ވިޔަފާރި

ހަވާ އެރުވުމާއެކު ސަނީ ސައިޑް ޝޯ މި އަހަރު ވެސް ބާއްވަނީ

Dec 8, 2016
1
  • ބޭރުގެ މަޝްހޫރު ފަންނާނުން ބައިވެރިވާނެ
  • ޝޯ އޮތީ 30-13 ވަނަ ދުވަހުގެ ރޭ
  • ޝޯ އޮތީ އަލިމަސް ކާނިވަލްގައި

ހަވާ އެރުވުމާއެކު ސަނީ ސައިޑް ޝޯ މި މަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައި، ޕީއެސްއެމްއާއެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު އެވެ.

ސޮއިކުރެއްވުމަށްފަހު، ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ މި އަހަރުގެ "ސަނީ ސައިޑް ޝޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިމަސް ކާނިވަލްގައި ކަމަށެވެ.

"މި އަހަރު ސަނީ ސައިޑް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހު ދިވެހި ފަންނާނުންނަށް. އަދި 31 ވަނަ ދުވަސް ހާއްސަ ކުރާނީ ބޭރުގެ ފަންނާނުންގެ ހުށަހެޅުން ތަކަށް،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މި ޝޯތަކުގެ ސަބަބުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާ ކަމަށެވެ.

"މިޝޯތަކުން ދިވެހި ފަންނާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވޭ،" ޒަމީރު ވިދާޅުވި އެވެ.

ޕީއެސްއެމްގެ އެމްޑީ ހަލީލު ވިދާޅުވީ މި އަހަރުގެ ސަނީ ސައިޑް ޝޯގައި ވެސް ޓީވީތަކުން ފެންނަ މަޝްހޫރު ތަރިން ފެނިގެންދާނެ ކަމަށެވެ.

"ތިރީސް ވަނަ ދުވަސް ހާއްސަ ވާނީ ދިވެހި ފަންނާނުންނަށް. ނަމަވެސް 31 ވަނަ ދުވަހު އޮންނަ ހަރަކާތުގައި ބިދޭސީ މަޝްހޫރު ފަރާތްތައް ބައިވެރިވާނެ. ޓީވީތަކުން ފެންނަ މޫނުތައް ފެންނާނެ،" ހަލީލު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އަހަރު ނިމުމާ ދިމާކޮށް، ކޮންމެ އަހަރަކުވެސް މި ޝޯ ބާއްވަމުން ދިޔައީ "ވިޒިޓް މޯލްޑިވްސް" ޝޯގެ ނަމުގަ އެވެ. ވޭތުވެދިޔަ ތިން އަހަރު ބޭއްވި ޝޯތަކަށް ދުނިޔޭގެ މަޝްރޫއު ތަރިން ގެނެސްފައިވެ އެވެ. ވިޒިޓް މޯލްޑިވްސް އަށް އައިސްފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ވޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން ހިމެނެ އެވެ.