ވިޔަފާރި

މީރާއިން ޑީމްޑް ޕާޓްނާޝިޕް ރަޖިސްޓަރީކުރުމުގައި ލުޔެއްދީފި

Dec 5, 2016

ޕާޓްނަރޝިޕެއްގެ ގޮތުގައި ރަޖިސްޓަރީ ނުކޮށް އެކަކަށްވުރެ ގިނަ ފަރާތްތައް ގުޅިގެން ހިންގާ ވިޔަފާރި "ޑީމްޑް ޕާޓްނާޝިޕް" ތައް ރަޖިސްޓަރީކުރުމުގައި މީރާ އިން ލުމެއް ދީފި އެވެ.

މީރާއިން ނެރެފައިވާ "ޓެކްސް ރޫލިން" ގައިވާ ވާގޮތުން، އެ ފަދަ ފަރާތްތަކުން ހިންގާ އެއްވެސް ވިޔަފާރި ހަރަކާތެއް ހިންގުމަށް ސަރުކާރުގެ އިދާރާ އަކުން ނުވަތަ ދައުލަތުގެ މުއައްސަސާ އަކުން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ނުޖެހުމާއި، މުވައްޒަފުންގެ ގޮތުގައި މީހުން ނުގެންގުޅުމާއި އަދި އެ ފަދަ ވިޔަފާރި ހަރަކާތްތަކުން އެއް އަހަރު މަސްދުވަހުގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް ލިބޭ ޖުމުލަ އާމްދަނީ 20,000ރ. އަށްވުރެ އިތުރު ނުވާ ފަރާތްތަކުން މީރާގައި ރަޖިސްޓަރީ ކުރުން ލާޒިމެއްނޫން ކަމަށެވެ.

ނަމަވެސް އެ ފަރާތްތަކުން ބޭނުންވެއްޖެނަމަ އެ ފަދަ ވިޔަފާރި ހަރަކާތްތައް މީރާ ގައި ރަޖިސްޓަރީކުރެވޭނެ ކަމަށާއި، ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ވެސް، ހުރިހާ ހިސާބުތަކާއި ލިޔެކިޔުންތައް ފުރިހަމަ އަށް ބަލަހައްޓަން ޖެހޭނެ އެވެ.

"މީރާ ނިއުސް" އަށް ޑިރެކްޓަރު ޖެނެރަލް ޕޭމަންޓް ޕްރޮސެސިން އަހުމަދު ޝަރީފު ވިދާޅުވީ މި ބަދަލުގެ ސަބަބުން މީރާގައި ރަޖިސްޓްރީ ކުރުން ލާޒިމްވަނީ ވިޔަފާރި ކުރުމަށް ސަރުކާރުގެ އެއްވެސް ތަނަކުން ހުއްދައެއް ނަގަން ޖެހޭނަމަ ކަމަށެވެ.

"އެ ފަރާތުން އެ ކުރާ ވިޔަފާރިއެއްގެ އާމްދަނީއަކީ 20،000 ނުލިބޭ އަދި މުވައްޒަފަކު ނުގެންގުޅޭނަމަ މީރާގައި ރަޖިސްޓްރީ ކުރާކަށް ލާޒިލެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.