އަވަސް ވީކެންޑް

ޗައިނާ އާއި ދިވެހިން ގުޅުވައިދޭ ޒުވާނާ

Dec 9, 2016
2
  • ޗައިނާގައި ހުރި ފުރުސަތުތައް އަންގައިދޭ
  • ތައުލީމް ހާސިލް ކުރީ ޗައިނާއިން
  • އެމްސީޓީސީއޯގެ ނައިބް ރައީސް

އޭނާ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ޗައިނާ އަށް ދިޔައީ ދަތުރުކޮށްލާށެވެ. ޗައިނާ ބަލައިލާންދާ މުސާފިރެއްގެ ގޮތުގަ އެވެ. އެ ގައުމުގެ ރީތި ތަންތަން ދެކެލުމުގެ މަގުސަދަތުގަ އެވެ. އޭގެ ފަހުން އޭނާގެ ސިކުނޑި އަށް ވިސްނުނީ ޗައިނާގައި ކިޔަވާށެވެ. ވިސްނުމުގެ ފަހަތުގައި އޮތް ހިކުމަތަކީ އެ ގައުމުގައި ހުންނަން "ފްރީ" ވިސާ ލިބުމެވެ. އޭނާއަށް ޗައިނާ ބަސް ފެން ފަދަ އެވެ. ދޫ ފަރިތަކާއެމު ޗައިނީސް ލޭންގުއޭޖުން ވާހަކަ ދައްކާލަ އެވެ. މިއީ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (އެމްސީޓީސީއޯ) ގެ ނައިބު ރައީސް މިދުއަމް ސައުދު އެވެ.

"އޭރު [2009] ހިސާބު ޗައިނާއަކީ ވަރަށް މިސްޓީރިސް ތަނެއް. އޭރުވެސް ރަޝިޔާ އާއި ޗައިނާ ފަދަ ގައުމުތަކަށް ދާން ޝައުގުވެރިވޭ. ވަރަށް ބޭނުވޭ ކުރިންސުރެން ފެށިގެން ވެސް ޓްރެވަލް ކުރަން. މިހެން ހުއްޓައި ފުރުސަތެއް ލިބުނީ ޗައިނާއަށް ދާން. އޭރު ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ވެސް ނުހުރޭ އެހެންވެ ސްރީލަންކާ އަށް ގޮސް ވިސާ ޖަހައިގެން ދިޔައީ،" ފުރަތަމަ ދަތުރުގެ ވާހަކަ މިދުއަމް "އަވަސް" އަށް ހިއްސާ ކުރެއްވި އެވެ.

މިދުއަމް އަށް ޗައިނާގެ "ޓިއަންޖިން" ސިޓީއަށް ދިއުމަށް ފުރަތަމަ ލިބުނީ އެންމެ ދެ ހަފުތާގެ ވިސާއެކެވެ. އެހެންވެ އޭނަ ވިސްނެވީ ވިސާ އިތުރު ކުރާނެ ގޮތެއް ބެލުމަށެވެ.

"އެންމެ ކުރިން ޗައިނާ އަށް ދިއުމުގެ ކުރިން ވެސްޓަން މީޑިޔާ [ހުޅަނގުގެ މީޑިޔާ] އިން އެނގެނީ އެއީ ވީވަލް ކޮމިއުނިސްޓް ގައުމެއް ކަމަށް. އެކަމަކު ކުރިން އަޑު އިވުނު ޗައިނާ އާއި އަޅުގަނޑުމެން ދެވުނު ޗައިނާ މުޅިން ތަފާތު. އެހެންވެ އިންޓްރެސްޓްވީ. އެކަމަކު ވިސާ އޮތީ ދެ ހަފުތާ. ދާން ބޭނުންވާ ތަންތަން ވަރަށް ގިނަ. އެހެންވެ ވިސާ އިތުރު ކުރާނެ ގޮތެއް ބެލީ، ޓެއިންޖިން ޔުނިވާސިޓީން. ކަން ދިމާވި ގޮތުން އެތަނުގައި އޮތް ވަން މަންތުގެ ކުރު ކޯހެއް. އެމީހުން ބުނީ ބައިވެރިވާށޭ އޭރުން އޭރުން އެއް މަހުގެ ފްރީ ވިސާ ލިބޭނެއޭ،" މިދުއަމް ވިދާޅުވި އެވެ.

"އެކަމަކު ހަގީގަތުގައި ބޭނުންވީ ވިސާ ހޯދަން. އެހެންވެ ފުރަތަމަ ދެ ހަފުތާ ކްލާހަށް ވެސް ނުދަން. ނަމަވެސް ތިންވަނަ ހަފުތާގައި ދެވުނީ. އެ ހިސާބުން ޝައުގުވެރިވޭ. ބޮޑަށް ޝައުގުވެރިވީ ޗައިނީޒް ކަލްޗާ އަށް. އެތަނުގައި ކަލްޗާ ޗަރަށް ތަފާތު. ކަލްޗާ އެނގެންޏާ ލޭންގުއޭޖް [ބަސް] އެނގެން ޖެހޭ. މިގޮތަށް ޗައިނާގައި ހަރުލީ. މި ހިސާބުން ޗައިނާ އިން ހަޔަ ސްޓަޑީސް ހެދީ."

މިދުއަމް ޗައިނާ ސަގާފަތުގެ ތެރެ އަށް ފީނައިގަތީ މި ހިސާބުންނެވެ. އެގޮތުން ޗައިނާގައި އޭނާވަނީ ފިޒިކްސް އާއި ހިސާބު އިލްމުގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ޗައިނާ ބަހާއި ޗައިނާގެ މުއްސަނދި ސަގާފަތާ ބެހޭ އިލްމު މަޝްހޫރު ނަންކައި ޔުނިވާސިޓީން އުނގެނުނެވެ.

"ޗައިނާ މީހުން ވަރަށް ތަފާތުވާނެ. ފުރަތަމަ ކަމަކީ ޗައިނާ މީހުންގެ މަސައްކަތް ކުރާނެ. ވަރަށް ހާޑް ވޯކިން ބައެއް އެއީ،" މިދުއަމް ވިދާޅުވި އެވެ.

މީގެ އިތުރުން ޗައިނާ މީހުންގެ އިތުރު އެހެން ހާއްސަ ސިފައެއް މިދުއަމް އަށް ފެނުނެވެ. އެއް ކަމަކީ ޗައިނާ މީހުންނަށް އެ ގައުމުގެ ތާރީހު ފެންފަދައިން އެނގުމެވެ. މިދުހަމް ގަބޫލު ކުރައްވާ ގޮތުގައި ޗައިނާ މީހުން ގައުމުދެކެ ލޯބިވުމުގެ އެއް ސަބަބަކީ އެއީ ކަމަށްވުން ގާތެވެ.

"ކުރިން ގައުމަށް ވެފައި އޮތް ގޮތް ޗައިނާ ކޮންމެ މީހަކަށް ވެސް އެނގޭނެ. ގައުމުދެކެ ލޯބިވަން ޖެހޭ ސަބަބު އެނގެނީ އެހެންވެ. ވެދާނެ އެއީ ޗައިނާ އެޑިއުކޭޝަން ސިސްޓަމްގެ ތެރެއިން އަންނަ ކަމެއް ކަމަށްވެސް،" މިދުއަމް ވިދާޅުވި އެވެ.

އެހެންކަމެއް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެ ކަމަކީ އެމީހަކު މަސައްކަތްކުރާ ދާއިރާގެ ބޭރުން ވާހަކަ ނުދެއްކުމެވެ. ރޯނު އެދުރު ހެދިގެން ހުރިހާ ކަމެއްގެ ތެރެއަށް ފުންމާލައިގެން ނޫޅުމެވެ.

"ޗައިނާ މީހުން އެމީހުން މަސައްކަތްކުރާ ދާއިރާއެއްގައި ވަރަށް ޕްރޮފެޝަނަލް ވާނެ. މިސާލަކަށް އައިޓީމީހެއް ނަމަ ވާހަކަ ދައްކާނީ އެ ވާހަކަ. އައިޓީ މީހެއްގެ ކައިރީގައި ކިތަންމެ ވަރަކަށް ސިޔާސީ ވާހަކަ ދެއްކިއަސް އަޅާ ވެސް ނުލާނެ. އޭނަގެ ފީލްޑަކީ އައިޓީ. އެހެންވެއްޖެނަމަ އެ މީހުން ވާހަކަ ދައްކާނީ އެ ޓޮޕިކަށް،" މިދުއަމް ވިދާޅުވި އެވެ.

މިދުއަމް ޗައިނާގައި ހޭދަކުރި މުއްދަތުގައި ތަފާތު ތަޖުރިބާތައް ކޮށްފައިވެ އެވެ. ހާއްސަކޮށް ރާއްޖޭން އަލަށް ގޮސް ކުރަން ޖެހުނީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. އެންމެ ތަފާތު ތަޖުރިބާއަކަށްވީ ޗައިނީސް ފުޑެވެ. ރާއްޖޭގައި އާއްމުކޮށް ހުންނަ ކާނާގެ ބާވަތްތަކާ މުޅިން ތަފާތު ވުމުން އެއަށް ހޭނުމަށް ހައެއްގެ މަސް ނެގި ކަމަށް މިދުއަމް ވިދާޅުވި އެވެ.

"ޗައިނާ މީހުންނަކީ ވަރަށް ތަފާތު އާދަކާދައެއް ބައެއް. ކުރީގެ އާދަ ކާދަ މިހާރުގެ ކުދިން ފޮލޯ ކުރޭ. މިސާލަކަށް ޗައިނީސް މީހުންގެ އާދަކާދައެއް ތަނަކަށް ދާއިރު އަނބި މީހާގެ އަތް ދަބަސް އުފުލައި ދިނުން. މިސާލަކަށް ޗައިނާގެ ރައީސް ރާއްޖެ ވަޑައިގެންނެވިއިރު ފަސްޓް ލޭޑީގެ ދަބަސް ހިފައިގެން ހުންނެވީ،" މިދުއަމް ވިދާޅުވި އެވެ.

މިދުއަމް އެމްސީޓީސީއޯ އުފެއްދީ، ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމެވެ. އެެންވެ މި ޖަމިއްޔާގެ ދަށުން ދަނީ ދެ ގައުމުގެ ވިޔަފާރިވެރިން ވެސް ގިނަ އެހީތަކެއް ލިބެމުންނެވެ.

"ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ގާތް ދިގު ތާރީހެއް އެބައޮތް، ގުޅިފައިވަނީ. މިހާރު އެ ގުޅުން މާ ވަރުގަަދަ އެހެންވެ ބޭނުންވަނީ އެމްސީޓީސީއޯ އިން މި ގުޅުން އިތުރަށް ވަރުގަދަ ކުރަން. އަޅުގަނޑުމެން ދެ ގައުމުގެ ވިޔަފާރިވެރިން މި ގުޅުވައިދެނީ. ދެ ގައުމުގެ ރައްޔިތުންނާއި ރައްޔިތުން މި ގުޅުވައި ދެނީ،" މިދުއަމް ވިދާޅުވި އެވެ.

އެމްސީޓީސީއޯއަކީ މިހާރު ދެ ގައުމު ގުޅުވައިދޭ "ބްރިޖަކަށް" ވަނީ ވެފަ އެވެ. މި ޖަމިއްޔާގެ މަގުސަދަކީ ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ވަރުގަދަ ކުރުމެވެ.

"ހަގީގަތުގައި ޖަމިއްޔާ މި މަސައްކަތް ކުރަނީ ޕްލެޓްފޯމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ އެބައޮތް ކަލްޗަރަލް ކޮމްޕޯނެންޓަކާއި ބިޒްނަސް ކޮމްޕޯނެންޓެއް. ޓްރޭޑް ކޮމްޕޯނެއްޓުގައި މަސައްކަތް މި ކުރަނީ ދިވެހި ވިޔަފާރިވެރިން ޗައިނާ އިން ކުރާ ވިޔަފާރީގައި އެހީވުން. އެކޮޅުން [ޗައިނާ] އިން ގަންނަން ބޭނުންވާ އެއްޗެއް ގަންނަން އެ ވިއްކާ ފަރާތްތަކާ ގުޅުވައި ދިނުން،" މިދުއަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންސެލްޓެންސީ ވެސް ދެން. ޗައިނާގައި ޓްރާންސް ލޭޓަރުންވެސް ހޯދައިދެން. ޗައިނާގައި ދިވެހި ކުންފުންޏެއް ޗައިނާގައި ރަޖިސްޓްރީ ކުރާނަމަ އެފަދަ ކަންކަމުގައި ވެސް އެހީތެރިވެދެން"

އޭނާ ވިދާޅުވި ގޮތުގައި ޗައިނާއަކީ ދިވެހިންނަށް ވިޔަފާރީގެ މުހިންމު ގިނަ ފުރުސަތުތަކެއް ހުރި ގައުމެވެ. އެހެންވެ މިދުއަމް މަސައްކަތް ކުރާނީ ޗައިނާ އާއި ދިވެހިން ގުޅުވައިދޭށެވެ.