މެސީ

މެސީ ގެންދަން ޕީއެސްޖީއިން އޭނާގެ ބައްޕައާ ވާހަކަ ދައްކައިފި

Nov 29, 2016

ބާސެލޯނާގެ ފޯވަޑް ލިއޮނަލް މެސީ ގެންދަން ފްރާންސްގެ ޕީއެސްޖީއިން މެސީގެ ބައްޕަ ޖޯޖް މެސީއާ ބައްދަލުކޮށް ވާހަކަ ދައްކައިފި އެވެ.

ދުނިޔޭގެ އެންމެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔެއްގެ ގޮތުގައި ޕީއެސްޖީން އޮތީ މެސީ ލައްވައި އަންނަ ޖުލަ މަހު ސޮއި ކުރުވަން ތައްޔާރަށެވެ. މެސީގެ ބައްޕަ އާއި ބައްދަލު ކުރީ ޕީއެސްޖީގެ ފުޓްބޯޅަ ޑައިރެކްޓަރު ހޮލެންޑްގެ ފުޓްބޯޅައިގެ ލެޖެންޑް އަދި ކުރިން ބާސެލޯނާއަށްވެސް ކުޅެފައިވާ ޕެޓްރިކް ކްލައިވެޓެވެ.

ފްރާންސްގެ ދުވަހު ނޫހެއް ކަމަށްވާ އާރްޓީއެލް ފްރާންސުން ބުނެފައިވަނީ ބާސެލޯނާ އަށް ކުރިން ކުޅެފައިވާ ކްލައިވެޓް، މެސީގެ އާއިލާއާ ގަވައިދުން ބައްދަލު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ބޭނުމަކީ އަންނަ އަހަރު ޕީއެސްޖީއަށް ސޮއި ކުރުމަށް މެސީ އަށް ވިސްނައި ދިނުން ކަމަށެވެ.

ބާސާއިން ވަނީ މެސީ އަށް އޭނާގެ މިހާރުގެ ކޮންޓްރެކްޓް އާ ކުރުމަށް ހުށަހަޅާފަ އެވެ. ނަމަވެސް މިހާތަނަށް ކޮންޓްރެކްޓް އާ ކުރުމަށް މެސީ އެއްބަސް ވެފައެއް ނުވެއެވެ.

މެސީ ބާސާއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ކުރިން އޭނާ ގެންދަން ހުށަހަޅާނަމަ ޕީއެސްޖީން ދުނިޔޭގެ ރެކޯޑް ފީއެއް ބާސާއަށް ހުށަހަޅަން ޖެހޭނެ އެވެ.