ވިޔަފާރި

ސިންގަޕޫރު ކުންފުންޏަކުން 100 މުވައްޒަފުނަށް ރާއްޖޭގައި ހިލޭ ޗުއްޓީ ދީފި

Dec 8, 2016
  • މުވައްޒަފުންގެ ހުރިހާ ހަރަދެއް ކުރަނީ ބޮސް
  • ހިލޭ ޗުއްޓީ ދިނީ ކުންފުނީގެ ފައިދާ މަތިވުމުން
  • ޗުއްޓީ ހޭދަކުރަނީ ފަސް ތަރީގެ ރިސޯޓެއްގައި

ސިންގަޕޫރުގެ މާޝަލް އާޓް ކުންފުންޏެއްގެ 100 މުވައްޒަފުނަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދީފި އެވެ.

ބޭރުގެ އޮންލައިން ނޫސްތަކުގައި ވާ ގޮތުން "އީވޯލްވް މިކްސްޑް މާޝަލް އާޓްސް" ޖިމްގެ ވެރިޔާ ޗަޓްރީ ސިޓްޔޮޑްޓޮންކް ވަނީ 100 މުވައްޒަފުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދީފި އެވެ. ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދީފައިވަނީ ކޮން ރިސޯޓަކުން ކަމެއް ބުނެފައިނުވެ އެވެ.

އީވޯލްވް މިކްސްޑް މާޝަލް އާޓްސްގެ ވެރިޔާގެ، މުވައްޒަފުން މޯޓިވޭޓް ކުރުމަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ދިން މި ފުރުސަތަށް 400،000 ޕައުންޑް (ގާތްގަނޑަކަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޭދަކޮށްފައިވެ އެވެ. މި ދަތުރުގައި މުވައްޒަފުން ރާއްޖޭގައި މަޖާކުރާ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިޔާ އާއި އިންޓަނެޓުގައި ވަރަށް ބޮޑަށް ވައިރަލް ވާން ފަށާފަ އެވެ.

މިގޮތުން އޮންލައިން ނޫސްތަކުން ވަނީ މިއީ "ދުނިޔޭގައި ހުރި އެންމެ ރަނގަޅު ބޮސް" ކަމަށް ނިންމާފަ އެވެ. އަދި އީވޯލްވްގެ ވެރިޔާ، ސިޓްޔޮޑްޓޮންކްއަށް ދަނީ ތައުރީފު އޮއްސަމުންނެވެ.

އީވޯލްވްގެ 100 މުވައްޒަފުން ރާއްޖެ ގެނެސް އޯލް އިންކްލޫސިވްގެ ގޮތުގައި ހުރިހާ ހަރަދު ތަކެއް ހިމެނޭ ފުރިހަމަ ޗުއްޓީއެއް ހޭދަ ކުރުމަށް ނިންމާފައިވަނީ ފައިދާ 30 ޕަސެންޓް އިތުރުވުމާ ގުޅިގެންނެވެ.