ބޮލީވުޑް

ޝާހްރުކްގެ ކަކުލުގެ އަނިޔާ ބޮޑުވެ، އިތުރު އޮޕަރޭޝަނެއް!

Dec 8, 2016

މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދެން އެންމެ އަވަހަށް ރިލީޒްކުރާ ފިލްމު "ރައީސް" ގެ ޓްރެއިލާ އިއްޔެ ރިލީޒްކޮށްފައިވާއިރު، ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ ޝާހްރުކްގެ ކަކުލުގައި އަޅާފައި އިން "ބެންޑޭޖަށެވެ".

ޝާހްރުކް، އޭނާގެ ޒުވާން ދުވަސްވަރު ފުޓްބޯޅަ ކުޅުމުގެ ތެރޭގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ތަދު ބޮޑުވެ، އާތޮރޮސްކޮޕިކް އޮޕަރޭޝަނެއް ވެސް މިދިޔަ އަހަރުގެ ކުރީކޮޅު ކޮށްފައިވާއިރު އަދިވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާ ފަސޭހައެއް ނުވެ އެވެ.

ބުރަކޮށް އެއް ފިލްމުން އަނެއް ފިލްމުގެ ޝޫޓިންގައި ހަރަކާތްތެރިވަމުން އަންނަ ޝާހްރުކްގެ ކަކުލުގައި އިއްޔެ އަޅައިގެން އިން ބޭންޑާއެކު އޭނާގެ ކަކުލުގެ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް، އޭނާގެ ޑޮކްޓަރު ސަންޖޭ ދޭސާއީ މިވަނީ ބުނެފަ އެވެ.

މިދިޔަ ހަތް އަހަރުން ފެށިގެން ޝާހްރުކްގެ ކަކުލުގެ އަނިޔާއަށް ފަރުވާދެމުން އަންނަ ޑރ.ސަންޖޭ މިއަދު އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުއެއް ގައި ވަނީ މިފަހުން ވެސް އޭނާގެ ކަކުލަށް އެކި އަނިޔާތަށް ލިބިމުން އެކަމަށް ފަރުވާދެމުން އައިސްފައިވަނީ ޕެއިން ކިލާސް އާއި އިންޖެކްޝަން ޖަހައިގެން ކަމަށާއި ނަމަވެސް މިފަހުން އަނެއްކާ ޝާހްރުކްގެ ކަކުލަށް ލިބެނު އިތުރު އަނިޔާތަކުގެ ސަބަބުން ތަދު ބޮޑުވެފައިވާ ކަމަށެވެ.

"ޝާހްރުކްގެ ކަކޫ އެއްކޮށް ވަނީ ހަލާކުވެފައި. ރަނގަޅުވާން ވަރަށް ދުވަސް ނަގާނެ. ޝާހްރުކްގެ ފިލްމުތަކުގެ ޝޫޓިންގައި ބުރަކޮށް ހަރަކާތްތެރި ވަމުން އަންނަނީ އިތުރު ސާޖަރީއެއް ހެދޭނީ ދިހަ މަސް ދުވަސްފަހުން ކަމަށް މިބަލަނީ." ޑރ. ސަންޖޭ ބުނެފައިވެ އެވެ.

"ރައީސް" ގެ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި އިވެންޓުގައި މެޓަލިކް ނީ ކެޕެއް ޝާހްރުކް އަޅައިގެން އިނީ ކަކުލަށް އިތުރު އަނިޔާއެއް ލިބިދާނެކަމަށް ބަލާފަ އެވެ. އަދި އޭނާގެ ޑޮކްޓަރުން ވަނީ އެއްވެސް އެކްޝަން މަންޒަރަކާއި ޑާންސް މަންޒަރެއް ވެސް އެއްވެސް ފިލްމަކަށް ނުކުޅުމަށް ޝާހްރުކަށް އަންގާފަ އެވެ.

ބޮލީވުޑްގެ އެންމެ ބިޒީ އެއް ތަރިއަށް ޝާހްރުކް ވާއިރު، އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ ބޮޑު ކަމުގެ ސަބަބުން މިވަގުތު އޭނާ އަށް ބެޑް ރެސްޓް ކުރަން މަޖުބޫރު ނަމަވެސް ކުރިއަށް ކުޅެން ހަމަޖެހިފައިހުރި ފިލްމުތަކުގެ ސަބަބުން އެއްވެސް ވަގުތެއް އަރާމުކޮށްލެވޭކަށް އޭނާ އަކަށް ނެތެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޝާހްރުކްގެ "ރައީސް" ގެ ޕްރޮމޯޝަން މަސައްކަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މުޅިން ބިޒީވާނެ ކަމަށް ބުނެވޭއިރު، އިމްތިއާޒް އަލީގެ "ރިންގް" ގެ ތިން ޝެޑިއުލްއެއްގެ މަންޒަރާއި އަނަންދް އެލް ރާއީގެ ފިލްމުގެ ޝޫޓިން ވެސް ނަގަން ވަނީ ހަމަޖެހިފަ އެވެ.