ހަބަރު

އީސީގެ ނިންމުންތަކާ ހެދި ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފި

  • ކައުންސިލަށް ކުރިމަތިލާން ފުރުސަތު ބަންދެއް ނުކުރެވޭނެ
  • އީސީގެ ނިންމުމަށް ވަރަށް ބޮޑެތި ފާޑުކިޔުން
  • ސިވިލް ކޯޓްގެ ހުކުމުން މައްސަލަތަކަށް ފަރުވާ ލިބޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ދޮރު ބަންދުކުރުމުން ސަރުކާރު ހިންގާ، ޕީޕީއެމްއިން އެކަމަށް ފާޑުކިޔައިފި އެވެ. ކޯޓުގެ ހުކުމް އޮއްވާ އެގޮތަށް އިލެކްޝަނަށް އަމަލުނުކުރެވޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަމަވެފަ އެވެ. ދެން އިތުރަށް އެ ފުރުސަތު ދިނުމަށް ނުވިސްނާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެ އިންތިހާބަށް 900 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، ޕީޕީއެމްގެ ޓިކެޓްގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައެއް ނުވެ އެވެ.

ހ. ކޮރަލްރީފްގައި ހުންނަ ޕީޕީއެމްގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓެއްގެ ފޯމެއް އިލެކްޝަނަށް ހުށަހަޅާފައިނުވާ ކަމަށާއި ކޯޓަށްދާން މަޖުބޫރުވީ ވެސް ފޯމް ހުށަހެޅޭ ވަރަށް އެ ޕާޓީގައި މައުލޫމާތުތައް ނެތުމުގެ ސަބަބުން ކަމަށެވެ.

ކޯޓުން ދެ މަސް ދުވަސް ދީފައިވާއިރު އެ މުއްދަތުގައި އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން މަސައްކަތް ކުރާނެ ކަމަށް އަބުދުލް ރަހީމް ވިދާޅުވި އެވެ. ޕީޕީއެމްގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވަން އުޅުނު އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ވެސް ވަނީ މުއްދަތެއް ނެތި ފަސްކޮށްފަ އެވެ. އެ ޕާޓީ އިން ބުނަނީ، ޕާޓީގެ ތެރޭގައި އުފެދުނު ކޯޅުންތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވެވިފައި ނެތް ކަމަށެވެ.

"ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ، މިހާރު ހުރި މައުލޫމާތުތައް އެއްކޮށް، ފޯމްތައް ތައްޔާރުކުރަމުން މިދަނީ،" އަބުދުލް ރަހީމް ވިދާޅުވި އެވެ.

ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބާއްވަން ޖެހޭ ތަންތަނުގައި އެ ޕްރައިމަރީތައް ވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެޅިފައިނުވާ ކަމަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ އަބްދުލް ރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކޯޓުން އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމްކޮށްފައިވާއިރު އަދި އެ ހުކުމަށް އިސްތިއުނާފު މަރުހަލާއަކުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ އެ ހުކުމަށް އަމަލުކުރުމަކީ އިލެކްޝަން ކޮމިޝަނުގެ މައްޗަށް ލާޒިމްވާ ކަމެއް ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުން ފުރުސަތު ދޭން ޖެހޭނެ، އެހެން ނޫންނަމަ އިންތިހާބު ފަސްކުރުމުގެ މާނައެއް ނެތް،" އަބްދުލް ރަހީމް ވިދާޅުވި އެވެ.

ކުރިމަތިލުމަށް ފުރުސަތު ބަންދުކުރި މައްސަލާގައި އިތުރަށް ކޯޓަށް ދިޔުމަށް އަދި ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އިލެކްޝަނުން އަމަލުކުރާނެ ގޮތެއް ބަލާފައި އެކަމަށް ގޮތެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން ޕީޕީއެމްގެ އެސްޖީ އަބުދުﷲ ހަލީލު ވިދާޅުވީ، މިހާރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުން އެކަމަށް ފަރުވާ ލިބޭނެ ކަމަށް ދެކޭ ކަމަށެވެ. އިތުރަށް ކޯޓަށް ދާން ޖެހިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ހަފުލާއަކީ އއ. އުކުޅަސްގެ އާންމު އަށް މީހަކު އެ ޕާޓީއަށް ވަނީ ސޮއިކޮށްފަ އެވެ. އެ ހަފުލާގައި އެމީހުން ވަނީ ޕީޕީއެމްއަށް ސޮއިކޮށްފަ އެވެ.