ދުނިޔެ

ޕުޓިންގެ މުސާރަ ކުޑަކުރަނީ: އެހެން ލީޑަރުންގެ މުސާރައަކީ ކޮބާ؟

މި ދުވަސްކޮޅު ރަޝިއާގެ އިގްތިސާދު އޮތީ އެގައުމުގެ ރައީސަށް ވެސް ހަމަ ނޭވާ ލެއްވޭ ވަރަށް ވުރެ ބޮޑަށް ތާށިވެފަ އެވެ. އެހެންވެ، ގައުމަށް ކުރިމަތިވެފައިވާ މި އިގްތިސާދީ ހިތްދަތިކަމުގައި ބައިވެރިވާން އެގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވެސް ބޭނުންފުޅުވެ ވަޑައިގަންނަވަ އެވެ.

ޕުޓިންގެ މުސާރަ އިން 10 ޕަސެންޓް ކަނޑާލާނެކަން ވަނީ މިހާރު ވެސް އިއުލާނުކޮށްފަ އެވެ. މި ބަދަލާ އެކު ޕުޓިންގެ މުސާރައިން، އަހަރެއްގެ މައްޗަށް، 900،000 ރަޝިއަން ރަބްލްސް (14،000 އެމެރިކާ ޑޮލަރު) މަދުވެގެން ދާނެ އެވެ.

ރަޝިއާގެ ރައީސްގެ ގޮތުގައި ޕުޓިން އަށް އަހަރެއްގެ މައްޗަށް 8.2 މިލިއަން ރަބްލްސް ލިބިވަޑައިގަންނަވަ އެވެ. އެމެރިކާ ޑޮލަރުން ނަމަ އެއީ 136،000 ޑޮލަރެވެ.

އިގްތިސާދީ ގޮތުން ރަޝިއާ ވެއްޓެމުންދާތީ ޕުޓިންގެ މުސާރަ ކުޑަކުރެއްވުމަށް ނިންމަވާފައިވީ ނަމަވެސް ޕުޓިންގެ މުސާރަ ބޮޑުކުރެއްވި ދުވަސްކޮޅެއް ވެސް ދިޔަ އެވެ. ނަމަވެސް އޭރު ލިބިވަޑައިގެންނެވި 150،000 ޑޮލަރަކީ ވެސް ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ލީޑަރުންގެ މުސާރައާ އަޅާ ބަލާއިރު މާ ބޮޑު އަދަދެއް ނޫނެވެ.

އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ލީޑަރަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެވެ. އަހަރެއްގެ މައްޗަށް އޮބާމާ އަށް މުސާރައިގެ ގޮތުގައި 400،000 ޑޮލަރު ލިބިވަޑައިގަންނަވަ އެވެ. އެމެރިކާގެ ރައީސްގެ މި މުސާރަ 200،000 ޑޮލަރުން މި ވަރަށް އިތުރުވެފައި ވަނީ އެގައުމުގެ ރައީސް ކަމަށް ޖޯޖް ޑަބްލިއު ބުޝް 2001 ވަނަ އަހަރު ވަޑައިގެންނެވި ހިސާބުންނެވެ. 

މި މުސާރައިގެ އިތުރުން ޓެކްސް-ފްރީ އާމްދަނީއެއްގެ ގޮތުގައި އޮމާބާ އަށް 50،000 ޑޮލަރު ލިބިވަޑައިގަންނަވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ލިސްޓްގެ ދެ ވަނާގައި ކެނެޑާގެ ބޮޑުވަޒީރު ސްޓެފަން ހާޕާ 260،000 ޑޮލަރުގެ މުސާރައެއްގައި އުޅުއްވާއިރު ތިން ވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބިލައްވާ ލީޑަރަކީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އެވެ. އަހަރެއްގެ މައްޗަށް މާކެލް އަށް 216،000 ޔޫރޯ (234،383 ޑޮލަރު) ލިބިވަޑައިގަންނަވަ އެވެ.

ޗާންސެލާ އާއި އެކަމަނާގެ ކެބިނެޓުގެ ވަޒީރުންގެ މުސާރަ އަށް ވަނީ މާޗް މަހު 2.2 ޕަސެންޓްގެ ކުރިއެރުމެއް ވެސް ލިބިފަ އެވެ.

ލިސްޓްގެ ހަތަރު ވަނާގައި 223،500 ޑޮލަރުގެ މުސާރައަކާ އެކު ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ އުޅުއްވާއިރު މި ލިސްޓްގެ ފަސް ވަނާގައި އުޅުއްވަނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އެވެ. ކެމަރަން އަށް އަހަރެއްގެ މައްޗަށް ލިބިވަޑައިގަންނަވަނީ 214،782 ޑޮލަރެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ މުސާރަ އަކީ އަހަރެއްގެ މައްޗަށް 202،700 ޑޮލަރެވެ. ލިސްޓްގެ ހަތް ވަނާގައި އުޅުއްވަނީ ފްރާންސްގެ ރައީސް ފްރާންސިސް އޮލާންޑާ އެވެ.

އޮލާންޑާ ފްރާންސްގެ ރައީސްކަމާ 2012 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވީ މުސާރައިން 30 ޕަސެންޓް ކުޑަކުރައްވައިގެންނެވެ. އެހެންވެ މިހާރު ލިބިވަޑައިގަންނަވަނީ އަހަރެއްގެ މައްޗަށް 194،251 ޑޮލަރެވެ. އެހެން ނޫން ނަމަ 274،522 ޑޮލަރު ލިބިވަޑައިގަންނަވާނެ އެވެ.

މި ލިސްޓްގެ އަށް ވަނާގައި ޕުޓިން އުޅުއްވާއިރު އިންޑިއާގެ ރައީސް ނަރެންދުރާ މޯދީގެ މުސާރަ އަކީ 30،300 އެމެރިކާ ޑޮލަރެވެ. އެއީ އަހަރެއްގެ މައްޗަށް 1،900،000 ރުޕީސް އެވެ.

ބޮޑެތި އަދި މުއްސަނދި ގައުމުތަކަށް ބަލާއިރު އެންމެ އާދައިގެ މުސާރައެއް ނަންގަވާ ލީޑަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން އެވެ. އޭނާ އަށް އަހަރެއްގެ މައްޗަށް ލިބިލައްވަނީ މުސާރައިގެ ގޮތުގައި އެންމެ 22،000 ޑޮލަރެވެ. އެ ވެސް މުސާރަ މި އަހަރުގެ ކުރީކޮޅު 60 ޕަސެންޓަށް ބޮޑުކޮށްގެންނެވެ.

ނަމަވެސް ދުނިޔޭގެ ލީޑަރުންނަށް ބަލާއިރު "އެންމެ ފަގީރު ރައީސުގެ" ގޮތުގައި މަޝްހޫރުވެ ވަޑައިގަތީ މި އަހަރުގެ މާޗް މަހާ ހަމަ އަށް އުރުގުއޭގައި ވެރިކަން ކުރެއްވި ހޯސޭ މުޝީކާ އެވެ.