ހަބަރު

ފެބުރުއަރީގެ އާމްދަނީއަށް 905.7 މިލިއަން ރުފިޔާ

Mar 10, 2015

މިދިއަ ފެބުރުއަރީ މަހުގެ ޖުމުލަ އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 905.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން ބުނީ ތަފާސް ހިސާބު ދައްކާގޮތުން މި އަދަދަކީ 2014 ވަނަ އަހަރު ފެބުރުއަރީ މަހު މީރާ އަށް ބަލައިގަތް އަދަދަށްވުރެ 84.7 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. މިދިއަ މަހު ބަލައިގެންފައިވާ އާމްދަނީ އިތުރުވީ ނޮވެންބަރު 2014 ގައި ޓޫރިޒަމް ޖީއެސްޓީ ރޭޓު 12 ޕަސެންޓަށް އިތުރުވުމުން ޓޫރިޒަމް ޖީއެސްޓީ ބަލައިގަތް އަދަދު 32.7 ޕަސެންޓް އިތުރުވެގެން ކަމަށެވެ.

އަދި ޓޫރިޒަމް ނޫން ދާއިރާގެ ޖީއެސްޓީ ބަލައިގަނެފައިވާ މިންވަރު 18.9 ޕަސެންޓަށް އިތުރުވުމާއި، ފެބުރުއަރީ 2014 އާ އަޅާބަލާއިރު ބަލައިގަނެފައިވާ ބީޕީޓީގެ އަދަދު 232 ޕަސެންޓް އިތުރުވުމާއި، ފެބުރުއރީ 2014 ގައި ބަލައި ނުގަންނަ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މިދިއަ މަހު ގައި ބަލައިގަތުމެވެ.

މިދިއަ އަހަރު އަހަރުގެ ފެބުރުއަރީ މަހަށްވުރެ 232 ޕަސެންޓް އިތުރަށް 2015 ފެބުރުވަރީ މަހު ލިބިފައިވާ ސަބަބަކީ ބީޕީޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑިކަމަށްވާ 31 ޖަނަވަރީ، ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން 1 ފެބުރުވަރީއަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން ޖަނަވަރީ މަހުގައި ލިބެންޖެހޭ ބީޕީޓީ އާމްދަނީން ބައެއް ފެބުރުވަރީ މަހުގައި ލިބިފައިވުމުންނެވެ.

މިއަހަރުގެ ޖަނަވަރީ 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 41.1 މިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ. އަދި ޖަނަވަރީ 2015 ގައި ލިބިފައިވާ އާމްދަނީއަކީ މި މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ     17.6  ޕަސެންޓް ދަށް އަދެދެކެވެ. އެހެން ދިމާވީ ޖީއެސްޓީގެ ސުންގަޑި ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން 1 މާރިޗަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން ފެބުރުވަރީ މަހުގައި ލިބެންޖެހޭ ބީޕީޓީ އާމްދަނީން ބައެއް މާރިޗު މަހުގައި ލިބިފައިވުން ނެވެ.

ޖަނަވަރީ 2015 ގައި ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 17 ޕަސެންޓް މަދުން ފަތުރުވެރިން އައިސްފައިވުމުގެ ސަބަބުން ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވެފައި ވުން ވެސް ހިމެނެއެވެ.

ވޭތުވެދިޔަ ފެބުރުވަރީ މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީންްނެވެ. ޖީއެސްޓީގެ ގޮތުގައި ފެބުރުވަރީ މަހުގެ ޖުމްލަ އާމްދަނީގެ 41.8 ޕަސެންޓް (378.82 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި، ޖުމްލަ އާމްދަނީގެ 21 ޕަސެންޓް (190.17 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ ފެބުރުވަރީ މަހުގެ ޖުމްލަ އާމްދަނީގެ  20.8 ޕަސެންޓް، (188.28 މިލިއަން ރުފިޔާ) އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 3.8 ޕަސެންޓް، (34.42 މިލިއަން ރުފިޔާ) އަދި އެއާޕޯޓް ސާވިސް ޗާޖުގެގޮތުގައި 3.7 ޕަސެންޓް، (33.88 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

މި އަހަރުގެ މިހާތަނަށް މީރާއިން 2.45 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ 2014 ވަނަ އަހަރުގެ ފުރަތަމަ ދެ މަހުގައި މީރާއިން ބަލައިގަނެފައިވާ އަދަދަށްވުރެ 36.2 ޕަސެންޓް އިތުރު އަދަދެކެވެ.