ހަބަރު

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އާއި ޕީޕީއެމް ތަޖުރިބާ ބަދަލުކުރަނީ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ހާއްސަ ދައުވަތަކަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ހާއްސަ ވަފުދެއް ޗައިނާއަށް ފުރައިފި އެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ އިގްބާލް އާދަމް މިރޭ ވިދާޅުވީ، މިރޭ ޗައިނާއަށް ފުރި ޕީޕީއެމްގެ ވަފުދުގައި 14 ބޭފުޅަކު ހިމެނޭނެ ކަމަށެވެ. އެ ވަފުދު މި މަހުގެ 17 ގެ ނިޔަލަށް ޗައިނާގައި ތިއްބާވާނެ ކަމަށް އިގްބާލް ވިދާޅުވި އެވެ.

އިގްބާލް ވިދާޅުވި ގޮތުގައި މި ދަތުރުގައި ކޮމިއުނިސްޓް ޕާޓީއާ ގުޅިގެން ތަފާތު ދާއިރާތަކުން މީހުން ތަމްރީނުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ. އަދި ހުނަރާއި ތަޖުރިބާ ވެސް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ވެސް އެހެން ގިނަ ކަންކަމާ ގުޅޭ ގޮތުން ދެ ޕާޓީގެ ދެމެދު މަޝްވަރާތައް ކުރެވިގެންދާނެ ކަމަށް އިގްބާލް ވިދާޅުވި އެވެ.

މި ވަފުދުގައި ޕީޕީއެމްގެ ތަރުޖަމާނު އަލި ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަލީ އާރިފާއި ޕީޕީއެމްގެ އެސްޖީ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލާއި ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެންބަރު އަލީ ފަޒާދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ފޭދޫ ދާއިރާއިގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) އާއި ކައުންސިލް މެންބަރު އައިޝަތު ސުހެއިލާ އަދި އަންހެނުންގެ ގޮފީގެ ނައިބު ރައީސް އިނާޔާ ހިމެނިލައްވަ އެވެ.

ދެން އެ ވަފުދުގައި ހިމެނެނީ ޕީޕީއެމްގެ އިދާރީ މުވައްޒަފުންނެވެ.

ޕީޕީއެމްގެ ވަފުދެއް ޗައިނާއަށް ފުރާފައިވާއިރު ރައްޔިތުން މަޖިލީހުގެ އިސް ބޭފުޅުންގެ ވަފުދެއް ވެސް ތިއްބެވީ ޗައިނާގަ އެވެ. އެ ވަފުދުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވަ އެވެ.

އިއްޔެ އެ ވަފުދު، ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޝިންގް ޑިޖެންގްއާއެކު ބޭއްވި ބައްދަލުވުމުގައި ޗައިނާ އިން ވަނީ ރާއްޖޭގެ ވެރިކަންކުރާ ނިޒާމަށާއި ގާނޫނު ހެދުމުގައި ތަޖުރިބާ އާއި މަޝްވަރާ ދިނުމަށް ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ.