ވިޔަފާރި

މިދިޔަ މަހު ޓޫރިޒަމަށް 11 ޕަސެންޓުގެ އިތުރުުވުމެއް!

Nov 26, 2016
1
  • އޮކިއުޕެންސީ 70 ޕަސެންޓުން މަތީގައި
  • ޓޫރިސްޓުންގެ އަދަދު 3.6 ޕަސެންޓް މަތި
  • ޔޫރަޕުން އައި މީހުންގެ އަދަދު އިތުރު

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި އައި ޓޫރިސްޓުންގެ އަދަދު 11.4 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 117،489 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޒިޔާރަތް ކުރި 105،498 ޓޫރިސްޓުންނާ އަޅާބަލާއިރު، 11.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 1،062،033 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރީ 1،024،775 ޓޫރިސްޓުންނެވެ. މިއީ 3.6 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 462،532 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 428،719 ޓޫރިސްޓުންނާ އަޅާބަލާއިރު 7.9 އިތުރު އަދަދެކެވެ. މިގޮތުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ ހަތް ގައުމަށް ބަލާއިރު، ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު 10.6 ޕަސެންޓް ދަށްވިނަމަވެސް، އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 11.7 ޕަސެންޓް އިތުރުވެފަ އެވެ. އަދި ރަޝިޔާ އިން 4 ޕަސެންޓް އިތުރުވިއިރު، އިޓަލީން ވެސް ވަނީ 10.3 ޕަސެންޓް އިތުރުވެފަ އެވެ. އަދި ޖަރުމަނުން 2.2 ޕަސެންޓް އިތުރުވެފައިވެ އެވެ. ނަމަވެސް ފްރާންސުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 3.2 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް ރަޝިޔާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 4.4 ޕަސެންޓް އިތުރުވެފަ އެވެ.

އެންމެ ގިނައިން އައި ހަތް ގައުމު

  • 1. އިނިގޭސިވިލާތް 11.7+
  • 2. އިޓަލީވިލާތް 10.2+
  • 3. ޖަރުމަނުވިލާތް 2.2+
  • 4. ފްރާންސް 3.2-
  • 5. ޗައިނާ 10.6-
  • 6. ރަޝިޔާ 4.4+
  • 7. އިންޑިޔާ 45+

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި 110 ރިސޯޓެއް އޮޕަރޭޓް ކުރަމުން ގެންދެ އެވެ. އަދި ރާއްޖޭގައި މިވަގުތު ހިންގަމުން ގެންދަނީ 28،454 އެނދެ އެވެ. އަދި އެވްރެޖު ގޮތެއްގައި ރާއްޖޭގެ އޮކިއުޕެންސީ ރޭޓް މިހާރު ހުރީ 74 ޕަސެންޓުގަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވަނީ 5.6 ރެ އެވެ.