މެންޗެސްޓާ ޔުނައިޓެޑް

މޮރީނިއޯއާއެކު ޔުނައިޓެޑް ވިދާލާނީ ކޮންއިރަކު؟

Dec 10, 2016

މެންޗެސްޓާ ޔުނައިޓެޑްގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔާބު ކޯޗަކީ އެ ޓީމުގެ ކުރީގެ ކޯޗް ސްކޮޓްލޭންޑްގެ އެލެކްސް ފާގަސަން އެވެ. އެކަމަކު ދެހާސް ތޭރަ ވަނަ އަހަރު ފާގަސަން، އޭނާގެ ކޯޗިން ކެރިއާ ނިންމާލުމަށްފަހު ގެއަށް ވަދެއްޖެ އެވެ. މިހާރު އޭނާއަކީ ފުޓްބޯޅައިގެ ހާއްސަ ރަސްމިއްޔާތު ތަކުގެ ޝަރަފުވެރި މެހެމާނެކެވެ. ފާގަސަންގެ ކެރިއާ ނިންމާލުމާއެކު އިނގިރޭސި މީޑިއާތަކުން ސިފަ ކުރާ "ފާގަސަންގެ އިންގްލާބު" މެންޗެސްޓާ ޔުނައިޓަޑްގައި ވެސް ނިމުމަކަށް އައީއެވެ. އެޓީމުގެ ބަހާރުގެ ދުވަސްތައް ނިމިއްޖެ އެވެ.

ފާގަސަންއަށް ފަހު މެންޗެސްޓާ ޔުނައިޓަޑާ ތިން ކޯޗުން ހަވާލު ވެއްޖެ އެވެ. އެންމެ ފުރަތަމަ ފާގަސަންގެ ލަފަޔަށް ސްކޮޓްލޭންޑްގެ ޑޭވިޑް މޮޔެސް އެވެ. އެއަށްފަހު ހޮލެންޑްގެ ލުއިސް ވެންހާލް އެވެ. މި ސީޒަނާއެކު ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ އެވެ. މޮރީނިއޯއާއެކު ޔުނައިޓަޑްގެ ސަޕޯޓަރުންގެ އުންމީދުތައް ވެސް އުފުލިގެން ދިޔަ އެވެ. އޭނާ އަކީ ބޮޑެތި ޓީމުތަކަށް ކާމިޔާބު ހޯދާދީފައިވާ ކޯޗަކަށް ވުމުންނެވެ. ޕޯޓާ އާއި ޗެލްސީ އާއި އިންޓަމިލާންގެ އިތުރުން ރެއާލް މެޑްރިޑްގަ އެވެ. ނަމަވެސް ސީޒަން ދެ ބައިވާ ވަގަތު ކުޑަތަން ވެގެން އަންނަ އިރުވެސް ޔުނައިޓަޑް ސަޕޯޓަރުން އުންމީދު ކުރި ހިސާބަކަށް މޮރީނިއޯ އަކަށް އެޓީމު ގެންގޮހެއް ނުދެވުނެވެ.

އެއްވެސް ކޯޗެއްގެ ޓެކްޓިކްސް އަކީ 100 ޕަސަންޓް ފައްކާ އެއްޗަކަށް ނުވާތީ މޮރިނިއޯގެ ޓްކްޓިކްސްތަކުގައި ވެސް އެ އުނި ކަން ހުއްޓެވެ. މައްސަލަ އުޅެނީ މޮރީނިއޯގެ ޓެކްޓިކްސް ތަކުގައެއް ނޫނެވެ. ފާގަސަން މީގެ ހަތަރު އަހަރު ކުރިން އެ ޓީމު ދޫކޮށްލި ހިސާބުން މައްސަލަ އޮތީ އެ ޓީމުގައި ފެންމަތިވެފަ އެވެ. މޮޔެސް އާއި ވެންހާލްގެ ދައުރުގައި އެ މަސައްލަ ތަކަށް އެޑްރެސް ނުކުރެވުމުގެ ނަތީޖާއަކީ އެ މައްސަލަ ޓީމުގައި އާދަ ވުމެވެ. މޮރީނިއޯވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ.

މެން ޔޫ ގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ގަބޫލު ކުރާ ގޮތުގައި ޔުނައިޓަޑްގެ ތެރޭގައި އޮތް މައްސަލަ ހައްލު ކުރެވޭނެ މީހަކީ ވެސް މޮރީނިއޯ އެވެ. އެއީ މީގެ ކުރިން މޮރީނިއޯ ހަވާލުވި އެހެން ޓީމުތަކުގައި ހުރި އެފަދަ މައްސަލަތައް ހައްލުކޮށް ތަޖުރިބާ ހޯދާފައިވާ ކޯޗަކަށް އޭނާ ވުމެވެ.

"އެކަމަށް މޮރީނިއޯ އަށް ބޭނުން ވަނީ ވަގުތު،" ފާޑިނަންޑް ބުންޏެވެ.

މި ވަގުތު ޔުނައިޓަޑް އޮތީ ލީގްގެ ހަ ވަނައިގައެވެ. ފާޑިނަންޑް ބުނާ ގޮތުގައި ފާގަސަންގެ ދައުރުގައި އޮތް ޓްރެކަށް ޔުނައިޓަޑް ގެނައުމުގައި މޮރީނިއޯއާއެކު ދެ ޓްރާންސްފާ ޕީރިއަޑެއް ޔުނައިޓަޑުން ހޭދަ ކުރަން ޖެހޭނެ އެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެންމެ ބޮޑު ޓާރާންސްފާ ޑީލެއް ހެދި ކުލަބަކީ ޔުނައިޓަޑެވެ. ޒްލަޓާން އިބްރޮހިމަވިޗާއި ޕައުލް ޕޮގްބާގެ އިތުރުން އެރިކް ބެއިލީ ފަދަ ކުޅުންތެރިންނާއެކު ޓްރާސްފާ ބާޒާރުގައި ހޯދި ބޮޑެތި ކުޅުންތެރިންނާއެކު ވެސް މޮރިނިއޯ އަސް އެދެވޭ ކާމިޔާބެއް ނުހޯދޭ ކަމަށް ފުޓްބޯޅައިގެ އެނަލިސްޓުން ބުނާ ބުނުމަށް ފާޑިނަންޑްގެ ޖަވާބެއް ވެސް އެބަ އޮތެވެ.

"މިއީއަކީ ފާގަސަންގެ ދައުރެއް ނޫން. ޓީމު މިއޮތީ އަލުން ބިނާ ކުރާ ހާލަތުގައި އެ ކުޅުންތެރިންގެ ސްޓައިލް އާއި ކުޅުމުގެ ވައްޓަފާޅި ވެސް މިއޮތް ހާލަތުގެ ތެރެއަށް އިންޓަގްރޭޓް ވާން އެބަ ޖެހޭ،" އޭނާ ބުންޏެވެ.

"މޮރީނިއޯއާ މިޖެހުނީ އަލުން ޓީމު ބިނާ ކުރަން، އޭނާ ވަނީ އެންމެ ދަށުން މަސައްކަތް އަލުން ފަށާފަ، ކުޅުންތެރިންގެ މެންޓަލިޓީ އަށް ބަލާއިރު އެ މަސައްކަތް ކުޑަކޮށް އެބަ ފެނޭ އަދި އޭނާ އެ ދަނީ އެމަސައްކަތަށް އެންމެ ރަނގަޅު ކުޅުންތެރިން ބަލަމުން."

މޮޔެސް އާއި ވެންހާލްގެ ދައުރަށް ވުރެ މަދުން ޕޮއިންޓް ލިބުނު ނަމަވެސް އެ ދުވަސްތަކަށް ވުރެ މޮރީނިއޯ ދައުރުގައި ޓީމަށް ހަމަޖެހުން އައިސް، ޓީމު ކުރިއަރަމުން އަންނަ ކަމަށް ފާޑިނަންޑް ދެކެއެވެ.

"އަހަންނަށް ހީއެއް ނުވޭ އެއްވެސް މެނޭޖަރަކަށް އެއް އަހަރު ދިނުމަށްފަހު އެއް އަހަރުން ޖަޖް ކުރުމުގެ ފުރުސަތު އޮންނަން ވާނެ ހެނެއް އެއީ ޑޭވިޑް މޮޔަސް ނުވަތަ ލުއިސް ވެންހާލް ކަމަށް ވިޔަސް،"

މޮރީނިއޯގެ ކޯޗިން ކެރިއަރަށް ބަލާއިރު ފާޑިނަންޑްގެ ވާހަކަ އަށް އެންމެ ބޮޑު މިސާލެއް ނެގެން އޮތީ އިންޓަ މިލާންއަށް ކޯޗް ކޮށްދިން އިރުއެވެ. އިންޓަ މިލާންގައި ހޭދަ ކުރި ދެ ސީޒަންގެ ތެރެއިން ފުރަތަމަ ސީޒަން ނިންމާލީ ކާމިޔާބެއް ނުހޯދި އެވެ. ނަމަވެސް ދެ ވަނަ ސީޒަންގައި އިޓާލިއަން ލީގާއި އިޓާލިއަން ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގް ވެސް ކާމިޔާބު ކުރިއެވެ.

"ހޯސޭ މޮރީނިއޯ ބޮޑެތި ކުލަބުތަކާއެކު ހޯދާފައިވާ ބޮޑެތި ކާމިޔާބު ތަކާއެކު އޭނާ އަކީ ވަރަށް ބޮޑު ޝަހުސިއްޔަތެއް، މެން ޔުނައިޓަޑަކީ އޭނާގެ ޓީމެކޭ ބުންނަން އެންމެ މަދުވެގެން އެކެއް ނުވަތަ ދެ ޓްރާންސްފާ މުއްދަތު އޭނަ އަށް ބޭނުންވޭ އަހަންނަށް ހީއެއް ނުވޭ މިހާރު މެން ޔުނައިޓަޑަކީ ތިމަންނަގެ ޓީމެކޭ އޭނާ އަށް ބުނެވޭނެ ހެނެއް."

"އެ މަރުހަލާތައް އޭނާ އަށް ފޯރުކޮށް ދިނުމަށްފަހު ދެން އުޒުރެއް ނޯންނާނެ އެ މުއްދަތުގައި އެ ކުޅުންތެރިން ވެސް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އެންގި ދަސްވާނެ އެ ވަގުތައް އެ ބަޖެހޭ މަޑު ކުރަން،" ފާޑިނަންޑް ބުންޏެވެ.

ޔުނައިޓޑަށް އޮތް އަނެއް ޗެލެންޖަކީ އެންމެ ވާދަވެރި ތިން ޓީމުގައި ވެސް ވަރުގަދަ ކޯޗުން ތިބެފައި އެ ޓީމުތައް ރަނގަޅަށް ޕާފޯމް ކުރަމުން ދިއުމެވެ. ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވާދަވެރި ލީގެވެ. ދުނިޔޭގެ އެންމެ މޮޅެތި ކޯޗުން ހޯދައި ޕްރިމިއާ ލީގްގެ އެންމެ ވާދަވެރި ޓީމުތަކަށް ޓްރާންސްފާ ވިންޑޯގައި 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއް ހޭދަ ކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ.

"އެނގެން އެބަޖެހޭ ޕްރިމިއާ ލީގަކީ ވަރަށް ވާދަވެރި ލީގެއް ކަން ގިނަ ޓީމުތަކަށް 100 މިލިއަނަށްވުރެ އިތުރަށްވެސް ހޭދަ ކުރުމުގެ ގާބިލު ކަން އެބަހުރި ޓީމުތައް ދަނޑަށް ނިކުންނައިރު އެންމެ ޓޮޕް ކްލާސް ކުޅުންތެރިން އެބަ ތިބޭ ވާދަވެރި އެހެން ޓީމު ތަކުގައިވެސް."

"އަދި ދުނިޔޭގެ އެންމެ މޮޅު ކޯޗުންވެސް ތިބީ މި ޓީމު ތަކުގައި، ޕެޕް ގާޑިއޯލާ، ހޯސޭ މޮރީނިއޯ ޔާގަން ކޮލެޕް، ކޮންޓޭ މިއީ ދުނިޔޭގެ އެންމެ މޮޅު ހަތަރު ކޯޗުން ނުވަތަ މިއީ ދުނިޔޭގެ ގަދަ ހައެއްގެ ތެރޭގައި މިވަގުތު ހިމެނޭނެ ކޯޗުން، އެ ކޯޗުންގެ ހިޔާލުތައް މި ޓީމުތަކުގައި ތަންފީޒު ކުރަން ވަގުތު ބޭނުންވޭ." ފާޑިންނަޑް ބުންނެވެ.

ކޮންޓޭ ޗެލްސީއާ ހަވާލުވިއިރު އެޓީމުގައި ވަރުގަދަ ޓީމެއް އޮތެވެ. މިދިޔަ ސީޒަން ފިޔަވައި އޭގެ ކުރީ ސީޒަންގައި ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ތިބީ ޗެލްސީގަ އެވެ. މިދިޔަ ސީޒަންގައި އެ ކުޅުންތެރިން ދަށްކޮށް ދިޔަ ނަމަވެސް އަލުން އަނެއްކާ ކުރީގެ ފޯމަށް އެޅިއްޖެ އެވެ.

މެންޗެސްޓާ ސީޓީގައި މެނައުލް ޕެލްގްރިނީ ހުރިއިރުވެސް ވަރުގަދަ ޓީމެއް އޮތެވެ. ގާޑިއޯލާ އަށް ޖެހުނީ އެ ޓީމަށް ބައެއް އާ ކުޅުންތެރިން ގެނެސް ވަރުގަދަ ކޮށްލާށެވެ. މިދިޔަ ސީޒަނުން ފެށިގެން ކްލޮޕް ލިވަޕޫލާ ހަވާލުވެ، މިއަހަރު ސީޒަން ފެށެން ވާއިރަށް އޮތީ ޓީމު އޭނާ ފުލު ކޮށްޓްރޯލްގައި ހަމައަކަށް އަޅުވާފައެވެ.

ނަމަވެސް ފާޑިނަންޑްގެ ހިޔާލުގައި މޮރީނިއޯ އަށް މެންޗެސްޓާ ޔުނައިޓާޑްގައި ތަފާތެވެ. މޮރީނިއޯ އަށް ޖެހުނީ އެންމެ ދަށުން ފަށައިގަންނާށެވެ. ފާގަސަން އަތް ދޫކޮށްލި ފަހުން ޖެހުނު މައްސަލަތައް ހަތަރު އަހަރުވީ އިރު ވެސް ހައްލު ނުކޮށް އޮތުމުން އޭނާ އަށް ޖެހުނީ ހައްލު ކުރަމުން ޓީމު ބިނާ ކުރަމުން ކުރިއަށް ދާށެވެ.

"އެހެރީ ވަރަށް މޮޅު ކޯޗެއް، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް ސީދަލަށް ގެންދެވޭނީ އެ ފެންވަރުގައި މަގާމުތަކަށް ކުޅެވޭނެ ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑެއް ވެސް އޮވެގެން."