އެޗްއައިވީ އޭޑްސް

ރާއްޖޭގައި މިވަގުތު ތިބީ އޭޑްސް ޖެހިފައިވާ ނުވަ މީހުން

Nov 29, 2016
  • އިތުރު މީހުން އުޅޭ ކަމަށް މިނިސްޓްރީން ލަފާ ކުރޭ
  • މިހާތަނަށް ރާއްޖެއިން އޭޑްސް ޖެހުނީ 23 މީހަކަށް
  • ބަލި ޖެހުނު މީހުންގެ ތެރެއިން 12 މީހަކު ވަނީ މަރުވެފައި

ރާއްޖޭގައި މިވަގުތު ތިބީ އޭޑްސް ޖެހިފައިވާ ނުވަ މީހުން ކަމަށާއި ނަމަވެސް އެ ނުވަ މީހުންގެ އިތުރަށް އެޗްއައިވީ ޖެހިފައިވާ މީހުން ރާއްޖޭގައި އުޅެމުން ދާނެ ކަމަށް ލާފާ ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު އާންމު ކުރި މައުލޫމާތު ކަރުދާހެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިހާތަނަށް 23 ދިވެއްސަކަށް އެޗްއައިވީ ޖެހިފައިވާއިރު އޭގެތެރެއިން 12 މީހަކު އޭޑްސް ބަލީގައި މަރުވެފައިވާ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ނުވަ މީހަކު އެޗްއައިވީ އަދި އޭޑްސް ބަލީގައި ދިރިއުޅެމުންދާ ކަމަށާއި އެ މީހުންގެ އިތުރަށްވެސް އެޗްއައިވީ ޖެހިފައިވާ މީހުން ރާއްޖޭގައި ދިރުއުޅެމުން ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ގިނަ މީހުނަށް އެމީހުންގެ ހަށިގަނޑުގައި އެޗްއައިވީ ހުރިކަން ނޭނގުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް އޭގައި ބުނެފައި ވެއެވެ.

ރާޢްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހެއް ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖެއަކީ އެޗްއައިވީ ޖެހިފައިވާ މީހުން ނިސްބަތުން މަދު ގައުމެކެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެދުމުގެ ތެރޭގައި މިހާތަނަށް 350 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ބަލި ފެނިފައިވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރަން ވޯކް ޕަރމިޓް ހަދަން ބޭނުންވާ މެޑިކަލް ހަދާއިރު ގައިންގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނަށް ވޯކްޕާމިޓް ދޭން ހަމަޖެހިފައިނުވާތީވެ، އެޗްއައިވީ އަށް ޕޮޒިޓިވް ވެއްޖެނަމަ އެމީހަކު އަނބުރާ ގައުމަށް ފޮނުވާލެވެއެވެ.

ރާއްޖޭގައި އެޗްއައިވީ ކޮންޓްރޯލް ކުރަން ސަރުކާރުންވަނީ ރާއްޖެއަކީ އެޗްއައިވީ މަދު ގައުމެއްގެ ގޮތުގައި ހަދަން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 1987 ވަނަ އަހަރުން ވަނީ ނެޝެނަލް އޭޑްސް ކައުންސިލް ގެ ނަމުގައި ކައުންސިލެއް އުފެއްދި އެވެ. އަދި 1991 ވަނަ އަހަރު ނެޝެނަލް އޭޑްސް ޕްރޮގްރާމް އުފައްދާފައި ވެއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަސް ފާހަގަ ކުރަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ އޭޑްސް ދުވަހުގެ ގޮތުގައެވެ. މި އަހަރު އޭޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ހާއްސަ ހަރަކާތެއް ހިންގަން ވަނީ ހަމަޖައްސާފަ އެވެ. އެ ހަރަކާތުގައި ހިލޭ އެޗްއައިވީ ޓެސްޓް ކުރުމުގެ ފުރުސަތު ދޭނެ އެވެ.