ހަބަރު

ޝާލްކާ އަތުން ސަލާމަތްވެ، ރެއާލް ކުއާޓާ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ދެވަަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޝަލްކާ އަތން 4-3 އިން އަމިއްލަ ދަނޑުގައި ބަލިވި ނަމަވެސް، 5-4ގެ އެގްރިގޭޓް ނަތީާއަކާއެކު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުުގައި ރެއާލް އަތުން 2-0 އިން ބަލިވި ޝަލްކާގެ ކްލާސް ޔާލް ހަންޓެލާ އާއި ކްރިސްޓިއަން ފުޗްސްގެ ދެ ލަނޑާއެކު ޝާލްކާ އިން ދެ ފަހަރު ލީޑު ނެގި ނަމަވެސް، ދެ ފަހަރު ވެސް ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ރެއާލްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ހަންޓެލާ އާއި ލެރޯއީ ސަނޭ ޖެހި ލަނޑުތަކާއެކު ޝާލްކާ އިން ލީޑު ހޯދި އެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ރެއާލްގެ ސަޕޯޓަރުން ތިބެންޖެހުނީ ނޭވާ ހިފަހައްޓާލައިގެނެވެ. ޝާލްކާ އިން އިތުރު ލަނޑެއް ޖެހިނަމަ، ރެއާލް މުބާރާތުން ކަޓާނެ އެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު، ފީފާ މޮޅު ކުޅުންތެރިއާގެ މަގާމު ފާއިތުވި ދެ އަހަރު ހޯދި ރޮނާލްޑޯ އަށް ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ލިބިފަ އެވެ. ރޮނާލްޑޯ ވަނީ މިހާރު ޗެމްޕިއަންސް ލީގުގައި 76 ލަނޑު ޖަހައިފަ އެވެ.

މި މެޗަށް ފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނީ މި މެޗުގައި ރެއާލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި ކްލަބުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓްގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

"މި މެޗަށް ފަހު އަހަރެމެންނަށް އަމާޒުވާ ހުރިހާ ފާޑުކިއުންތަކަކީ ވެސް ރަނގަޅު ފާޑުކިއުންތަކެއް. ޑިފެންސްގައި ހުރި މައްސަލަތައް ބަލަން ޖެހޭ،" އެންޗަލޮޓީ ބުންޏެވެ.

އަމިއްލަ ދަނޑުގައި 5-0 އިން ސްވިޓްޒަލޭންޑްގެ އެފްސީ ބާސެލް އަތުން މޮޅުވެ، 5-1ގެ އެގްރިގޭޓް ނަތީޖާއަކާއެކު ޕޯޗުގަލްގެ އެފްސީ ޕޯޓޯ ވެސް ވަނީ ރޭ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. މިއީ 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕޯޓޯ 2009 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. -- ބީބީސީ