ދުނިޔެ

ނިއު ޒީލެންޑުގައި އުފައްދާ ކިރުގެ ބާވަތްތަކަށް ޒަހަރު ލާނެ ކަމަށް އިންޒާރު ދިން

Mar 11, 2015

ނިއު ޒީލެންޑުގައި އުފައްދާ، ކުޑަކުދިންނަށް ދޭ ކިރުގެ ބާވަތްތަކާއި ކިރުގެ އެހެން އުފެއްދުންތަކަށް ޒަހަރު ލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ސިޓީތަކެއް ލިބިފައިވާ ކަމަށް ނިއު ޒީލެންޑު ފުލުހުން ބުނެފި އެވެ.

ސިޓީތަކެއް މެދުވެރިކޮށް މި އިންޒާރު ދީފައި ވަނީ ކިރުގެ ބާވަތްތައް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ފޮންޓޭރާ އާއި ދަނޑުވެރިކަމާ ބެހޭ އިދާރާއަށެވެ. ފޮންޓޭރާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ އާންމުކޮށް ބޭނުންކުރާ ކިރުގެ ބާވަތްތައް އުފައްދާ ކުންފުންޏެވެ.

މި ސިޓީތައް ލިބުނީ މިދިޔަ ނޮވެމްބަރު މަހު ކަމަށާއި މިއީ ނިއު ޒީލެންޑު ސަރުކާރުން ދަނޑުވެރިކަމުގެ މަސައްކަތުގައި ވިހަ ޕެސްޓިސައިޑް ބޭނުންކުރަން ކަނޑައަޅާފައި އޮންނަ އުސޫލާ ދެކޮޅު ހަދައި އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ބުނެ ކޮށްފައިވާ ބްލެކްމެއިލެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ސިޓީއާ އެކު، ޒަހަރު ހުރި ޕެކެޓްތަކެއް ވެސް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނިއު ޒީލެންޑު ސަރުކާރުން ބުނީ މި އިންޒާރުގެ ސިޓީތަަކަށް ފަހު ވެސް، އެ ގައުުމުގެ ކިރުގެ އުފެއްދުންތައް ރައްކާތެރި ކަމަށާއި އެ ބޭނުންކުރުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"ނިއު ޒީލެންޑުގައި އުފައްދާ، ކުޑަކުދިންނަށް ހާއްސަ އަދި އާންމު ކިރުގެ ބާވަތްތައް ބޭނުންކުރުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އެބަ އޮތް،" މިނިސްޓްރީ ފޯ ޕްރައިމަރީ އިންޑަސްޓްރީސްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސްކޮޓް ގާލަޗާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޒާރުގައި ބުނެފައިވާ ޕެސްޓިސައިޑް ބޭނުންކޮށްގެން އުފެއްދުންތަކަށް ޒަހަރު ލާނެ ކަމަށް އިންޒާރު ދިން ފަހުން 40000 ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށާއި އެ ވިހައިގެ އެއްވެސް އަސަރެއް ފެނިފައި ނެތް ކަމަށެވެ.

ނިއު ޒީލެންޑު ފުލުހުން ބުނީ މިއީ ބަޔަކު ސިޔާސީ ފައިދާއެއް ހޯދަން ކުރި އަމަލަކަށް ވެދާނެ ކަމަށެވެ. މިކަން ކުރި ބަޔަކު އަދި ނޭނގޭ ކަމަށާއި އެ މީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. -- ބީބީސީ