ހަބަރު

ބަންދުގައި ބަހައްޓަައިގެން ތަހުގީގުކުރުމުގެ ބާރު ލިބެން ޖެހޭ: އޭސީސީ

  • ކުއްލި މުއްސަދިކަން ކުށަކަށް ހަދަން ޖެހޭ
  • މުދާ ހޯދި ގޮތް ބުނެދޭން ޖެހޭނެ
  • އެންގުތައް ބޮލާލައި ޖެހުން ބަލައެއް ނުގަނެވޭ

ކޮރަޕްޝަންގެ ތުހުމަތުގައި މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ހިންގުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ލިބެން ޖެހޭ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި، އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ އޭސީސީގެ މަސައްކަތަށް ފަހިވާނެ ގޮތަށް އޭސީސީގެ ގާނޫނު ބައްޓަން ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް އެދެވިއްޖެ ކަމަށެވެ. އޭސީސީން ބޭނުން ވަނީ ނުހައްގުން ލިބިގަންނަ މުއްސަނދިކަމަކީ ކުށެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ކުއްލިއަކަށް ހޯދައިގަންނަ މުއްސަނދިކަން އެމީހަކަށް ލިބުނީ ހައްގު ގޮތުގައިކަން ސާބިތުކޮށް ދިނުމަކީ އެމީހެއް ޒިންމާއެއް ކަމުގައި ގާނޫނުގައި ލިއުމަށް ވެސް އޭސީސީއިން ބޭނުންވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ މައްސަލަތަކުގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުތައް ހިންގުމުގެ ބާރު އޭސީސީއަށް ގާނޫނީ އިމުގެ ތެރެއިން ލިބެން ޖެހޭ،" ލުތުފީ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާއިރު ދައުލަތުގެ އިދާރާތަކަށް އޭސީސީން އަންގާ އެންގުންތަކަކީ ކަނޑުގައި އަޅާލެވޭ ރޮގަނކަށްވެގެން ނުވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ. ލުތުފީ ވިދާޅުވި ގޮތުގައި، އޭސީސީގެ އެންގުންތަކަށް އިހްތިރާމުކޮށް ދައުލަތުގެ ކޮންމެ މުއައްސަސާއަކުންވެސް އަމަލު ކުރަންޖެހޭނެ އެވެ. އަދި އޭސީސީގެ އެންގުންތައް ބޮލާލާ ޖެހުމަކީ ފަހުރުވެރިވާންވީ ކަމެއް ނޫން ކަމަށް ލުތުފީ ވިދާޅުވި އެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ މީހުންނަށް ގާނޫނީ އަދަބު ދިނުމުގެ މުހިންމުކަން ލުތުފީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"ކޮރަޕްޝަންގެ ކިތަންމެ ބޮޑު މައްސަލައެއް ތަހުގީގު ކުރިނަމަވެސް ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ އުފުލައި އިންސާފުވެރި ޝަރީއަތެއްގެ ތެރެއިން އަދަބު ކަނޑައެޅިގެން މެނުވީ އޭސީސީން މިއަދު ކުރާ މަސައްކަތުގެ ނަތީޖާއެއް ނުފެންނާނެ،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.

އޭސީސީން އެކުލަވާލައި ތަންފީޒު ކުރަން ފެށުމަށް ތައްޔާރުވެފައިވާ ނަޒާހަތްތެރިކަމުގެ ގައުމީ މަޝްރޫއަކީ މުއައްސަސާތަކުގައި އަށަގެންފައިވާ ކޮރަޕްޝަންގެ ބަލިމަޑު ކަމަށް ފަރުވާއެއް ހޯދައިދޭނެ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަޝްރޫއުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، ޒިންމާދާރުކަމާއެކު ޖަވާބުދާރީވުމާއި، ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދިނުމަށް ބާރުއަޅާފައިވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.