ހަބަރު

ރާއްޖެއިން ސާކަށް: ގައުމުތަކުގެ މެދުގައި ވިޔަފާރިތައް އިތުރުކުރޭ

ސާކް މެންބަރު ގައުމުތަކުގެ އިގްތިސާދު ރަނގަޅުކުރުމަށް ސަރަހައްދީ ގައުމުތަކުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރަން ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ސާކް ޗާޓާ ޑޭގެ މުނާސަބަތުގައި ދެއްވި މެސެޖްގަ އެވެ.

މިނިސްޓަރު އާސިމް ވިދާޅުވީ، ސާކް އުފެދިގެން ދިޔައީ، ސަރަހައްދުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށެވެ. އަދި ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. މި ސަރަހައްދު އުފެދިފައިވާ ގޮތުން އެކި ގައުމު ތަފާތުވީ ނަމަވެސް ހުރިހާ ގައުމެއްވެސް ބިނާވެފައިވަނީ އެއްގޮތް ސަގާފަތަކާ ތާރީހެއްގެ މައްޗަށްކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ސާކް ގައުމުތަކުން އެއް ގައުމު އަނެއް ގައުމުގެ ސަގާފަތާއި ހިޔާލުތަކަށް އިހުތިރާމްކުރުމަކީ ސާކް ކާމިޔާބުވުމުގެ އަސްލު ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ސަރަހައްދަށް ހިދުމަތްކުރުމުގެ އިތުރުން މުޅި ދުނިޔެއަށް ހިދުމަތްކުރުމުގެ ގާބިލުކަން ވެސް ސާކްގައި އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާބާދީގެ ގޮތުން ދުނިޔޭގެ ބޮޑު އިންސައްތައެއް ހިއްސާކުރާ ސާކްގެ ގައުމުތަކުގެ ދެމެދު ވިޔަފާރީގެ މުއާމަލާތްކުރާ މިންވަރު އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. އެއީ ގައުމުތަކުގެ ގުޅުން ވެސް ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.

"ގައުމުތަކުގެ ގުޅުންތައް މިހާރަށްވުރެ ބަދަހިކުރުމަށް ގައުމުތަކުގެ މެދުގައި ޓްރޭޑްކުރުން އިތުރުކުރަން ވިސްނަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސާކްއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް އެކުގައި ބޮޑެތި ކާމިޔާބީތައް ވެސް ހޯދިފައިވާ ކަމަށެވެ. މާޒީގައި ވެސް އެކުގައި މަސައްކަތް ކުރި ފަދައިން ކުރިއަށް އޮތްތާ ވެސް މަސައްކަތްކޮށްފިނަމަ، ސަރަހައްދު ތަރައްގީކޮށް، ރައްޔިތުންނަށް ފައިދާވާނެ ގޮތްތައް ހޯދޭނެ ކަމަށެވެ.

ސާކް މި އަހަރުގެ ބައްދަލުވުން ވަނީ ހިޔާލު ތަފާތުވުންތަކާ ހެދި ނުބޭއްވި އެވެ. އެއީ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާހުރެ ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓަށް އިންޑިއާ ނުދާނެ ކަމަށް ބުނުމުންނެވެ. އިންޑިއާ އެގޮތަށް ނިންމުން ރާއްޖެ އާއި ލަންކާ ނޫން އެހެން ގައުމުތަކުން ވެސް ވަނީ ސަމިޓަށް ނުދާނެ ކަމަށް ބުނެފަ އެވެ.