ވިޔަފާރި

އެމްޓީސީސީ އާއި އެސްޓީއޯގެ ޗެއާމަން ބަދަލު ކޮށްފި

Dec 7, 2016

ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯގެ ޗެއާމަން ކަމަށް ހުސެއިން ސާލިމް އަދި އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް އަހުމަދު ނިޔާޒު ޕްރައިވެޓައިޒޭން ބޯޑުން ހަމަޖައްސައިފި އެވެ.

ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެމްޓީސީސީގެ ޗެއާމަން ކަމަށް ސ. މީދޫ، ހަސަންކާރިގޭ، އަހުމަދު ނިޔާޒު ހަމަޖައްސާފައިވާ ކަމަށާއި، އަދި އެސްޓީއޯގެ ޗެއާމަން ކަމަށް މާލެ، ދަފުތަރު، 7483 ހުސެއިން ސާލިމް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެސްޓީއޯގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވި، ހުސެއިން ސާލިމް ކުރިން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އަދި އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވި ނިޔާޒު ކުރިން ހުންނެވީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގަ އެވެ.

ސަރުކާރުން ދާދިފަހުން ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންވެސް ބަދަލުކޮށްފަ އެވެ. މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ގ. ވަށަފަރު، އިގުބާލް އާދަމް އެވެ. އަދި އެމްޓީޑީސީގެ ޗެއާމަން ވެސް ވަނީ މިފަހުން ބަދަލުކޮށްފަ އެވެ.