އަވަސް ވީކެންޑް

އަޒީގެ ހިތްވަރުން ތިނަދޫ އަށް ދިރުން

  • ތިނަދޫގައި ފުރަތަމަ ގެސްޓް ހައުސް ފެށި
  • ގެސްޓްހައުސް ވިޔަފާރިން ރަށަށް ފައިދާ
  • ދިވެހިން ތަމްރީންކޮށް، ވަޒީފާއަށް ނެރެން ބޭނުން

އަހަރު ތަކެއް ކުރިން، ވ. ތިނަދޫއަކީ ބަޔަކު ދަންނަ ރަށެއް ނޫނެވެ. އާބާދީގައި އެންމެ 40 މީހުން އުޅޭ މިރަށުގައި، ކުރާނެ މަސައްކަތެއް ނޯވެ އެވެ. ދިރިއުޅުމުގައި މާކަބޮޑު ދިރުމެއް ނުފެނެ އެވެ. ނަމަވެސް ތިނަދޫގައި ލޯކަލް ޓޫރިޒަމް އުފަންވުމާއެކު، އެ ރަށަށް ދިރުން ގެނެސްދީފި އެވެ. މި މަސައްކަތް ކުރީ މަޝްހޫރު ގޯލްޑް ކޮއިން އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް އަޒީޒު، އާއްމުނަމުންނަމަ "ގޯލްޑް ކޮއިން އަޒީ" އެވެ. ތިނަދޫގައި އަޒީ ހުޅުވި ޕުލްމޭރިޔާ ގެސްޓްހައުސްގެ ވިޔަފާރިއާއެކު ތިނަދޫއަށް މިވަނީ ދިރުން ލިބިފަ އެވެ.

"ގެސްޓްހައުސްގެ ވިޔަފާރި ފެށުމާއެކު މި މަސައްކަތް ފަށައިފިން. އަޅުގަނޑަށް ވިސްނުނު ގޮތުގައި ރަށްތަކަށް ދިރުން ގެނައުމުގައި އެންމެ ރަނގަޅު އެއް ވިޔަފާރިއަކީ މިއީ،" ދެހާސް ދިހަ ވަނަ އަހަރު ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ނުކުންނެވި އަޒީޒު ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މުދާ ފޮނުވައި ދިނުމުގެ ހިދުމަތް ދޭ ކުންފުނީީގެ، ދަށުން އުފެއްދި ޕުލްމެރިޔާ ހޮޓެލް އެންޑް ރިސޯޓުން ފުރަތަމަ ހުޅުވީ، "ޕުލްމޭރިޔާ ބުޓީކް" އެވެ. ސުވިމިން ޕޫލާއެކު، 18 ކޮޓަރި ހުރި މި ގެސްޓް ހައުސްއަކީ މިހާރުވެސް ރާއްޖޭގައި ހުރި އެންމެ ފެންވަރު މަތީ އެއް ގެސްޓް ހައުސް އެވެ.

އަޒީޒު ވިދާޅުވި ގޮތުގައި 18 ކޮޓަރީގެ ގެސްޓް ހައުސްއެއް ހުޅުވުމަށްފަހު، އަވަސްވެ ގަތީ، ކޮޓަރިތައް އިތުރު ކުރުމަށް ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން ހުރީ ކޮޓަރިތައް އިތުރުކޮށްގެން ގިނަ މީހުންނަށް ވަޒީފާ ދިނުން. ފަންކޮޅެއް ފެންވަރު މަތިކޮށް އަޅުގަނޑުމެން މިތަން މި ހިންގަނީ. ބޭނުމަކީ މަސައްކަތް ކުރާ މީހުންނަށް ރަނގަޅު މުސާރައެއް ވެސް ދިނުން،. ބޭނުމަކީ ވީހާގިނަ ފައިސާ މިރަށަށް ހިންދުން،" އަޒީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި ގެސްޓްހައުސް ހުޅުވަން ހިޔާރުކުރީ ތިނަދޫގެ ތާރީހާއި ވ. އަތޮޅުގެ ހިތްގައިމުކަން ކަމަށެވެ.

"މި [ތިނަދޫ] ރަށުގައި ޖަންގަލި އެބައޮތް. ހިނގާލާނެ ތަން ވެސް އެބަ އޮތް. އެހެންވެ މި ތަން ހިޔާރުކުރީ."

ތިނަދޫގައި އެންމެ 18 ވަރަކަށް ކޮޓަރިން ފެށި އަޒީގެ ޕުލްމޭރިޔާގެ ވިޔަފާރި މިވަނީ ވަރަށް ފުޅާކޮށްފަ އެވެ. އޭގެ ފަހުން ތިނަދޫގައި "ޕުލްމޭރިޔާ ސީވިއު" ގެ ނަމުގައިވެސް ގެސްޓްހައުސްއެއް ވަނީ ހުޅުވާފަ އެެވެ. މިއާއެކު ސްޕާ އާއި ޖިމްގެ ހިދުމަތް ފެށުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ. އަދި މުވައްޒަފުންގެ އެކޮމޮޑޭޝަންގެ ހިދުމަތާއި މިނޫން ވެސް ހިދުމަތްތައް ވަނި ފައްކާކޮށްފަ އެވެ. އެގޮތުން މި ކުންފުނީގެ އިންވެސްޓްމަންޓުގެ އަގު މިހާރު 40 މިލިއަން ރުފިޔާ ފަހަނަ އަޅައި ގޮސްފި އެވެ.

"ފުރަތަމަ ހީކުރީ ވަރަށް ކުޑަކޮށޭ ދާނީ. އެކަމަކު މިހާރު މިވަނީ ވަރަށް ފުޅާވެފައި މިވަނީ،" އަޒީޒު ވިދާޅުވި އެވެ.

ޕުލްމެރިޔާގެ، ގެސްޓްހައުސް ވިޔަފާރި ތިނަދޫގައި އުފަންދުވުމާއެކު، އެހެން ގެސްޓްހައުސްތަކުގެ ވިޔަފާރިވެސް ވަނީ ފެށިފަ އެވެ. މިއީ އަޒީޒު ބޭނުންފުޅުލައްވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިރަށުގައި ތިބި މީހުން ބާރުވެރި ކުރުވަން. މި ވިޔަފާރި ފެށުމުން ޓްރާސްޕޯޓް. މާލޭގައި ދިރިއުޅޭ މީހުންނަށް ކުލިވެސް ލިބޭނެ. މިގޮތަށް ތަރައްގީ ލިބޭ،" އަޒީޒު ވިދާޅުވި އެވެ.

"ގެސްޓްހައުސް އިން ވަރަށް ރަނގަޅު ބަދަލު އާދެ. ދުނިޔެއަށް މީހުން ކަނެކްޝަން އެބައުފެދޭ. ކުރިން ހުންނާނީ މިރަށުގައި ވެސް ސިލޯނު ރައްޓެހިން. އެކަމަކު މިހާރު މި ރަށްޓެރިން ތިބެނީ އިޓަލީ ހިސާބު. މިރަށު [ތިނަދޫ] ގިނަ ކުދިން އިޓަލީ ބަހުން ވާހަކަ ދައްކާ. މީގައި ފައިސާ އެކަންޏެއް ނޫން. އިޖުތިމާއީ ގޮތުން ދުނިޔެއާ ގުޅުން ބަދަހިވުން މިއީ ކުރިއެރުމެއް."

އަޒީޒުގެ މިހާރުގެ ވިސްނުންފުޅަކީ ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު ތަމްރީން ދެވޭނެ ވަސީލަތްތަކެއް ގާއިމް ކުުރުމެވެ.

"އެހެންވެ ތަނާއި ވަސީލަތް ސަރުކާރުން ނޫނީ ކައުންސިލުން ތަނަވަސް ކޮށްދީފިނަމަ، ތަމްރީން ދޭ ތަނެއް ހުޅުވުމުގެ ވިސްނުން ހުރީ. ހޮސްޕިޓާލިޓީ ދާއިރާ އިން ތަމްރީން ކުރުން. މިފަދަ ތަނެއް ހެދިއްޖެނަމަ މުޅި ހިސާބަށް އޭގެ ފައިދާ ކުރާނެ. އަދި މަސައްކަތް ކުރާ މީހުންގެ ފެންވަރު މަތިވެ، މުސާރަ ވެސް ބޮޑުވާނެ،" އަޒީޒު ވިދާޅުވި އެވެ.

އަޒީޒުގެ ވިސްނުމަކީ ތިނަދޫ އާއި މުޅިން ގެސްޓްހައުސް ދާއިރާ ތަރައްގީ ކުރުމެވެ. އެ މަގުސަދުގައި އޭނާގެ މިހާރުގެ ވިސްނުން ހުރީ މީހުން ތަމްރީ ކުރުމަށެވެ. އަޒީޒު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖެއަށް ދިރުން ލިބެން އޮތް ހަމައެކަނި ގޮތަކީ މީހުން ބިނާ ކުރުމެވެ.