ރިޕޯޓް

ތެލުގެ އަގު ބޮޑުވަނީ! ރާއްޖެއަށް ކޮން އަސަރެއް؟

Dec 12, 2016
3
  • ތެޔޮ ފީފާއެއްގެ އަގު 55 ޑޮލަރަށް މައްޗަށް
  • އަންނަ އަހަރުވެސް އުފުލޭނެ ކަމަަށް ބެލެވޭ
  • ރާއްޖޭގައި ތެލުގެ އަގަށް އަދި ބަދަލެއް ނުގެނޭ

މި އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިއިން ޒަމާނަކު ދަށްނުވާ ވަރަށް ވެއްޓިފަ އެވެ. އަހަރު ފެށުނީ ތެޔޮ ފީފާއެއްގެ އަގު 28 ޑޮލަރަށް ތިރިވެފައި ހުއްޓަ އެވެ. މިކަންވެގެން ދިޔައީ ތެޔޮ އުފައްދާ ގައުމުތަކަށް ކެތް ކުރަން ދަތި، ވޭނަކަށެވެ. ހާއްސަކޮށް އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) ގައި ހިމެނޭ ގައުމުތަކުގެ އިގްތިސާދަށް ބޮޑު ގެއްލުމެއްވި އެވެ. ނަތީޖާއަކަށްވީ ތެލުގެ އަގު މަތި ކުރަން މަސައްކަތް ފެށުމެވެ. މިއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތި ކުރަން ގިނަ ފިޔަވަޅު ތަކެއް މިވަނީ އަޅާފަ އެވެ. މި ފިޔަވަޅުތަކާއެކު ސުވާލަކީ ތެލުގެ އަގަށް ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟

ތެލުގެ އަގު ދަށަށް ދިއުމާއެކު، އޯޕެކްގައި ހިމެނޭ ގައުމުތަކުން ނިމިދިޔަ ހަފުތާގައި ވަނީ އެއްވެ ސައްލާ ކޮށްފަ އެވެ. އޮސްޓްރޭލިޔާގެ ވިއެނާގައި ތިން ދުވަހަށް ދެމިގެން ދިޔަ އޯޕެކްގެ މެންބަރު ގައުމުތަކުގެ ބައްދަލުވުމަށްފަހު މިވަނީ ތެލުގެ އަގު ބޮޑު ކުރުމުގެ ފިޔަވަޅުތަކަށް މި ވަނީ މިސްރާބު ޖަހައިފަ އެވެ.

އޯޕެކް- ބޭނުންވަނީ މަތި ކުރަން

މި އެއްބަސްވުމާއެކު އޯޕެކުން ދުނިޔޭގެ ބާޒާރަށް ނެރެމުން ދިޔަ ތެލުގެ މިންވަރު ވަނީ 4.5 ޕަސެންޓް ދަށްކޮށްފަ އެވެ. ހާއްސަކޮށް ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ބޮޑު ބައެއް ހިއްސާކުރާ ސައޫދީ އަރަބިއްޔާ އިން ވަނީ ބާޒާރަށް ނެރޭ ތެލުގެ ތެރެއިން ފަސް ލައްކަ ފީފާ ވަނީ މަދުކޮށްފަ އެވެ. ނަމަވެސް މި އެއްބަސްވުމަށް ރަސްމީކޮށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މި ތާރީހީ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު އޯޕެކުން ދުނިޔޭގެ ބާޒާރަށް ދުވާލަކު ނެރޭ ތެލުގެ ތެރެއިން 32.5 މިލިއަން ފީފާ މަދުވެގެންދާނެ އެވެ. މިއީ ރަސްމީކޮށް ހުރިހާ ގައުމުތަކުން އަމަލު ކުރަން ފެށުމުން އަންނާނެ ބަދަލެވެ.

ނަމަވެސް މީގެ އަސަރު މިހާރުވެސް މިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރަން ފަށާފަ އެވެ. މި ނިންމުން ނިންމިތާ ދެ ތިން ދުވަސް ފަހުން ބާޒާރުގައި 46.48 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިވަނީ 55 ޑޮލަރަށް އުފުލިގެން ގޮސްފަ އެވެ.

މި ވަރުން ފުދުނީއެއް ނޫނެވެ؛ އޯޕެކްގެ މި ނިންމުމަށް ބާރު ލިބިގެން އެހެން ގައުމުތަކުން ވެސް މިވަނީ ތެޔޮ އުފައްދާ ވަރު މަދު ކުރަން އެއްބަސްވެފަ އެވެ. އިއްޔެ ވިއެނާގައި ބޭއްވި ސައްލާތަކުގައި އޯޕެކްގައި ނުހިމެނޭ 11 ގައުމަކުން ވެސް މި ވަނީ ތެލުގެ އަގު ދަށްނުކޮށް ހިފަހައްޓަން މި ވަނީ އެއްބަސްވެފަ އެވެ.

އޯޕެކްގައި ނުހިމެނޭ ގައުމުތައް ކަމަށްވާ އޮމާން އާއި އަޒަރުބައިޖާން އަދި ސޫދާން އާއި މެކްސިކޯގެ އިތުރުން ދެކުނު ސޫދާން އަދި ބަހްރެއިނުން ބައިއަތު ހިފާފައި މިވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށެވެ. މި ގައުމުތަކުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެތެރެ އިން 1.2 މިލިއަން ފީފާ ބާޒާރަށް ނެރުން މަޑު ޖައްސައިލަން ނިންމާފައިވެ އެވެ.

2017 ތެލުގެ އަގު މަތިވެދާނެ ތަ؟

ދެން އޮތް ސުވާލަކީ ތެޔޮ އުފައްދާ ގައުމު ތަކުން އެއްބަސްވުމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އާ އަހަރަށް އަލިވިލެން ތައްޔާރު ވަމުންދާއިރު އަންނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވާނީ ކިހިނެއް ހެއްޔެވެ؟

ވޯލްޑް ބޭންކުން ފޯކާސް ކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު [ފުރަތަމަ ތިން މަހު] ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ހުންނާނެ ކަމަށް އަންދާޒާ ކުރަނީ 60 ޑޮލަރު ވަރަށެވެ.

"އަންނަ އަހަރު އެނާޖީއަށް ކުރާ ހޭދަ މަތިވާނެ. ހާއްސަކޮށް ތެލުގެ އަގު،" ވޯލްޑް ބޭންކުގެ ސީނިއަ އިކޮނޮމިސްޓް ޖޯން ބަފޭސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު

ދުނިޔޭގެ ބާޒާރުގައި ތެލުގެ ތެލުގެ އަގު މަތިވެދާނެ ކަމަށް ބެލެވޭއިރު، ރާއްޖޭގައި ޕެޓްރޯލް ލިޓަރެއް ވިއްކަނީ 9.80 ރުފިޔާ އަށެވެ. އަދި ޑީސެލް ލީޓަރެއް ވިއްކާ އަގަކީ 10 ރުފިޔާ އެވެ. އެސްޓީއޯ އިން ވަނީ މިދިޔަ އަހަރު ވެސް ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ހެޔޮ ކުރި އެވެ. ދެހާސް ފަސް ވަނަ އަހަރު ނިމިގެން އައި އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 2.9 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އެގޮތުން ސާފު ނުކުރާ ތެޔޮ ފީފާ އެއްގެ އަގު ހުރީ 36.6 ޑޮލަރުގަ އެވެ.

ކޮންމެއަކަސް ތެލުގެ އަގަށް އަންނަ ބަދަލު ބެލުމަށް ދުނިޔެ އޮތީ ކެތް މަދުވެފަ އެވެ. ރާއްްޖެ ވެސް އެ ބަދަލު ބަލަން ބޭނުމެވެ. ސަބަބަކީ ރާއްޖެ އަކީ ހުރިހާ އެއްޗެއް އެކްސްޕޯޓް ކުރާ ގައުމެކެވެ. އަދި ހަކަތަ އުފެއްދުމަށް ގިނަ އަދަދަކަށް ތެޔޮ ވެސް އިމްޕޯޓް ކުރެ އެވެ. އެހެން ކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ކޮމިޑިޓީ ޕްރައިޒްއަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ އެވެ.