ހަބަރު

ރާއްޖޭގެ ގާނޫނު ހެދުމާއި ވެރިކަމުގެ ނިޒާމަށް އެހީވާން ޗައިނާ ހުށަހަޅައިފި

  • ދެ ގައުމުގެ ޕާލިމަންޓްގެ ގުޅުން ބަދަހި ކުރަނީ
  • ސިލްކް ރޫޓަށް އެއްބާރުލުން ދޭ އެދުނު
  • ވެރިކަން ހިންގުމަށް ވެސް އެއްބާރުލުން ދޭނެ

ރާއްޖޭގެ ގާނޫނުތައް ހެދުމާއި ވެރިކަންކުރުމުގައި ތަޖުރިބާ ހިއްސާކުރުމަށާއި އެއްބާރުލުން ދިނުމަށް ޗައިނާ ބޭނުންވެއްޖެ އެވެ.

ޗައިނާ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއެކު ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޝިންގް ޑިޖެންގްއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. ޝިންގް އެ ބައްދަލުވުމުގައި ވިދާޅުވީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށެވެ. އަދި، ވެރިކަންކުރުމާއި ގާނޫނު ހެދުމުގައި ތަޖުރިބާ އާއި އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ އަކީ ކޮމިޔުނިސްޓް ނޫނީ އެއް ޕާޓީގެ މައްޗަށް އެކުލެވޭ ވެރިކަމުގެ ނިޒާމެއް އޮންނަ ގައުމެކެވެ. ޗައިނާގައި މުޅި ދައުލަތުގެ ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކުރާނީ އެއް ޕާޓީއަކުންނެވެ.

ޝިންގް އިތުރަށް ވިދާޅުވީ، 2014 ވަނަ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ގުޅުން ބަދަހިކުރުމަށް ނިންމެވި ދާއިރާތަކުން މިހާރު ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރި އަދި އިންފްރަސްޓްރަކްޗާގެ ދާއިރާ ކާމިޔާބީތަކެއް ހޯދިފައިވާކަން ފާހަގަކުރެއްވި އެވެ.

އެ ދާއިރާތަކުން މިހާރަށްވުރެ ވެސް ގުޅުން ބަދަހިކޮށް، ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ވެސް ޝިންގް ގޮވާލެއްވި އެވެ. އަދި ދެ ގައުމަށް ފައިދާހުރި ކަންކަން ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ޝިންގް ދެއްވި އެވެ.

އޭގެއިތުރުން ޗައިނާއިން އިސްނަގައިގެން ގާއިމްކުރާ ސިލްކް ރޫޓަށް ފެތޭ ގޮތަށް ރާއްޖޭގެ ތަރައްގީގެ ވިސްނުންތައް ވެސް ބެހެއްޓުމަށް ޝިންގް އެދިވަޑައިގަތެވެ.

ޗައިނާގެ ސިލްކް ރޫޓްގައި ރާއްޖެ ބައިވެރިވެފައިވަނީ 2014 ވަނަ އަހަރު އެވެ. މި ރޫޓްގެ ދަށުން އުމްރާނީ މަޝްރޫއުތަކަށް ޗައިނާ އެކި ގައުމުތަކަށް އެހީވާނެ އެވެ. ސިލްކް ރޫޓުގައި ހިމެނޭ އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގައި ވެސް ރާއްޖެ ވަނީ ބައިވެރިވެފަ އެވެ.

މި ބައްދަލުވުމުގައި މަސީހު ވިދާޅުވީ، ޗައިނާ އާއި ރާއްޖޭގެ ބަދަހި ގުޅުމަކީ ބޮޑެތި އަދި ކުދި ގައުމުތަކުގެ ގުޅުމަށް ނަމޫނާއެއް ކަމަށެވެ. ދެ ގައުމުގެ ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާވަމުންދާ ކަމަށެވެ. މި ބައްދަލުވުގައި މަސީހާއެކު މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ސޯލިހާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު ބައިވެރިވެލެއްވި އެވެ.

ޗައިނާއިން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއްގައި އެހީވަމުންނެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތުގައި ވެސް ޗައިނާގެ އެހީތެރިކަން ވަނީ ލިބިފަ އެވެ.