ވިޔަފާރި

ދިރާގު ސަބްމަރިން ކޭބަލް މަރާމާތު ކުރަން ފަށަނީ

Dec 8, 2016

ދިރާގު ސަބްމަރިންކޭބަލުގެ މުހިންމު މެއިންޓެނަންސް މަސައްކަތްތަކެއް ކުރުމަށް އެކަމަށް ހާއްސަ ބޯޓެއް ރާއްޖެ އައިސް އެ މަސައްކަތައް ފަށަން ތައްޔާރު ވެއްޖެ އެވެ. ރާއްޖެ އައިސްފައިވަނީ "އާސިއާން ރެސްޓޯރާ" ނަމަކަށް ކިޔާ ބޯޓެކެވެ.

ދިރާގުން ބުނީ އެ ބޯޓް ރާއްޖެ އައީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިރާގު ސަބްމަރިންކޭބަލު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ދުނިޔޭގެ އެންމެ ކަމަށް ގާބިލު ކުންފުނިތަކާއެކު ވެފައިވާ ސާވިސް އަދި މެއިންޓެނެންސް ކޮންޓްރެކްޓުގެ ދަށުން ކަމަށެވެ. މިބޯޓުގެ އިންޖިނިއަރުން ދިރާގުގެ އިންޖިނިއަރުން ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި، އދ އަތޮޅާއި ލ އަތޮޅާއި ދެމެދު އަޅާފައިވާ ސަބްމަރިން ކޭބަލްގެ މަރާމާތުކުރާނެ އެވެ.

މިމަސައްކަތްތައް ކުރުމަށް "އާސިއާން ރެސްޓޯރާ" މާލޭގެ ބަނދަރުން ލ އަތޮޅަށް މިއަދު ފުރާނެ އެވެ. މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ން 14 އަށެވެ.

މަސައްކަތް ކުރަމުން ދާއިރު ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ދިރާގުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ދިރާގުން ބުނެ އެވެ. އެހެން ނަމަވެސް މޯބައިލުގެ ހުރިހާ ހިދުމަތެއް އެންމެ ފުރިހަމަޔަށް ފޯރުކޮށްދިނުމަށް ހުރިހާ ފިޔަވަޅުތަކެއް ދިރާގުން އަޅާފައިވާ ކަމަށް ބުންޏެވެ.

"އެހެން ކަމުން މިއަތޮޅުތަކުގައި ތިއްބަވާ ބޭފުޅުންނަށް މޯބައިލުގެ ހިދުމަތްތައް މަސައްކަތް ކުރިއަށް ދާއިރުވެސް ބޭނުން ކުރެއްވޭނެއެވެ. އެހެންނަމަވެސް މިމުހިއްމު ސާވިސް މެއިންޓެނަންސް މަސައްކަތް ކުރިއަށް ދާއިރު ކަސްޓަމަރުން ދިމާވެދާނެ ދައްޗަކަށް ދިރާގުން ކަސްޓަމަރުންގެ ކިބައިން މާފަށް އެދިވަޑައިންނަވައެވެ." ދިރާގުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

މުޅި ރާއްޖެއަށް އެންމެ ފުރިހަމަ އިންޓަނެޓް ފޯރުކޮށްދިނުމަށް ދިރާގުން ކުރާ މަސައްކަތުގެ ތެރެއިން، މުޅި ރާއްޖޭގައި މޮބައިލް އިންޓަނެޓްގެ ސްޕީޑް ހަލުވިކޮށް މިހާރު ސަބްމެރެން ކޭބަލު މެދުވެރިކޮށް ދެމުން އަންނަ 4ޖީގެ ހިދުމަތްތައް ވެސް އަވަސް ކުރުމަށް ވަނީ ރާވައިފަ އެވެ.