ވިޔަފާރި

ހަލަބޮލިކަމުގެ ސަބަބުން ޓޫރިޒަމަށް އަދި އަސަރެއް ނުކުރޭ: އަދީބު

Mar 11, 2015

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މިހާތަނަށް އަދި އަސަރުކޮށްފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަދީބު ވިދާޅުވީ ޖަރުމަނުގައި މިދިޔަ މަހު ނިމިގެން ދިޔަ އައިޓީބީ ބާލިން ފެއާ ދިމާކޮށް ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ސޯޝަލް މީޑިޔާ މެދުވެރިކޮށް ދިވެހިން ޕޯސްޓްތައް ޖަހާފައިވާ ކަމަށާއި، މި ކަމާ ހިތާމަ ކުރެއްވާ ކަމަށެވެ.

"ބާލިން ފެއާ ކުރިއަށް ދިޔައިރު ސޯޝަލް މީޑިޔާ މެދުވެރިކޮށް ބާލިން ފެއާ ހޭޝްޓެގް ކޮށްފަ ބައެއް ދިވެހިން ޕޯސްޓްތައް ކުރި. މިކަމުގައި އުޅެނީ ބޭރު މީހުންނަށް ވުރެ ގިނައިން ދިވެހިން،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގާ ކަންތައްތަކުގެ މައުލޫމާތު ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި ޓްރެވަލް ފާމްތައް މެދުވެރިކޮށް ދެމުން ގެންދާ ކަމަށެވެ.

"ބައެއް ނޫސްތަކުގައި ޖެހި ޓްރެވަލް އެޑްވައިޒަރީ ނެރުނުކަމަށް. އެކަމަކު އެ ކިޔާލީމަ އެނގޭ މާލޭގައި ހިންގާ ޕްރޮޓެސްޓް ތަކަށް ކެއާފުލްވުމަށް ކަން އަންގާފައި އޮތީ. ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ރެޑް ވެގެންނެއް ނުދޭ. އެހެންވެ ކޮންމެ ވެސް ވަރަކަށް ކޮންސިސްޓެންސްކޮށް ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން މިހާތަނަށް ބުކިންތައް ކެންސަލްކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު މިނިސްޓަރުކަމުގެ ހުވާކޮށްގެން 2012 ވަނަ އަހަރު ހިސާބު އައި އަސްލު ކްރައިސިސް އަކީ. އެ ފަހަރު ނެރުނު ޓްރެވަލް އެލާޓްތައް އެއީ އެލާމިންއަކީ. އެކަމަކު އިރާދުކުރެއްވިޔާ މިހާރު އެފަދަ ކަމެއް ފާހަގައެއް ނުވޭ،" އަދީބު ވިދާޅުވި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބަދުﷲ ޒިއަތު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންތައްތަކާ ބެހޭ ގޮތުން އައިޓީބީ ފެއާގައި "އެއް ސުވާލު" އައި ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސާފުކޮށް ޖަވާބު ދިނިން ކެޕިޓަލް ސިޓީގައޭ އޮންނަ ކަމެއް އޮތީ. ފަތުރުވެރިން އައުމަށް އެއްވެސް ދަތިތަކެއް ނުހުންނާނެ އޭ،" ޒިއަތު ވިދާޅުވި އެވެ.