އެމްޑީޕީ

ޗެއާޕާސަން ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވައިފި

Nov 28, 2016
3

އެމްޑީޕީގެ ޗެއާޕާސަން ގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ. އެމްޑީޕީން ބުނީ އަލީ ވަހީދު އެމަގާމުން އިސްތިއުފާ ދެއްވި އިރު އެޕާޓީ އިސްވެގެން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނައިބު ލީޑަރުކަމުންވެސް މިއަދު އަލީ ވަހީދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ އަލީ ވަހީދު އިސްތިއުފާ ދެއްވީ ޖަލަށްލެވި، އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ގައުމެއްގެ ހިމާޔަތުގައި ހުންނަވައި، އިތުރަށް މަގާމު ދެމެހެއްޓުމަށްވުރެ، ޕާޓީ އާއި ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބައްލަވައި، ޖަމާއާތުގެ މަސްލަޙަތަށްޓަކައި، ރާއްޖޭގައި ގާއިމްވެ ތިބި ފަރާތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި އަލީ ވަހީދާ ހަވާލާ ދެއްވައި ބުނެފައި ވަނީ ޕާޓީގެ ޗެއަޕާސަންކަމުގައި ހުންނަވައި ޕާޓީގެ އާއްމު މެމްބަރުންނަށް ޚިދުމަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތަކީ، އޭނާގެ ސިޔާސީ ޙަޔާތްޕުޅުގައި ލިބިވަޑައިގަތް އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ.

އަލީ ވަހީދު އިނގިރޭސި ވިލަތަށް ވަޑައިގެންނެވީ މޭޑޭގެ މުޒާހަރާއަށް ފަހު އެވެ.