ސީއެމްޑީއޭ

ކޯޕަރޭޓް ގަވަނަންސް އުސޫލަށް ކުންފުނިތައް ހިންގަންޖެހޭ: އަނިލް

Nov 28, 2016
1

ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް ކުންފުނިތައް ހިންގަންޖެހޭ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ސީ.އެމްޑީއޭ އިންސްޓިޓިއުޓް އަދި ސެކިއުރިޓީޒް ކޮމިޝަން މެލޭޝިޔާގެ ޓްރެއިނިން އިންސްޓިޓިއުޓް ކަމަށްވާ ސެކިއުރިޓީޒް އިންޑަސްޓްރީ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން "ވޯކްޝަޕް އޮން ކޯޕަރޭޓް ގަވަނަންސް ފޯ ޓްވެންޓީ ފަސްޓް ސެންޗަރީ ލީޑާސް" ގެ ނަމުގައި ފެށި ވޯކްޝޮޕް ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އަނިލް ވިދާޅުވީ ވިޔަފާރިއަށް ބޭނުންވާ ފައިސާ، ބޭންކްތައް މެދުވެރިކޮށް ހޯދުމުގެ އިތުރުން ކެޕިޓަލް މާކެޓް މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ކުންފުނިތަކަށް ލިބިފައިވާ ކަމަށާއި، ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ހޯދަން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް ކުންފުނިތައް ހިންގަންޖެހޭ ކަމަށެވެ.

އިތުރަށް ވިދާޅުވީ ވިޔަފާރި ފުޅާކޮށް، ބައިނަލްއަޤްވާމީ މާކެޓްގައި ވާދަ ކުރުމަށް އަދި ރަނގަޅު އިންވެސްޓަރުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ހޯދޭނީ ރަނގަޅު ކޯޕަރޭޓް ގަވަނަންސް ނިޒާމެއްގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާނަމަ ކަމަށާއި ވިޔަފާރީގައި ކޯޕަރޭޓް ގަވަނަންސްގެ ހަރުދަނާ އުސޫލްތައް ޤާއިމުކުރުމުގައި ފަސްޖެހި، އުސޫލުން ބޭރުން ކަންތައްތައް ކުރުމަކީ ނުރަނގަޅު ނަތީޖާތައް ނުކުންނާނެ ކަމެއްކަމަށެވެ. އަދި އޭގެ ސަބަބުން އިގްތިސާދަށްވެސް ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

ސީ.އެމްޑީއޭ. އިން އަންނަނީ ކޮންމެ އަހަރަކުވެސް ކޯޕަރޭޓް ގަވަނަންސް ވޯކްޝޮޕްތައް ބާއްވަމުންނެވެ.