ވިޔަފާރި

ގޯލްޑް 100: އެވޯޑު ދިނުމުގެ ހަފުލާގެ ޕާޓްނަރުންނަށް ބޮޑެތި ކުންފުނިތައް!

Dec 8, 2016
  • ގޯލްޑް 100 ލިސްޓު އާއްމު ކުރުން އަންނަ މަހު
  • އެންމެ ވަރުގަދަ ކުންފުނީގެ ލިސްޓު އާއްމުކުރާނެ
  • ކުންފުނިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ

ރާއްޖޭގެ އެންމެ ފުރިހަމަ 100 ކުންފުންޏަށް އެވޯޑް ދިނުމަށް ބާއްވާ ހަފްލާގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކަކާއެކު ސޮއިކޮށްފި އެވެ.

"ގޯލްޑް 100" ކުންފުނީގެ ލިސްޓު އެކުލަވާލައި ޝާއިއު ކުރާ ކޯޕަރޭޓް މޯލްޑިވްސްއިން ޗަމްޕާ ސެންޓްރަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ރާއްޖޭގެ ހަތަރު ކުންފުންޏަކުންވަނީ ޕާޓްނަންގެ ގޮތުގައި ބައިވެރިވެފަ އެވެ. މީގެ ކުރިން ވަނީ "ގޯލްޑް 100"ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސާފަ އެވެ.

ޕާޓްނަރު ހަތަރު ކުންފުނި

  • ދިރާގު
  • އެމްޓީސީސީ
  • އެލައިޑް އިންޝުއަރެންސް
  • އެމްޑަބްލިއުއެސްސީ

ކޯޕަރޭޓް މޯލްޑިވްސް ހިންގާ، މޯލްޑިވްސް ގެޓަވޭސްގެ "ގޯލްޑް 100" ކުންފުނި ނެގުން އޮންނާނީ ޖެނުއަރީ 17 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގެ ޕާޓްނަރުންގެ އިތުރުން އެންޑޯޒް ކޮށް، އެހީތެރިކަން ދިނުމަށް ބޮޑެތި ވުޒާރާތަކުން ވަނި އެއްބަސްވެފަ ސޮއިކޮށްފި އެވެ. އެންޑޯޒްކޮށްފައިވާ ވުޒާރާތަކުގެ ތެރޭގައި މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އިތުރުން ރާއްޖޭގެ ހިއްސާގެ ބާޒާރު ކަމަށްވާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ޕެންޝަން އޮފީސް އަދި ޕްރެވަޓައިޒޭޝަން ބޯޑު ހިމެނެ އެވެ.

މޯލްޑިވްސް ގެޓަވޭސްގެ ސީއޯއޯ ޑރ. ސަނީ އުމަރު ވިދާޅުވީ ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ ވިޔަފާރިތައް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، މިފަދަ ލިސްޓެއް ޝާއިއު ކުރުމުގެ ބޭނުމަކީވެސް މިއީ ކަމަށެވެ.

"މިފަދަ ލިސްޓެއް ރަސްމީކޮށް ރާއްޖޭގައި މިހާރު ޝާއިއުކުރެވިފައެއް ނެތް. ނަމަވެސް މި ލިސްޓު އާއްމު ކުރުމުގެ ބޭރުގެ ވިޔަފާރިތަކާއި ދިވެހި ވިޔަފާރިތައް ގުޅުމަށް އިތުރު ދޮރަކަށް ވާނެ،" ސަނީ ވިދާޅުވި އެވެ.

"ގޯލްޑް 100" ގެ ގޮތުގައި ކުންފުނިތަކުގެ ޕްރޮފައިލް އާއްމު ކުރާނެ އެވެ.