ވިޔަފާރި

އިންޑިޔާ އިން ރާއްޖެއަށް ބައިލައްކަ ޓޫރިސްޓުން

Nov 27, 2016

މި އަހަރުގެ މިހާތަނަށް އިންޑިޔާއިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައިލައްކައަށް ވުރެ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑިޔާއިން މިމަހުގެ ނިޔަލަށް 50،369 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 39،848 ޓޫރިސްޓުންނާ އަޅާބަލާއިރު، 26.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މަހުން މަހަށް ބަލާނަމަ މިދިޔަ މަހު 6،301 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޒިޔާރަތް ކުރި 4،344 ޓޫރިސްޓުންނާ އަޅާބަލާއިރު 45 ޕަސެންޓް އިތުރު އަދަދެކެވެ.

އިންޑިޔާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާ އިރު އަންނަ އަހަރު މި އަދަދު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް ދާއިރާގެ އަމިއްލަ ފަރާތްތައް ގުޅިގެން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކުގެ އިތުރުން ރާއްޖޭގެ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސްއިން ވަނީ އިންޑިޔާގެ ނިއު ދިއްލީ އާއި މުންބާއީ އަށް ސީދާ ފަތުރުތައް ފަށާފަ އެވެ. އަދި ނިއު ދިއްލީ އާއި މުންބާއީ އަދި ރާއްޖެ ގުޅުވައިލުމަށް، ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް ދަނީ ތައްޔާރު ވަމުންނެވެ.