ވިޔަފާރި

ލަފާކުރި ވަރަށް ވުރެ އާމްދަނީ 26 ޕަސެންޓް އިތުރުވެއްޖެ

Dec 9, 2016
1

ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ 29 ޕަސެންޓް އިތުރުވެ، ޖުމްލަ އެއް ބިލިއަން ރުފިޔާ މިދިޔަ މަހު އެކަނި އާމްދަނީގެ ގޮތުގައި ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިިދިޔަ މަހު ލިބުނު 1.01 ބިލިއަން ރުފިޔާގެ އާމްދަނީ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ވެސް 21 ޕަސެންޓް އިތުރު އަދަދެކެވެ. މީރާއިން ބުނި ގޮތުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުޅިން އާ ޓެކްސް ތައް ކަމަށްވާ ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުުވުމެވެ. މީގެ އިތުރަށް ޓޫރިޒަމުން ލިބުނު ޓީޖީއެސްޓީ ވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހު ވަނީ 57.2 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ރެމިޓެންސް ޓެކްސްގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ލިބުނު އިރު، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން ޓީޖީއެސްޓީގެ އާމްދަނީ ވަނީ 525.10 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މީރާ އަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 13.29 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ކުރީ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ލިބުނު ޖުމުލަ އަދަދަކީ 12.08 ބިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 42.4 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.