ހަބަރު

އަންނަ މަހު ބްރިޖްގެ މައިތަނބުތަކުގެ ހޮޅިތައްޖަހާ ނިމޭނެ: މުއިއްޒު

މާލެ އާއި ހުޅުލެ ގުޅާލާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައި ތަނބުގެ ހުރިހާ ހޮޅިއެއް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޖަހާ ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. މައި ބްރިޖްގެ މައި ފަސް ތަނބު ހެދުމަށް 35 ހޮޅި ޖަހާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން މިރޭ ބޭއްވި "ހަބޭސް 3" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު މައި ތަނބުތައް އެޅުމަށް 31 ވަނަ ހޮޅި ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަންނަ މަސް ތެރޭ 35 ހޮޅި ޖަހައި ނިމޭނެ ކަމަށާއި އެ މަސައްކަތް ނިންމާލެވެނީ ތާވަލަށްވުރެ އެއް މަސް ކުރިން ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ރާވާފައި ވަނީ މާލެއާ ހުޅުލެ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ނިންމައި ހުޅުވުމަށެވެ.

ރާއްޖެއާއި ޗައިނާގެ އެކުވެރިކަން ދައްކުވާދޭ ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ.