ގައުމީ ދުވަސް

ސިފައިންގެ ޑްރިލް މާދަމާ ގއ. ވިލިނގިލީގައި

Nov 29, 2016

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން މި އަހަރު ހުށަހަޅައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މާދަމާ ގއ. ވިލިނގިލީގައި ބާއްވަން ހަމަޖައްސައިފި އެވެ. މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަން ހަމަޖައްސާފައި ވަނީ ވެސް ވިލިނގިލީގަ އެވެ.

ސިފައިން ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ފަށަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު ވިލިނގިލީ ފުޓްބޯޅަ ދަނޑުގައެވެ. މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާއިރު، ޑްރިލް ސްކޮޑުގެ ބައިވެރިންނާއިއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް މާދަމާގެ ޑްރިލް ޑިސްޕްލޭގެ ހަރަކާތްތަކަށްފަހު ދޭނެ އެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރުމުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ރާއްޖޭގައި އުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ ފެބްރުއަރީ 4، 1946 ގައެވެ. އޭގެ ކުރިން ގައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހިން ފާހަގަކޮށްފައެއް ނުވެއެވެ. ޕޯޗުގީޒް އަޅުވެތި ކަމުގައި ރާއްޖެ 15 އަހަރާއި 6 މަސް ދުވަހު އޮތެވެ. ރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ވިލޭރޭގަ އެވެ.