ވިޔަފާރި

"ޖީއެމްއާރަށް ފައިސާ ދެއްކުމުން ކުންފުނީގެ ހައިބަތު ފެނިއްޖެ"

  • އެމްއޭސީއެލްގައި އުޅުމަކީ ފަހުރެއް
  • ކުންފުނީގެ ހިންގުމަށް ބަދަލެއް ނާންނާނެ
  • ހިދުމަތައް ބަދަލެއް ނާންނާނެ

ސިންގަޕޫރުގެ އާބިޓްރޭޝަނުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދެއްކުމަށް ކުރި އަމުރާއި އެއްގޮތަށް، އެމްއޭސީއެލް އިން އެއް ފަހަރާ ފައިސާ ދައްކައި ހަލާސް ކުރުމަކީ ކުންފުނީގެ ހައިބަތު ދައްކުވައިދިން ކަމެއް ކަމަށް މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް "އެމްޑީ އެވޯޑު" ގެ ނަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޑީ އާދަލް ވިދާޅުވީ އާބިޓްރޭޝަނުން 270 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހުމަކީ ކުންފުންޏަކަށް ބުރަތަކެއް، ނަމަވެސް މިކަމުން ކުންފުނީގެ ގުޅިގެން މުވައްޒަފުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި މިހާގިނަ ފައިސާ އެއް ކުރެވި އެ ދެއްކުމަކީ ކުންފުންޏަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކޭ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މި އުޅޭ ކުންފުނިން މިފަދަ ފައިސާއެއް ދެއްކުމުން އެނގިގެން ދަނީ ކުންފުނީގެ ތަސައްވަރު،" އާދިލް ވިދާޅުވި އެވެ.

"އެއީ ކުންފުނީގެ ހައިބަތޭވެސް އަޅުގަނޑުމެންނަށް ބުނެވިދާނެ. އެހެންވެ މިފަދަ ކުންފުންޏެއްގައި އަޅުގަނޑުމެން އެންމެންނަށް ވަޒީފާ އަދާކޮށް މަސައްކަތް ކުރުމަކީ ވެސް އެންމެންނަށްވެސް ލިބޭ ފަހުރެކޭ ދަންނަވާނީ. ގިނަ މުވައްޒަފުންނަކީ އެ ބޭފުޅުންގެ ކެރިއާ ފެށިގެން މިތަނުގައި [އެއާޕޯޓް] ގައި މަސައްކަތް ކުރާ މުވައްޒަފުން. ހާއްސަކޮށް ސީނިއަ މެނޭޖުމަންޓް. އެހެންވީމަ އެ އޮންނަ ލޯބި އޮންނަހެން."

އޭނާ ވިދާޅުވީ ކުންފުނިން އެދޭ ގޮތަށް މަސައްކަތް ކުރުމަކީ އެދޭ ގޮތެއް ކަމަށާއި، ހުރިހާ މީހުންނަށް ނަމޫނާ ބަޔަކަށްވާން އެދޭ ކަމަށެވެ.

"ގިނަ ފަރާތްތަކުން އެއާޕޯޓުގެ ނަން އަތުވެއްޖެނަމަ އެއީ ހާއްސަ ތަނެއް ކަމަށް ދެކޭ. މުޅި ޕަބްލިކް ވެސް ބަލައި ގަނޭ. އެހެންވެ އެ ރެސްޕޮންސިބިލިޓީ ނަގައިގެން މަސައްކަތް ކުރުމަކީ މުހިންމު ޒިންމާއެއް،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނިން ޖީއެމްއާރަށް އެއް ފަހަރާ ފައިސާ ދެއްކުމުން "ކޮންމެ ވެސް ވަރެއްގެ އިމްޕެކްޓެއް" އަންނާނެ ކަމަށެވެ.

"ކުންފުނީގެ ރިޒާވުން ދެއްކުމަކީ ވަރަށް ގިނަ ކަންތައްތަކަށް ބަލާއިރު ޗެލެންޖިން ކަމެކޭ. މިހެން ދަންނަވަނީ މިއާއެކު 800 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދޭ. ހަގީގަތުގައި މިއީ ކުންފުނި މެނޭޖު ކުރުމުގައި އެހެން ގޮތަކަށް ވިސްނަން ޖެހޭ. މިވަރުގެ އަދަދެއް އެއް ފަހަރާ އެއް ކުމުން އެބަޖެހޭ ބައެއް ހަރަދުތައް ކުރިއަށް ގެންދަން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލުގެ ސަބަބުން ހިދުމަތައް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ޖީއެމްއާރަށް 140 މިލިއަން ޑޮލަރު ދެއްކީ އެމްއޭސީއެލް އިން 4.9 ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި ވިއްކި ބޮންޑެއް ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެގެންނެވެ. އެ ބޮންޑަށް އެމްއޭސީއެލްއިން ތިން އަހަރު ތެރޭގައި ފައިސާ ދައްކައި ހަލާސްކުރަން ޖެހެ އެވެ. ޖީއެމްއާރުގެ އެގްރިމަންޓް 2012 ވަނަ އަހަރު ބާތިލް ކުރުމުން އޭގެ ބަދަލެއްގެ ގޮތުން ބޮޑު އަދަދެއްގެ ފައިސާ ނަގައިދޭން ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް، ތިން މެންބަރުންގެ އާބިޓްރޭޝަން ޕެނަލުން ކަނޑައެޅީ ޖީއެމްއާރުން ބުނާ އަދަދަކީ މާ ބޮޑު އަދަދެއް ކަމަށާއި ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހޭނީ އެ ކުންފުނިން އައިއެންއައިއޭއަށް ކުރި ހަރަދާއި އިންޓަރެސްޓަށް އަރާފައިވާ ފައިސާ އަދި ލީގަލް ފީތަކާ އެކު 140 މިލިއަން ޑޮލަރު ކަމަށެވެ.