ރިޕޯޓް

މާރުކޭޓު ހަމަޔަކަށް އަޅުވާކަށް ނުވޭތަ؟

Dec 14, 2016
2
  • ދަނޑުވެރިކަން ކޮންޓްރޯލް ބިދޭސީން ކުރޭ
  • މާރުކޭޓު ގޮޅިތަކުގައި ތަކެތި ވިއްކަނީ ބިދޭސިން
  • ރަށްރަށުގައި ދަނޑުވެރިކަން ކުރުމުގައި ވެސް އުޅޭ

"މާލެ ލޯކަލް މާރުކޭޓު" ކިޔަނީ ދިވެހި އުފެއްދުންތައް ވިއްކާ މާރުކޭޓަށެވެ. އެހެންވެ އެތަނުގައި ވިއްކަން ޖެހޭނީ ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ. ތަކެތި ވިއްކަން ވެސް ތިބެން ޖެހޭނީ ދިވެހިންނެވެ. ނަމަވެސް މާލެ ލޯކަލް މާރުކޭޓުން ފެންނަނީ މި މަންޒަރެއް ނޫނެވެ. ލޯކަލް މާރުކޭޓްގެ ބޮޑު ބައެއް ހިފާފައި ވަނީ އިމްޕޯޓް މުދަލާއި ބިދޭސީންނެވެ. އެތަނުގައި މިހާރު ވިއްކަނީ އިމްޕޯޓު މުދަލެވެ. މާރުކޭޓުގެ "ވެރިންނަކީ" ބިދޭސީންނެވެ. މާރުކޭޓު ހަމައަކަށް އަޅުވަން މިއޮތީ މާ ލަސްވެފަ އެވެ. ސުވާލަކީ މާރުކޭޓުން ބިދޭސީންގެ ވެރިކަން ނިމުމަކަށް ގެނެވިދާނެ ހެއްޔެވެ؟

"މިތަން [މާރުކޭޓު] ބިދޭސީން އިތުރުވާ އެއް ސަބަބަކީ ދިވެހިންގެ ކަންނެތްކަން. ދިވެހިން ބޭނުމެއް ނުވޭ މިތަނުގައި މަސައްކަތް ކުރާކަން،" މާރުކޭޓު ގޮޅިއެއް ހިންގާ، އަހުމަދު ނަސީމުގެ ހިޔާލު ހުރީ މިގޮތަށެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖޭގައި ލައްކައެއްހާ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި އިމިގްރޭޝަންގެ ހިސާބުތައް ދައްކާ ގޮތުގައި މީގެ ތެރެއިން 20،000 ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ މީހުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް މަސައްކަތް ކުރަނީ އިމާރާތް ކުރުމުގެ ދާއިރާގަ އެވެ. ނަމަވެސް މިހާރު ފެންނަ ފެނުމުގައި ރާއްޖޭގައި އުފެދި ފުޅާވަމުންދާ ދަނޑުވެރިކަމުގައިވެސް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރެ އެވެ. ހާއްސަކޮށް މާލެ، ލޯކަލް މާރުކޭޓުގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ތަކެތި ވިއްކުމުގައި އުޅެ އެވެ.

މީގެ އިތުރުން މިކަމަށް ހައްލު ގެންނަނަމަ އިތުރު އެހެން ބަދަލުތައް ވެސް ގެންނަން ޖެހެ އެވެ. މިގޮތުން ގެންނަން ޖެހޭ މުހިންމު އެއް ބަދަލަކީ ރަށްރަށުގެ ދަނޑުތައް ބެލެހެއްޓުން ހަރުދަނާ ކުރުމެވެ. މިހާރުގެ އަމަަލު ކުރާ ގޮތަށް ބަލާއިރު، ރަށްރަށުގެ ދަނޑުތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ދަނޑުތައް ހައްދަނީ ބިދޭސީންނެވެ. އަދި މުދާ ގެނެސް ދޯނީގައި ހުއްޓައި ބިދޭސީން ދޯންޏަށް އަރައި، ހުރިހާ ސާމާނު ކޮޅު ގަންނަނީ އެވެ.

ނަމަވެސް، މި މައްސަލަ ހައްލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން މިވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. މި މަސައްކަތްތަކުގެ ތެރޭގައި ލޯކަލް މާރުކޭޓު ގަވާއިދަށް ފެއްތުން ހިމެނެ އެވެ.

މާރުކޭޓް ހަމަޔަކަށް އަޅުވަން އަޅާ ފިޔަވަޅުތައް

  • މަސައްކަތު މީހާގެ ޔުނީފޯމެއް ކަނޑައެޅުން
  • ކޭޝިއަރުންގެ ގޮތުގައި ދިވެއްސެއް ހުރުން
  • މަސައްކަތުގެ މީހާގެ ޔުނީފޯމްގައި ގޮޅީގެ ނަމްބަރު ޖެހުން
  • ގޮޅިއަށް މަސައްކަތު މީހެއް ގެންނަން ކޯޓާ ދިނުން

މި މަސައްކަތްތަކުގެ ދަށުން ގޮޅިތަކުގެ ވެރިންނާ އިކޮނޮމިކް މިނިސްޓްރީން ވަނީ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތައް ވަނީ ހަތަރު ކަމެއް ހުށަހަޅާފަ އެވެ. ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކޭޝިޔަރުންގެ ގޮތުގައި ދިވެހިން ތިބުން ލާޒިމް ކުރުން އެގޮތުގައި ދެމެހެއްޓުމާއި ގޮޅީގައި މަސައްކަތް ކުރުމަށް ބިދޭސީ މަސައްކަތު މީހަކު ގެންގުޅުމެވެ. މިގޮތުން ލިބޭ މަސައްކަތު މީހަކަށް ހާއްސަ ޔުނީފޯމެއް އޮންނަން ޖެހުން ހިމެނެ އެވެ. އަދި އެ ޔުނީފޯމްގައި ގޮޅީގެ ނަމްބަރު ހުރުން މުހިންމު ކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ގޮޅީގައި މަސައްކަތް ކުރަން އެއް ބިދޭސީއެއް ގެނައުމަށް ކޯޓާއެއް ހަމަޖައްސައި ދިނުމަށް އެދިފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މާލޭގެ މާރުކޭޓުތައް ގަވާއިދަށް ފެއްތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ބަދަލު ތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދަނީ ގޮޅިތަކުގެ ވެރިންނާ ގުޅިގެން ކަމަށެވެ.

"ގޮޅިތައް ހިންގާ ފަރާތްތަކާ ގުޅިގެން އެ މަސައްކަތް ކުރަމުން މި ދަނީ. އެ ބޭފުުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްފަހު މިހާރު ވާނީ އެ ބޭފުޅުންގެ ހުށަހެޅުން އެނގިފައި. ގޮޅިތަކުގެ ވެރިންގެ ކޮންސާންވެސް އެބަހުރި. މީގެ ތެރޭގައި ދިވެހިން ގެނެސްގެން ވަޒީފާގައި ނުތިބުމާއި، ދޯނި ފަހަރުން އުފުލަން ޖެހޭ އެއްޗިހި ގެނައުމުގައި ދަތިވުން ފަދަ ކަންކަން ހިމެނޭ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރުކޭޓުގައި އިމްޕޯޓު މުދާ ވިއްކުމަކީ މަނާކަމެއް ކަމަށާ ނަމަވެސް، މިކަން ހުއްޓުވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"ބައެއް ބާވަތްތައް އެބަހުރި ރާއްޖޭގައި ހައްދާ އެއްޗިއްސާ އިމްޕޯޓު ކުރާ އެއްޗިހި ނޭނގޭހާ އެއްގޮތް ބާވަތްތައް މިސާލަކަށް ކަރާ އާއި ލުނބޯ. މި ބާވަތްތައް ވަކި ކުރަން ދަތިވޭ. ނަމަވެސް މިކަންވެސް ހުއްޓުވުމަށް މަސައްކަތް ތަކެއް ކުރަމުން މިދަނީ،" އަބްދުﷲ ވިދާޅުވި އެވެ.

އިނޮމިކް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، އެ މިނިސްޓްރީގެ ލަނޑުދަނޑިއަކީ އަންނަ އަހަރު ޖެނުއަރީ މަހު މާރުކޭޓުތަކުގައި އުސޫލެއް ކަނޑައެޅުމެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ގާނޫނުތަކާއި ގަވާއިދުތަކަށް މި ތަން ފެއްތުމެވެ.

މާރުކޭޓަކީ ޒަމާނުއްސުރެ، ދިވެހިންގެ ދިވެހި ވަންތަކަން އެންމެ ބޮޑަށް ފެނިގެން ދިޔަ އެއް ތަނެވެ. ނަމަވެސް މިހާރު މިތަންވެސް ބަދަލުވެއްޖެ އެވެ. މިތަނުގައި ބިދޭސީން އަށަގަތުމުން ސަލާމަތް ކުރަން ހަރުދަނާ ފިިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެހެންނޫންނަ މިކަން ހަމައިން ނައްޓައިލުން އޮތީ ދުރަކު ނޫނެވެ.