ދުނިޔެ

ބޯކޯ ހަރާމް ކިބައިން ސަލާމަތްކުރި ކުދިންގެ އެއްވެސް ހަނދާނެއް ނެތް!

ބޯކޯ ހަރާމުން 200 އަށް ވުރެ ގިނަ އަންހެން ކުދިން ރަހީނުކޮށްގެން ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ނައިޖީރިއާގެ ޗީބޮކް އަވަށުގެ ސްކޫލަކަށް ދިން ހަމަލާއެއްގަ އެވެ. އުމުރުން ފަސް އަހަރާއި 18 އަހަރާ ދެމެދުގެ މި ކުދިން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އޭގެ ތެރެއިން 80 ކުދިން ހޯދައިފަ އެވެ.

މި ކުދިންތައް ހޯދާފައި ވަނީ ވަގަށް ނެގި ކުދިން ވިއްކާލާފައިވާ ކަމަށް ބޯކޯ ހަރާމުން އިއުލާނުކޮށްފައި ވަނިކޮށް ކެމަރޫނުގެ ދީނީ ކޭމްޕަކުންނެވެ. އެއަށް ފަހު މި ކުދިންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނަނީ އަމިއްލަ ނަން ވެސް އެމީހުން ހަނދާން ނެތިފައިވާ ކަމަށެވެ.

ގިނަ ކުދިންނަށް ވާހަކަ ވެސް ނުދެއްކޭއިރު އެމީހުންނަކީ ކޮން ބައެއް ކަމާއި އެމީހުންނަށް ވީ ގޮތުގެ ވާހަކަ ވެސް ކިޔައިދޭން ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ. އެ ފަރާތްތަކުން ވިދާޅުވެފައި ވަނީ އަމިއްލަ ނަމާއި އާއިލާގެ މައުލޫމާތެއް ވެސް މި ކުދިންނަކަށް ނޭނގޭ ކަމަށާއި ކުރިން އެކުގައި އުޅުނު އަވަށުގެ މީހުންތައް ފެނުނަސް ވަކިކުރަން ވެސް ނޭނގޭ ކަމަށެވެ.

ވަގަށް ނަގާފައިވާ ކުދިންގެ ތެރެއިން 219 ކުދިންނަށް ވީނުވީއެއް އަދިވެސް ނޭނގެ އެވެ.

އިރާގާއި ސީރިއާގައި އަތްގަދަކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތް އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފާފައިވާ ބޯކޯ ހަރާމުން ނައިޖީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ދަނީ އެގައުމުގެ އުތުރު ބިތުގައި އިސްލާމީ ދައުލަތެއް ގާއިމުކުރުމަށެވެ.