ހަބަރު

އައްބާސް އާދިލް ރިޒާއަށް ކަސްޓަމްސްގެ ކޮމިޝަނަރުކަން ދެއްވައިފި

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި މަސައްކަތް ކުރެއްވި އައްބާސް އާދިލް ރިޒާ، ކަސްޓަމްސްގެ ކޮމިޝަނަރު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

ކަސްޓަމްސްގެ ކޮމިޝަނަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، އަހުމަދު ޒުހޫރަށް އިއްޔެ ހެލްތް މިނިސްޓަރުކަން ދެއްވުމާ ގުޅިގެންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އައްބާސް އާދިލް ރިޒާ ވަނީ މުހިންމު ދައުރެއް އަދާ ކުރައްވައިފަ އެވެ.

ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އައްބާސް އާދިލް ރިޒާ ވަރަށް ކުރީ ސަފުން ފެނިވަޑައިގަތެވެ. ނަމަވެސް މުޒާހަރާއެއްގެ ތެރެއިން އޭރު ރާއްޖޭގައި ހުންނެވި، އިންޑިއާ ސަފީރަށް ތުހުމަތުތަކެއް ކުރައްވައި ވާހަކަފުޅު ދެއްކެވި މައްސަލަ ހޫނުވެ އޭނާ އޭރު ހުންނެވި، މަގާމުން ދުރުކޮށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި އެވެ. އެއަށް ފަހު އޭނާ ސިޔާސީ މައިދާނުން ފެނުން މަދުވި އެވެ.