސްޓަމް ގާއިމްކުރާނެ އެވެ. މިނިސްޓަރު ވިދާޅުވީ ޕާކިން ސިސްޓަމާއި ބެހޭ ގަވައިދުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއިން މެކޭނިކަލް ޕާކިން ސިސްޓަމްތައް ގާއިމް ކުރަން ނިންމާފައިވީ ނަމަވެސް މިހާރުވެސް އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ ޕާކިން ޒޯންތައް ގާއިމް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ ޕާކު ސަރަހައްދާއި ދިރާގު ބިލްޑިން ކައިރީގައިވެސް މިހާރު ވަނީ ޕާކިން ޒޯނެއް ގާއިމްކޮށްފައެވެ.