ވިޔަފާރި

ފުރަތަމަ މަހު ވެސް ރެމިޓަންސް ޓެކުހުން 6.8 މިލިއަން ރުފިޔާ

Dec 11, 2016
  • 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރޭ
  • ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭރުކުރޭ
  • ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީ ކުރުން ލާޒިލް

ބިދޭސީ މަސައްކަތް ތެރިން ގައުމަށް ފޮނުވާ ފައިސާ އިން ނަގާ "ރެމިޓެންސް" ޓެކުހުން މިދިޔަ މަހު ދައުލަތައް 6.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުގައި މި ޓެކްސް ނަގަން ފެށިފަހުން، ފުރަތަމަ މަހު ދައުލަތައް 6,822,074ރ. ލިބިފައިވެ އެވެ.

ދައުލަތުން ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ފަހު އެވެ. މިގޮތުން ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށެވެ.

މި އިސްލާހާ ގުޅިގެން މީރާއިން އެކުލަވާފައިވާ ގަވާއިދު ގައިވާ ގޮތުން ރާއްޖޭގައި ހުރި ވިޔަފާރި ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތްދޭ ހުރިހާ ތަނެއް މީރާގައި ރެމިޓެންސް ޓެކްސް ފޮނުވުމުގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ރެމިޓެންސް ޓެކުސް ގާނޫނުގައިވާ ގޮތުން މި ގާނޫނަށް ހިލާފު ވެއްޖެ ނަމަ ވަޒީފާދޭ ފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ.

އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މި އަހަރު ރެމިޓެންސްގެ ގޮތުގައި ބަޖެޓަށް 56 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް 20،000 ވަރަކަށް ބިދޭސީން މަސައްކަތް ކުރަމުންދެ އެވެ. އަދި ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުގައި ބިދޭސީން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ބިދޭސީންނަށް ލިބުނު އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 363 މިލިއަން ޑޮލަރު ބޭރުކޮށްފައިވެ އެވެ.