ވިޔަފާރި

އެއާޕޯޓްގެ މުވައްޒަފުން ތަމްރީން ކުރަން ބޮޑު އިންވެސްޓްމަންޓެއް

Dec 7, 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ބިޔަ މަޝްރޫއު ނިމެންވާއިރަށް ބޭނުންވާ ދިވެހި މުވައްޒަފުން ތަމްރީން ކުރަން ރާއްޖޭން ބޭރަށް ފޮނުވަން ތައްޔާރު ވާން ފަށައިފި އެވެ.

އައިއެންއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް) މުވައްޒަފުނަށް ރޭ ބޭއްވި ހާއްސަ ހަފުލާގައި މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އަންނަ އަހަރު އެންމެ އިސްކަމެއްދޭނެ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުން ތަމްރީން ކުރުން ހިމެނޭ ކަމަށެވެ. މިގޮތުން ރާއްޖޭން ބޭރަށް މުވައްޒަފުން ތަމްރީން ކުރަން ފޮނުވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"މުވައްޒަފުން ތަމްރީން ކުރުން މިއީ މައިގަނޑު އެއް ކަމެއް. އެންމެ މުހިންމު ކަމަކީ ތަމްރީން. އަބަދުވެސް މިކަން ކުރަން. ނަމަވެސް ކުރި އަށްވުރެ މިކަން ރަނގަޅު ކުރުމުގެ ގޮތުން ރާއްޖޭގައި ތިބެގެން ވެސް މިދަނީ ތަމްރީން ދެމުން. މަސައްކަތް ކުރަމުން ކިޔަވާ ސްކޯލާޝިޕްގެ ގޮތުގައި 50 މުވައްޒަފުން ކިޔަވަމުންދޭ. އިރާދުކުރެއްވިއްޔާ ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވޭނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިއެންއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ހަމައެކަނި ނިމުމުން ނުފުދޭ ކަމަށާއި، އެއާޕޯޓަށް މުވައްޒަފުން ވެސް ތަމްރީން ކުރަން ޖެހޭ ކަމަށެވެ. މުވައްޒަފުންނަކީ އެތަނުގެ އެންމެ އަގުހުރި ރައުސްމާލް ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

"މުވައްޒަފުން ވެސް ތަމްރީން ވާން ޖެހޭ. އެހެންވެ އައިޑެންޓިފައި ކުރާ ދާއިރާތަކުން ތަމްރީން ވުމުގެ ފުރުސަތު އިރާދުކުރެއްވިއްޔާ އަންނަ އަހަރު ހުޅުވާލާނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް ކުންފުނީގެ މުވައްޒަފުންނަށް ދޭ ހިދުމަތްތައް ދޭނެ ކަމަށާއި، މިގޮތުން ކުންފުނީގެ ހަރަދުގައި ހައްޖަށް ފޮނުވާ މުވައްޒަފުންގެ އަދަދު އިތުރު ކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުން ވެސް ކުރިއަށްދާނެ ކަމަށެވެ.

"ކުރިން ހުއްޓިފައި އޮތް ހައްޖަށް މީހުން ފޮނުވުމުގެ މަސައްކަތް ވެސް މިވަނީ ފެށިފައި. މިގޮތުން 10 މުވައްޒަފަކު ފޮނުވިފައިވާނެ. އިރާދުކުރެއްވިއްޔާ އަންނަ އަހަރު ވެސް ފޮނުވޭނެ. މީގެ އިތުރުން މުވައްޒަފުން ފޮނުވުމުގެ ކްރައިޓީރިޔާ ބަދަލު ކުރާނަން. ބޭނުމަކީ ގިނަ މުވައްޒަފުން ކުރިމަތިލާން ފުރުސަތު ދިނުން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރު ދެ ޖިންސުގެ މުވައްޒަފުންނަށް ވަކިން ކަސްރަތު ކުރެވޭނެ ޖިމަކާއި މުވައްޒަފުން ކެއިން ބުއިމުގެ ކަންކަން ހަމަޖައްސަން ކެންޑީނެއް ވެސް ހުޅުވޭނެ ކަމަށެވެ. މީގެ އިތުރުން ހުޅުލެ އައިލެންޑް ހޮޓާއި އިވެގެން އޮންނަ ހުސް ބިމުގައި، އެމްއޭސީއެލްގެ މުވައްޒަފުންނަށް ބައެއް ކުޅިވަރު ވަސީލަތްތައް ގާއިމް ކޮށް ދިނުމުގެ ވިސްނުންވެސް އެބަހުރި ކަމަށް އެމްޑީ ވިދާޅުވި އެވެ.

"މުވައްޒަފުންގެ ޝަކުވާއެއް ކެންޓީން. އެހެންވެ ކެންޓީން ކޮމެޓީއަށް ވާނީ ދަންނަވާފަ. އެކަމަށް ބަޖެޓު ވެސް ކަނޑައެޅިފައި ވަނީ. އެއް ކެންޓީންގެ ބަދަލުގައި ދެތިން ފަރާތަށްވެސް ފުރުސަތު ދެވިދާނެ،" އާދިލް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ އެއް މަޝްރޫއުގެ ގޮތުގައި ބެލެވޭ އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް 800 މިލިއަން ޑޮލަރު ހޭދަކުރާއިރު، އަލަށް ހުޅުވާ އާ ޕެސެންޖަރު ޓާމިނަލް އާއި އާ ރަންވޭ އަދި ކާގޯ ޓާމިނަލްގެ އިތުރުން ފިއުލް ފާމުން ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މިގޮތުން މަސައްކަތް ހިނގަން ފެށުމާއެކުވެސް 3،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.