ހަބަރު

ސިނާއީ އަވަށާއި ވިލިމާލޭ ކުނި މެނޭޖުކުރާ ބިމުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

މާލޭ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީ ކުރާ ސިނާއީ އަވަށާއި ވިލިމާލޭގައި ކުނި މެނޭޖު ކުރާ ބިމުގެ ވަށާފާރު ރާނަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ސިނާއީ އަވަށުގެ ކުނި މެނޭޖު ކުރާ ތަނުގެ ވަށާފާރު ރާނަން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓާ ހަވާލުކުރި އިރު ވިލިމާލޭގެ މަޝްރޫއު ހަވާލު ކުރީ ތަޝީޝާ ޕްރައިވެޓް ލިމިޓަޑަށެވެ. މި ދެ މަޝްރޫއަށް މުޅިއަކު ހަރަދު ވަނީ 1.1 މިލިއަން ރުފިޔާ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު މިއަދު ވިދާޅުވީ މާލޭގެ ސިނާއީ އަވަށުގެ މަސައްކަތް 35 ދުވަސް ތެރޭގައި ނިންމުމަށް ހަަމަޖެހިފައިވާ ކަމަށާއި އަންނަ މަހު ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް އެ ސަރަހައްދަށް ބަދަލު ކުރުމަށް ވެސް ރާވާފައިވާ ކަމަށެވެ.

"މާލޭގެ ކުނި މެނޭޖުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް. އޭގެ ހެއްކަކީ އިންޑަސްޓްރިއަލް ވިލެޖުގެ ކުނި މެނޭޖު ކުރާ ބިން އަޅުގަނޑުމެންނާ މިއަދު ހަވާލު ކުރެވުނު އިރު މިހާރު މި ތިބީ ވަށާފާރު އަޅާ އެތެރޭގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްގެން،" އާމިރު ވިދާޅުވި އެވެ.

ސިނާއީ އަވަށުގައި ކުނި މެނޭޖު ކުރަން ފަށަން ފަހުގެ ތައްޔާރީތައް ފަށައި، ވޭސްޓް ޔާޑު ހަދާ ބިން އެންވަޔަރުމެންޓް މިނިސްޓްރީއާ ހަވާލު ކުރީ މިއަދު ހެނދުނު އެވެ.

މީގެ އިތުރުން މިއަދު ވަނީ އައްޑު އަތޮޅު ހުޅުމީދޫ އާއި ފުވަމުލަކާއި، ގދ. ތިނަދޫ އަދި ވިލިނގިލީގައި ކުނި މެނޭޖު ކުރަން ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް ސުޕަވިޝަން އިންޖިނިއާ އާއި ހަވާލުކޮށްފައެވެ. އެ މަސައްކަތަށް 7.3 މިލިއަން ރުފިޔާ ހަރަދުވާއިރު އެ ފައިސާ ހަރަދު ކުރަނީ ޕީއެސްއައިޕީ ބަޖެޓުންނެވެ.