ހަބަރު

ސާކްގެ މެންބަރު ގައުމުތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، ބައިނަލްއަގްވާމީ މައްސަލަތަކުގައި އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ ސާކް ޗާޓާ ޑޭގެ މުނާސަބަތުގައި ދެއްވި މެސެޖްގަ އެވެ.

ރައީސް ޔާމީން މެސެޖްގައި ވިދާޅުވެފައިވަނީ، ބައިނަލްއަގްވާމީ މައްސަލަތަކަކީ ހަމައެކަނި ވަކި ގައުމަކަށް ނުވަތަ ވަކި ސަރަހައްދަކަށް ދިމާވާނެ މައްސަލަތަކެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތަކާ ކުރިމަތިލުމަށް މި ސަރަހައްދުގެ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރަހައްދު ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ހުރިހާ ގައުމެއްގެ ވެރިންވެސް ހަރުދަނާކަމާއެކު މަސައްކަތް ކުރަން ޖެހެ އެވެ. ޓެރަރިޒަމްގެ ސަބަބުން ދޭދޭ ގައުމުގެ ގުޅުން ހީނަރުވާނެ ފުރުސަތުނުދީ ޓެރަރިޒަމް ނައްތާލުމަށް މަސައްކަތްކުރުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

ސާކްގެ ގައުމުތަކުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އިގްތިސާދީ ގޮތުން މި ސަރަހައްދުގެ ގައުމުތައް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަމުގައި ރާއްޖޭގެ ފަރާތުން ކެނޑިނޭޅި އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

"ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހުރިހާ ގައުމަކުން ވެސް އިސްކަން ދެއްވުމަށް އެންމެހާ މެންބަރު ގައުމުތަކަށް ގޮވާލަމެވެ،" ރައީސްގެ މެސެޖްގައިވެ އެވެ.

ސާކްގެ އެއްބައިވަންތަކަށް ރައީސް މި ގޮވާލެއްވީ އިންޑިއާޔާއި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން މިއަހަރުގެ ސާކް ސަމިޓް ކުރިއަށް ނުގެންދެވި، ސާކްގެ ކުރިމަގާ މެދުވެސް ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ސާކް ސަރަހައްދުގެ ގައުމުތައް ތަމްސީލްކޮށްދެނީ ދުނިޔޭގެ ގައުމުތަކުގެ ނިސްބަތުން ބަލާއިރު، ތިން ބައި ކޮށް އެއްބައިގެ އާބާދީއެވެ. މި ސަރަހައްދު އުފެދިފައިވާގޮތުން އެކި ގައުމުތައް ތަފާތުވީނަމަވެސް ހުރިހާ ގައުމެއްވެސް ބިނާވެފައިވަނީ އެއްގޮތް ސަގާފަތަކާ ތާރީހެއްގެ މައްޗަށްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ ބައްތިރީސް އަހަރުގެތެރޭގައި މި ސަރަހައްދުގެ ގައުމުތައް ކުރިއަރާފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން، މި ކުރިއެރުމާ ތަރައްގީގެ މަގުގައި ދެމިތިބެވޭނީ ސާކްގެ ގައުމުތަކުން ހާސިލްކޮށްފައިވާ ކަންތައްތަކާ ދިމާވެފައިވާ ގޮންޖެހުންތައް ވިލަރެސް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަރަހައްދުގެ ގައުމުތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ސާކް ގައުމުތަކުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އަވަށްޓެރި ގައުމުތަކާއެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރަން އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭގެއިތުރުން ސާކްގެ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު ވިސްނާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ދިމާވާ ގުދުރަތީ ކާރިސާ ތަކުން ސަލާމަތްވުމަށް ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމު ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.